26 Dec 2012, 11:32
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބެޖަޓަށް ބައެއް މެންބަރުން ހުށަހެޅި ބައެއް އިސްލާްހްތަކަށް ބަލައި ނުގަނެ ފޮނުވާލަފައިވާތީ މަޖިލީސް ހޫނުވެއްޖެ އެވެ.
ބައެއް މެންބަރުން ވިދާޅުވަމުން ގެންދެވީ ބަޖެޓަށް ހުށަހަޅާފައިވާ އިސްލާހްތަކުގެ ތެރެއިން އަނބުރާ ފޮނުވާލާފައިވާ އިސްލާހްތަކަކީ ހުށަހެޅޭނެ އިސްލާހެއް ތަކެއް ކަމަށާއި ރިޔާސަތުން ކަންކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށެވެ.
އެގޮތުން ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރު ވަނީ އޭނާ ހުށަހެޅި އިސްލާހަކީ ބަލައިގަނެވޭނެ އިސްލާހެއް ކަމަށް ވިދާޅުވެ އެކި ފަހަރުގެ މަތީން ނިޒާމީ ނުކުތާ ނަންގަވާފަ އެވެ.
"އަޅުގަނޑު މި ހުށަހަޅާފައިވާ އިސްލާހަކީ ގާނޫނު އަސާސީގެ 75 މާއްދަގެ ރޫހާއި އެއްގޮތަކަށް ވެސް ހިލާފަށް ހުށަހަޅާފައިވާ އިސްލާހެއް ކަމަކަށް އަޅުގަނޑު ނުދެކެން. މިއީ މުޅި ރާއްޖޭގެ ރައްޔިތުނަށް ހިދުމަތްކޮށްދިނުމަށް ދައުލަތުގެ ބަޖެޓް ފިނޭސް މިނިސްްޓްރީ މަޖިލީހަށް ހުށަހެޅި ގޮތަށް ފާސްކޮށްދިނުމަށް ހުށަހަޅާފައިވާ އިސްލާހެއް، ކޮމެޓީން ނިންމި ނިންމުތައް އޭގައި ހިމަނައިގެން،" އާމިރު ވިދާޅުވި އެވެ.
މީގެ އިތުުރުން ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ވެސް ވަނީ ބަޖެޓަށް ހުށަހެޅި އިސްލާހުތައް މަޖިލީހުގެ ރިޔާސަތުން ބަލައިގެން ގޮތާމެދު ހިތްހަމަ ޖެހިވަޑައިނުގަން އެކި ފަހަރުގެ މަތިން ނިޒާމީ ނުކުތާތައް ނަންގަވައިފަ އެވެ.
އެއާއެކު މަޖިލިސް އިތުރަށް ހޫނު ވެގެން ދިޔައީ އިސްލާހުތައް ހުށަހަޅަމުން ދިޔައިރު އެމްޑީޕީ މެންބަރުން ނަންގަންވަން ނިޒާމީ ނުކުތާއް ނަންނަގަވަން ފެށުމުންނެވެ.
އެމްޑީޕީ ޕާލަމެންޓްރީ ގުރޫޮޕްގެ މެންބަރުން "ފުލު ފުލުން" ނަންގަވަން ފެށި ނިޒާމީ ނުކުތާކުގައި ވިދާޅުވަމުން ގެންދެވީ އެ މެންބަރުން ތަމްސީލްކުރައްވާ ދާއިރާތަކަށް ބަޖެޓްގައި ކަންކަން ހިމަނާފައިނުވާ ވާހަކަ އާއި އެއީ ގާނޫނު އަސަސީއާ ހިލާފަށް ކޮށްފައިވާ ކަމެއްގެ ވަހަކަ ކަމަށެވެ.
ނަމަވެސް މަޖިލީހުގެ ރިޔާސަތުން ވަނީ ބަޖެޓަށް ހުށަހެޅި އިސްލާހްތަކުގެ ތެރެއިން ހުށަނޭޅޭނެ އިސްލާހުތައް ހުށަނޭޅޭނެ ސަަބަބު މަޖިލިސް މެންބަރުނަށް ލިޔުމުން އަންގާފައިވާނެ ކަމަށް ވިދާޅުވެފަ އެވެ. ބަޖެޓާ މެދު ވާހަކަތައް ދައްކަން ނިޒާމީ ނުކުތާތައް ނުނެންގެވޭނެ ކަމަށްވެސް ރިޔާސަތުން ގެންދެވީ ވިދާޅުވުންނެވެ.
ނިޒާމީ މައްސަލަތަކުގެ ތެރެއިން ހަލަބޮލިވެފައިވަނިކޮށް ބަޖެޓަށް ހުށަހެޅި އިސްލާހްތަކަށް ވޯޓަށް އަހާ ނިންމާލާފައި މިހާރު ވަނީ ބަޖެޓަށް ބަހުސް ފަށާފަ އެވެ.