މިއަދު މި ފެންނަނީ ސިޔާސީ އަމިއްލަ މަންފާއަށް މުޅި ގައުމު ހަލާކުގެ ތެރެއަށް ވައްޓާލަން ކުރެވޭ މަސައްކަތްތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.

ދިވެހިންގެ އެއްބައިވަންތަ ކަމުގެ ދުވަހުގެ މުނާސަބަތުގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމްގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖެއިން މިއަދު ފެންނަމުންދާ މަންޒަރު ތަކާއި އިވޭ އަޑުތަކުން އެކުވެރި ކަމުގެ ފޭރާން ވީދި ހަލާކުވެފައި އޮތް ވަރު ވަރަށް ސާފުކޮށް ހާމަވާ ކަމަށާއި އަމިއްލަ މަސްލަހަތުގެ ކުރިމަތީގައި ގައުމުގެ މަސްލަހަތުތައް ފަހަތަށް ޖައްސާލެވޭ ތަން ފެންނަ ކަމަށެވެ.

ރައީސް ވިދާޅުވީ އެފަދަ އަމަލުތަކަކީ އެކަންކަމާ މެދު ފުންކޮށް ވިސްނާ ފިކުރުކޮށް ރަނގަޅުކުރަން ޖެހިފައިވާ ވަރަށް ހިތާމަވެރި ކަންތައްތަކެއް ކަމަށާއި ހީނަރުވެފައިވާ ގައުމީ އެއްބައިވަންތަކަން ދިރުވާ އާލާ ކުރުމަކީ ކޮންމެ ރައްޔިތެއްގެވެސް މަސްއޫލިއްޔަތެއް ކަމަށެވެ. ގައުމެއް މިފަދަ ހާލަތަކަށް ވެއްޓިގެންދާއިރު ގައުމު ހަމަ އިސްކޮޅަށް ތެދުކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ގިނަ ކަމަށާއި އެކަމުގައި އެއްވެސް ފަރާތަކުން ފަސްޖެހިގެން ނުވާނެ ކަމަށެވެ.

"ގައުމުގެ ތެރެއިން ފެންނަމުންދާ މަންޒަރުތަކާއި އިވޭ އަޑުތަކުން، ދެކެވޭ ވާހަކަތަކާއި ލިޔެވޭ ލިޔުންތަކުން، ފެންނަމުން މިދަނީ އުޚްވަތްތެރި ކަމުގެ ފޭރާން ވީދި ހަލާކުވެފައިވާ މަންޒަރު. ސިޔާސީ އަމިއްލަ މަންފާއަށްޓަކައި ގައުމު ހަލާކުގެ ތެރެއަށް ވައްޓާލާ މަންޒަރު. އަމިއްލަ މަސްލަހަތުގެ ކުރިމަތީގައި ގައުމުގެ މަސްލަހަތުތައް ފަހަތައް ޖައްސާލެވޭ މަންޒަރު،" ރައީސް ވިދާޅުވި އެވެ.

ފަރުދީ ޒިންމާއަށް ފަސްނުޖެހި ގައުމުގެ އެއްބައިވަންތަކަމާއި އަމިއްލަ މަސްލަހަތުގެ ކުރިއަށް ގައުމީ މަސްލަހަތު އިސްކުރަން ޖެހިފައިވާ ކަމަށާއި މުޖުތަމައުގައި ބައިބައިވުން އުފެދި ފިތުނައިގެ އަލިފާންގަނޑު ތައް ބޮޑުވެ އަނދަމުންދާނަމަ އެ ހޫނުގެ ނޭދެވޭ އަސަރު ގައުމަށް ކުރާނެ ކަމަށެވެ. އަދި ވިދާޅުވީ ގައުމީ އެއްބައިވަންތަކަން ހީނަރުވާ ކޮންމެ ވަގުތަކީ ބޭރުގެ ނުފޫޒު ތަކަށް ފުރުސަތުދެވޭ ވަގުތު ކަމަށެވެ.

"އަމިއްލަ މަސްލަހަތުގެ ކުރިއަށް ގައުމީ މަސްލަހަތު އިސްކުރަން ޖެހޭ. އަޅުގަނޑުމެން ތެރޭގައި ބައިބައިވުން އުފެދި ފިތުނައިގެ އަލިފާންގަނޑު ބޮޑުވެ އަނދަމުން ދާނަމަ އެ އަލިފާނުގެ ހޫނުގެ އަސަރު މުޅިގައުމަށްކުރާނެ،" ރައީސް ވިދާޅުވި އެވެ.

ދިވެހިރާއްޖޭގެ އެއްބައިވަންތަކަމުގެ ދުވަހާއި ބެހޭގޮތުން ވިދާޅުވީ ސުނާމީ ކާރިސާގައި ރާއްޖޭގެ ބައެއް ރަށްރަށަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދިޔައިރު ގިނަ ބައެއްގެ ގެދޮރު ގެއްލި ހާލުގައިޖެހުނު ކަމަށާއި، އޭގެތެރޭގައި ލިބުނު ގެއްލުންތައް ބޮޑުކަމުން ބައެއް ރަށްރަށުގައި މީހުންނަށް ދިރިނޫޅެވޭވަރުވެގެން އެހެން ރަށްރަށަށް މީހުން ބަދަލުކުރަން ޖެހުނު ކަމަށެވެ.

ނުވަ ރަށެއް ފިޔަވައި ރާއްޖޭގެ ހުރިހާ ރަށަކަށްވެސް ސުނާމީގެ އަސަރުކުރި އެވެ. ރައީސް ވިދާޅުވީ ހާލުގައި ޖެހުނު ބައެއް މީހުންނަކީ ހަމައެކަނި އަމިއްލަ ނަފްސު ފިޔަވައި އެހެން އެއްވެސް އެއްޗެއް ނެތި މުޅި ދިރިއުޅުން ގެއްލިގެންދިޔަ މީހުން ކަމަށާއި އެތައް ދުވަހެއްގެ ބުރަ މަސައްކަތުން އާރާސްތުކުރަމުން ދިޔަ ދިރިއުޅުން ބިޔަ އުސް ރާޅުގެ ތެރޭގައި އޮޔާ ގޮސް ގެއްލުނު ކަމަށެވެ. އެ ބޮޑު ޤުދުރަތީ ކާރިސާގައި މުޅި ރާއްޖެ ކަނޑުގެ ތެރެއަށް ގެނބިގެންދިޔަ ހިތްދަތި އަދި އަސަރުގަދަ ދުވަހަކީ ދުވަހަކުވެސް ފުހެވިގެންދާނެ ހިތާމައެއް ނޫން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ދެހާސް ހަތަރުވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވީ އާދީއްތަ ދުވަހު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި ދިވެހިންގެ ތެރެއިން އައްޑިހަ ދެމީހުން މަރުވި އެވެ. އަދި 26 މީހުންވަނީ ވީނުވީއެއް ނޭނގި ގެއްލިފަ އެވެ.