ބައްތިރީސް ވަނަ ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ފިރިހެން އެއްވަނަ ޑިވިޒަންގެ ސެމީފައިނަލުގެ ދެވަނަ މެޗުގައި ރޭ ހަރިކޭން ބާސްކެޓްބޯޅަ ކުލަބާއި ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) ބައްދަލު ކުރި މެޗު ހަރިކޭން ކާމިޔާބު ކޮށް ސެމީފައިނަލުގެ ތިންވަނަ މެޗުން ޖާގަ ހޯދައިފި އެވެ.

ހަރިކޭން އިން ޑީއެސްސީގެ މައްޗަށް ރޭގެ މެޗުގައި ކާމިޔާބުހޯދީ 82 ޕޮއިންޓް 78 ޕޮއިންޓުންނެވެ. އެ މެޗުގައި ހަރިކޭން އަށް އެންމެ ގިނަ ޕޮއިންޓު ހޯދައި ދިނީ 30 ޕޮއިންޓު އެއްކޮށް ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި އޮބީ ސަންޑޭ އެވެ. ޑީއެސްސީ އަށް އެންމެ ގިނަ ޕޮއިންޓު އެއްކޮށްދިނީ 31 ޕޮއިންޓު ހޯދި މަމްސިލޯ ލަޓިނޯވިޗް އެވެ.

ރޭގެ މެޗުން ހަރިކޭން މޮޅުވުމުން ތިންވަނަ ސެމީގައި އެޓީމު ވާދަކުރާނީ ފުރަތަމަ ސެމީން ބަލިވި ރެޑްލައިން ކުލަބާ އެވެ. ތިންވަނަ ސޭމީ އިން މޮޅުވާ ޓީމަކަށް ހުކުރު ދުވަހުގެ ރޭ ގައުމީ މުބާރާތުގެ ފައިނަލުގައި ޓީ-ރެކްސްއާ ވާދަކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

ސެމީ ފައިނަލުގެ ތިންވަނަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ 21:00ގައި ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގަ އެވެ.