ގުއަންޓަނާމޯބޭ ޖަލުން ގައިދީން ނުގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސް ކޮށްފައިވަނިކޮށް، އެ ޖަލުން ރާއްޖެއަށް ގައިދީއަކު ގެންނާނެ ކަމަށް އިޝާރާތްކުރައްވައި، އެމީހާއަށް މަޖިލީހުން "މަރުހަބާ" ވިދާޅުވާނެ ކަމަށް އުއްމީދުކުރައްވާ ކަމުގައި ފޮރިން މިނިސްޓަރު ޑރ.އަހްމަދު ޝަހީދު ވިދާޅުވެއްޖެ.


ކިއުބާގައި ހުންނަ އެމެރިކާގެ އަސްކަރީ ޖަލު، ގުއަންޓަނާމޯ ބޭ ނުވަތަ ގިޓްމޯ ބޭ ޖަލުން ރައްޔިތުންގެ މަޖިލީހުގެ ރުހުމެއް ނެތި އެއްވެސް ގައިދީއަކު ރާއްޖެ ނުގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ 43 މެމްބަރުންގެ ވޯޓުން ފާސްކޮށްފައިވަނިކޮށް، އެ ނިންމުމާ ޚިލާފަށް ސަރުކާރުން ގިޓްމޯބޭގެ ގައިދީއަކު ގެންނާނެ ކަމަށް ދޭހަވާ ގޮތަށް ޑރ. ޝަހީދު ވާހަކަފުޅު ދެއްކެވީ މިދިޔަ ހޮނިހިރު ދުވަހު އެމެރިކާގެ ނިއުޔޯކްގައި އޮތް އިސްލާމީ ގައުމުތަކުގެ ހާރިޖީ ވަޒީރުންގެ އަހަރީ ބައްދަލުވުމުގައި.


ޑރ.ޝަހީދު ދެއްކެވި ވާހަކަފުޅާ ހަވާލާދީ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައިވާ ގޮތުން، ރާއްޖެއަށް އައުމަށް ދައުވަތު ދެނީ، އެ ޖަލުގައި ހުރި ހަމައެކަނި ފަލަސްތީނަށް ނިސްބަތްވާ މީހާއަށެވެ. އަދި ފަލަސްތީނުގައި އުޅޭ އަޚުންނާ މެދު ދިވެހިންގެ މެދުގައިވާ ލޯތްބާއި އަޅާލުން ދައްކައިދިނުމަށްޓަކައި، ގިޓްމޯއިން ރާއްޖެ އައުމަށް ދައުވަތު ދީފައިވާ ގައިދީއަށް ރައްޔިތުންގެ މަޖިލީހުން "މަރުހަބާ" ކިޔާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ފޮރިން މިނިސްޓަރ ވިދާޅުވި ކަމަށް ވެސް އެބަޔާނުގައި ވެއެވެ.


"މިނިސްޓަރު ވިދާޅުވީ، ފަލަސްތީނުގެ އަޚުންނަށް ކޮށްދޭ ހެޔޮކަމެއްގެ ގޮތުގައި އާއި ފަލަސްތީނާއެކު ދިވެހިން ވާކަމުގެ ނިޝާނެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލިހުން އެ ގައިދީ އަށް މަރުހަބާ ކިޔާނެ ކަމަށް އުއްމީދުކުރާ ކަމަށް" އެ ބަޔާނުގައި ބުނެފައިވެއެވެ.


ނަމަވެސް، ގިޓްމޯ ޖަލުގެ ގައިދީން ރާއްޖެ ގެންނަ ނަމަ މަޖިލީހުގެ ރުހުން ހޯދަން ޖެހޭ ގޮތަށް މަޖިލީހުން ވަނީ މިދިޔަ ޖުލައި 14 ގައި ބޭއްވި މަޖިލީހުގެ ޖަލްސާގައި ފާސްކޮށްފަ އެވެ. މިއީ ރާއްޖޭގެ ސަލާމަށް ނުރައްކާވެދާނެ ކަމެއް ކަމަށް ވިދާޅުވެ، މަޖިލީހަށް އެ މައްސަލަ ވެއްދެވީ ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދެވެ. އަދި ހުށަހެޅުން ފާސްވެގެން ގޮސްފައިވަނީ އެ ޖަލްސާގައި ހާޒިރުވެ ތިއްބެވި 74 މެމްބަރުންގެ ތެރެއިން 43 މެމްބަރުން ވޯޓުދެއްވައިގެންނެވެ.


ފޮރިން މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއިން ފަލަސްތީނަށް ފުރަތަމަ ފަހަރަށް ސަފީރަކު ކަނޑައެޅުމަށް ދާދިފަހުން މަޖިލިހުން ފާސްކޮށްފައިވާކަން ވެސް ފާހަގަ ކުރެއްވި ކަމަށެވެ. އަދި ދިވެހިންގެ ހިތްތަކުގައި ފަލަސްތީނުގެ އަޚުންނާއި އުޚުތުންނާ މެދު އޮތް ލޯތްބާއި އަޅާލުމާ ގުޅޭ ގޮތުން ޑރ.ޝަހީދު ވާހަކަދެއްކެވި ކަމަށް ވެސް ވިދާޅުވެފައިވެއެވެ.


އިސްލާމީ ގައުމުތަކުގެ ޚާރިޖީ ވަޒީރުންގެ އެ ބައްދަލުވުމުގައި، ރާއްޖެއިން ކޮސޯވޯގެ މިނިވަންކަމަށް ތާއީދުކުރާ ކަމަށް ވިދާޅުވެފައިވެއެވެ. އަދި ދުނިޔޭގައި ފެތުރިފައިވާ "އިސްލާމޮފޯބިއާ" ނުވަތަ މުސްލިމުންނާ ދެކޮޅަށް ހިންގޭ ހަރަކާތްތައް ކުށްވެރިކުރައްވާފައި ވެއެވެ. އަދި އިސްލާމީ އުއްމަތަ އެހެނިހެން މުޖުތަމައުތަކާމެދު މަޝްވަރާކޮށްގެން ގުޅުން ބަދަހި ކުރުމަށް ގޮވާލައްވާފައިވެއެވެ.