އިނގިރޭސި ޕްރިމިއާ ލީގް ހޯދުމަށް ޗެލްސީން ކުރަމުން އަންނަ މަސައްކަތް ހުއްޓާ ނުލާނެ ކަމަށާއި ލީގުގައި ކުރިއަށް ހުރި މެޗްތައް ކާމިޔާބު ކުރުމަކީ ޗެލްސީން ކުރަމުން އަންނަ އެންމެ ބޮޑު އެއް އުންމީދު ކަމަށް އެޓީމުގެ ވަގުތީ ކޯޗް ރަފައެލް ބެނިޓޭޒް ބުނެފި އެވެ.

ލީގުގައި މިރޭ ރާއްޖެ ގަޑިން 8:00 ޖަހާއިރު ނޯވިޗް ސިޓީއާ ދެކޮޅަށް ކުޅޭ މެޗްގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ބެނިޓޭޒް ބުނެފައިވަނީ، މިރޭގެ މެޗަކީ ވެސް ފޯރިގަދަ ވެގެން ދާނެ މެޗެއް ކަމާށާއި އެގޮތުން ނޯވިޗްއާ ދެކޮޅަށް ޗެލްސީން ނިކުންނާނީ ޓީމުގެ ގޭމް ޕްލޭނަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން ކަމަށެވެ.

"މިރޭގެ މެޗުން ވެސް މޮޅެއް ހޯދުން މުހިންމު. ތާވަލުގެ ކުރީގައި އޮތް ޓީމް ތަކާ ދެމެދު އޮތް ފަރަގު ކުޑަކުރުމަށް ކުރިއަށް ޗެލްސީން ކުޅެން އޮތް ތިން މެޗުން ވެސް މޮޅެއް ހޯދުމަކީ އަހަރުމެންގެ މިހާރުގެ އެންމެ ބޮޑު އެއްޓާގެޓް. އޭރަށް ލީގު ހޯދުމުގެ ރޭހުގައި ޗެލްސީ ހިމެނޭނެ. ލީގް ހޯދުމަކީ ޗެލްސީއަށް ނުވާނެ ވަރުގެ އުދަގޫ ކަމެއް ނޫން" ބެނިޓޭޒް ބުންޏެވެ.

މިރޭ ޗެލްސީއާ ދެކޮޅަށް ނިކުންނަ ނޯވިޗް ސިޓީއާ ބެހޭގޮތުން، ޗެލްސީގެ ކޯޗް ބުނީ، ނޯވިޗް ސިޓީ އަކީ ވެސް ލީގުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން ފާހަގަ ކޮށްލެވޭ ވަރުގެ ގަދަފަދަ ޓީމެއް ކަމަށާއި އެގޮތުން އެޓީމުގެ ޑިފެންޑަރުންގެ ހުނަރުވެރި ކަމަކީ ލީގުގައި ވާދަ ކުރާ އެހެން ޓީމްތައް ހާއްސަ ނަޒަރަކުން ވިސް ނަންޖެހޭވަރު ކަމެއް ކަމަށެވެ.

"އަހަރުމެން ނޮވިޗް ސިޓީއާ ދެކޮޅަށް ކުޅޭއިރު ކޮންމެހެން އެޓީމުގެ ޑިފެންޑަރުންނާ މެދު ނުވިސް ނަން. އަހަރުމެން ބަލަނީ އެޓޭކިންގް ގޭމެއް ކުޅުމަށް. އެގޮތަށް ކުޅެފިނަމަ އަހަރުމެން ބޭނުންވާ އުންމީދު ހާސިލްވާނެ،" ބެނިޓޭޒް ބުންޏެވެ.

މިރޭގެ މެޗަށް ޗެލްސީ ނިކުންނައިރު، ލީގުގައި އެޓީމް އޮތީ 32 ޕޮއިންޓާއެކު ތާވަލްގެ ތިން ވަނައިގަ އެވެ. އަދި ނޮވިޗް ސިޓީ އޮތީ 25 ޕޮއިންޓާއެކު ތާވަލްގެ 10 ވަނައިގަ އެވެ. ލީގުގެ އެއްވަނަ މަގާމުގައި 43 ޕޮއިންޓާއެކު މެންޗެސްޓާ ޔުނައިޓެޑް އޮތް އިރު ލީގުގެ ދެ ވަނަ މަގާމްގައި 39 ޕޮއިންޓާއެކު އޮތީ މެންޗެސްޓާ ސިޓީ އެވެ.

ޗެލްސީ އާއި ނޮވިޗް ސިޓީ ބައްދަލުކުރާ މެޗުގެ އިތުރުން، ލީގުގައި މިރޭ އިތުރު އަށް މެޗެއް ވެސް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.