އެކާވީސް އަހަރުން ދަށުގެ ކުޅުންތެރިންނަށް އަމާޒު ކޮށްގެން އަންނަ މަހުގެ 10 އެއްގައި ފެށުމަށް ހަމަޖައްސާފައިވާ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ފަސް ކޮށްދިނުމަށް ހަތަރު ކުލަބުން އެފްއޭއެމްގައި އެދިއްޖެ އެވެ.

ސަން އޮންލައިނަށް މައުލޫމާތު ލިބިފައިވާގޮތުން، މުބާރާތް ފަސް ކޮށްދިނުމަށް އެދި އެފްއޭއެމްއަށް ސިޓީ ފޮނުވި ހަތަރު ކުލަބަކީ ކުލަބް ވެލެންސިޔާ އާއި ބީޖީ ސްޕޯޓްސް ކުލަބާއި އޭވައިއެލް އަދި އީގަލްސް އެވެ.

ވެލެންސިޔާގެ ޗެއާމަން އިބްރާހީމްރާއީ ރަޝީދު ވިދާޅުވީ، މުބާރާތް ފަސް ކޮށްދިނުމަށް އެދި މީގެ ދެ ދުވަސް ކުރިން އެފްއޭއެމްއަށް ސިޓީ ފޮނުވާފައި ވާނެ ކަމަށެވެ. އަދި އެކަމުގެ އިތުރު ތަފްސީލެއް ރާއީ ނުދެއްވަ އެވެ.

އެފްއޭއެމް އިން ބުނީ، މުބާރާތް ފަސް ކޮށްދިނުމަށް އެދި ބައެއް ކުލަބު ތަކުން ސިޓީ ފޮނުވި ކަމުގައި ވިޔަސް، އެކަމަށް ގޮތެއް ނިންމާނީ މިއަދު އެފްއޭއެމްގައި އެކަމާގުޅިގެން އޮންނަ ބައްދަލު ވުމަކަށް ފަހު ކަމަށެވެ.

އެހެން އަހަރުތަކަކާ ހިލާފަށް މިފަހަރުގެ ޔޫތް ޗެމްޕިއަންޝިޕްގައި ޖުމްލަ 12 ޓީމް ބައިވެރި ކުރާގޮތަށް އެފްއޭއެމްއިން ނިންމާފައި ވީއިރު، މިމުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުން ނަކީ ވިކްޓަރީ އެވެ.