26 Dec 2012, 12:25
އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ތައްޔާރީތަށް ފަރުދާގެ ފުރަގަހުން ވަމުންދާކަމަށް ޑީއާރުޕީގެ ލީޑަރު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.
ރޭ ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގުރާމުގައި ވާހަކަފުޅު ދައްކަވަމުން ތަސްމީން އަލީ ވިދާޅުވީ އެޕާޓީ 2013ގެ އިންތިހާބަށް ތައްޔާރަށް އޮތް ކަމަށާއި އެގޮތުން ފަރުދާގެ ފުރަގަހުން ކުރަންޖެހޭ މަސައްކަތްތަށް މިހާރު ކުރަމުން އަންނަ ކަމަށެވެ.
"ރިއާސީ އިންތިހާބަށް ވަމުންދާ ތައްޔާރީއަކީ ފަރުދާގެ އަނެއް ފަރާތުގައި ވަމުންދާ އިންތިޒާމްތަކެއް އެއަށް ބަދަލެއް ނާދޭ އެ މަސައްކަތް ދަނީކުރަމުން،" ތަސްމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޑިއާރުޕީ އަށް ނިސްބަތްވާ ރަށު ކައުންސިލްތަކުގެ މެންބަރުން ޑިއާރުޕީ އިން ވަކިވެވަޑައިގަތުމަކީ މައްސަލައެއް ނޫން ކަމަށާއި އެބޭފުޅުން ޕާޓީން ވަކިވަމުން ދަނީ އެ ފަރާތްތަކީ ޕާޓީ ބައިބައިވުމުގެ ތެރޭގައި ތިބި ޑީއާރުޕީގެ ފިކުރާ ހިލާފު ފަރާތްތަކަށް ވުމުން ކަމަށެވެ. އަދި ވިދާޅުވީ ޑީއާރްޕީގެ ފިކުރާ ހިލާފު ފަރާތްތަކުން އެ ޕާޓި ދޫކޮށް ދިއުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.
އަދި ވިދާޅުވީ ޑިއާރްޕީއަކީ ވަކި ބޭފުޅެއްގެ ޕާޓީއެއް ނޫން ކަމަށާއި އެންމެ ބޭފުޅަކާ ހެދި އެ ޕާޓީ ރޫޅިގެންދާ ނަމަ މައުމޫން އަބުދުލްގައްޔޫމް ޑިއާރްޕީ ދޫކޮށްފައި ދިއުމުން އެ ޕާޓީ ނެތި ދިޔައީސް ކަމަށެވެ.
"ޑިއާރްޕީ ދެބައިވުމަކީ އަޅުގަނޑު ގަބޫލު ކުރާގޮތުގައި ޑިއާރްޕީ އަށް ލިބުނު ހަރުދަނާކަމެއް. އެއީ ޑިއާރްޕީގެ ފިކުރަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޑިމޮކުރަޓިކް ފިކުރު، ވަކި ބޭފުޅެއް ފަހަތުގައި، ވަކިބޭފުޅެއް ހުންނެވި ޕާޓީއަކަށް ޑިއާރްޕީ ވެއްޖިއްޔާ އެއީ ޑިއާރްޕީއަށް ލިބޭ ހީނަރުކަމެއް،" ތަސްމީން ވިދާޅުވި އެވެ.
ތަސްމީން ދައްކަންޖެހޭ ލޯނެއް އޮތްކަމަށް ބުނެ ދައްކަވަމުންދާ ވާހަކަތަކަށް ރައްދުދެއްވައި ތަސްމީން ވިދާޅުވީ އޭނާ ދައްކަން ޖެހޭ ލޯނެއް ނޯންނާނެ ކަމަށެވެ. އަދި ރައްޔިތުން މަޖިލީހަށް ނިސްބަތްވާ ޑިއާރްޕީގެ ދެ މެންބަރުންކަމަށްވާ އާޒިމް އާއި ނާޝިޒްގެ ގޮނޑިގެއްލޭނެ ކަަމަށް ބުނާ މައްސަލައިގައި ތަސްމީން ވިދާޅުވީ އެމައްސަލައަކީ ޝަރީއަތުގައި އޮތް މައްސަލައަކަށްވުމުން އެ މައްސަލައިގެ ތަފްސީލަށް ދާން ނުޖެހޭ ކަމަށާއި ބޭފުޅުންގެ ލޯޔަރުން އެ ގޮނޑި ނުގެއްލޭނެ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި ޑިއާރްޕީ ދޫކޮށް މެންބަރަކު އެހެން ޕާޓިއަކަށް ނުދާނެކަމުގެ ޔަގީންކަން އޮތްކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ. އަދި ތަސްމީންގެ ވާހަކަތަކުގައި ގައުމީ ހަރަކާތަށް ފާޑުވިދާޅުވެ ވިދާޅުވީ "ގައުމީ ހަރަކާތުން" މިހާރު ކުރިއަށްގެންދަނީ ދެކޮޅުޖެހޭ ކަމެއް ނޫން ކަމަށެވެ.