ހއ. ހޯރަފުށީ ނޫރީގޭ މުހައްމަދު އަރުހަމް، 16 މަރާލިކަމަށް ތުހުމަތު ކުރެވޭ ހަތަރު މީހުންގެ ޝަރީއަތް ކެންސަލްކޮށްފި އެވެ.

ކްރިމިނަލް ކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މީހުންގެ ޝަރީއަތް ކެންސަލް ކޮށްފައި ވަނީ ދިފާއީ ވަކީލު ކޯޓަށް ހާޒިރުވެވަޑައި ނުގަތުމުން ކަމަށެވެ.

އަރްހަމް މަރާލި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާކޮށްފައި ވަނީ ލ. މާވަށު އެވާބްލޫ މުހައްމަދު ވިސާމް، 19، އާއި ހަމަ އެ ރަށު އަސަަރީގޭ މަންސޫރު ޔޫސުފު، 25، އާއި ގދ. ގައްދޫ ގުންޒަރު މުހައްމަދު ސުފުޔާން، 19، ގެ އިތުރުން މއ. ސީނަރީވިޔު އާތިފް ރަޝީދު، 21،ގެ މައްޗަށެވެ.

އެ މީހުންގެ ޝަރީއަތް ފަށާފައި ވަނީ މިދިޔަ މަހުގެ ފުރަތަމަ ދުވަހު އެވެ. އެ ދުވަހުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ވަނީ އެމީހުންގެ މައްޗަށް ދައުވާ އިއްވާފަ އެވެ. ނަމަވެސް ދައުވާ އަށް ޖަވާބުރާރީވުމަށް އެ މީހުންނަށް އެދުވަހު ފުރުސަތު ދީފައެއް ނުވެއެވެ.

އެ ދުވަހުގެ ޝަރީއަތުގެ މަޖިލީހުގައި ވަކީލަކު އައްޔަން ކުރަން ބޭނުންވާކަމަށް އެ މީހުން ބުނުމުން ޝަރީއަތުގެ މަޖިލީސް ގާޒީ ނިންމަވާލެއްވީ އެ މީހުންނަށް އެ ފުރުސަތު ދިނުމަށް ފަހު އެވެ.

އެ މީހުންގެ މައްޗަށް ދައުލަތުން ކޮށްފައި ވަނީ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ. އެ މީހުންގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި ބުނަނީ މި އަހަރުގެ މެއި މަހުގެ 30 ވަނަ ދުވަހުގެ ރޭ ދަންވަރު ކުއްލިއްޔާގެ އިރަށް އޮންނަ ލޮރެންޒޯ ޕާކްތެރޭގައި އަރުހަމް ހުއްޓައި ދަންވަރު 1:00 އާއި ހެނދުނު 6:30 އާއި ދެމެދުގެ ވަގުތެއްގައި އެ މީހުންގެ ތެރެއިން އާތިފް އާއި އިތުރު ބަޔަކާ އެކު ވިސާމާއި މަންސޫރު އަދި ސުފުޔާން ސައިކަލްތަކެއްގައި ގޮސް ޕާކްކައިރިއަށް މަޑު ކުރި ކަމަށެވެ. އަދި ސައިކަލްތަކުގައި މަޑުކުރުމަށް ފަހު ވިސާމާއި މަންސޫރު އަދި ސުފުޔާން ޕާކްތެރެ އަށް ވަދެ އަރުހަމާ މެދު މާރާމާރީ ހިންގުމަށް ފަހު އެ އެންމެން އާތިފް ރަޝީދާއި އިތުރު ބަޔަކާ އެކު ސައިކަލްތަކުގައި އެތަނުން ގޮސްފައިވާ ކަމަށް ވެސް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.

އަރުހަމު މަރާލީ އޭނާ ދަރުމަވަންތަ ސްކޫލްގެ ގްރޭޑް 9ގައި ތައުލީމް ހާސިލް ކުރަމުން ދަނިކޮށެވެ. ވަޅިހަރައި އޭނާ މަލާރާލާފައި އޮއްވައި ފެނުނީ ފުލުހުންގެ މީހަކަށެވެ.