ގިފިއްޔަށް ވެއްޓި ސީރިއަސް އަނިޔާތަކެއް ލިބުނު ނ. ހޮޅުދޫ ނޫވިލާގޭ އުމުރުން ދޮޅު އަހަރުގެ އައިމިނަތް މީޝާ ޝާފިއު އޮޕަރޭޝަނަށް ފަހު ހޭނާރައި އޮވެ މަރުވެއްޖެ އެވެ.

އެ ކުއްޖާގެ އާއިލާގެ ފަރާތުން ވާހަކަ ދެއްކި ނ. ހޮޅުދޫ ނީމްވިލާ ހުސެއިން މުހައްމަދު މިއަދު ސަން އޮންލައިނަށް ބުނީ މި މަހުގެ ހަ ވަނަ ދުވަހު ގިފިއްޔަށް ވެއްޓި އަނިޔާވެފައިވާ މީޝާ މަރުވެފައި ވަނީ އިތުރުފަރުވާދިނުމަށް އިންޑިއާގެ ހޮސްޕިޓަލެއްގައި އޮއްވައި އިއްޔެގެ ހަވީރު 6:30 އެހާކަންހާއިރު ކަމަށެވެ.

"މީޝާ ވަނީ ރޭ އިރުއޮއްސި 6:30 އެހާކަންހާއިރު ވަނީ ނިޔާވެފައި. ދެން މިހާރު ވަޅުލުމުގެ ކަންތައް މިއަދު އިންޑިއާގައި ކުރިއަށްދަނީ،" ރޮމުން ހުސެއިން މުހައްމަދު ކިޔަޔަދިނެވެ.

އަދި ބުނީ މީޝާގެ ސިކުނޑިއަށް ލޭއަރާފައިވުމުން މާލެ އިން އޮޕަރޭޝަނެއްކޮށްފައިވާ ކަމަށާއި ނަމަވެސް އޮޕަރޭޝަން ކުރިފަހުން ވެސް ހޭއަރާފަިއނުވާ ކަމަށް ހުސެއިން ބުންޏެވެ. އަދި ބުނީ އިތުރު ފަރުވާދިނުމަށް އިންޑިއާ އަށް ގެންދިއަތާ ދެވަނަ ދުވަހުގެ ތެރޭގައި އެކުއްޖާގެ ހާލުރަނގަޅު ކަމަށް އިންޑިއާގައި ހުރި އާއިލާގެ ފަރާތަކުން މައުލޫމާތް ދިން ކަމަށެވެ. އަދި މީޝާ އަށް އެހީތެރިވި ފަރާތްތަކަށް ހުސެއިން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

މީޝާގެ މަންމަ މީގެ ކުރިން ސަން އޮންލައިނަށް މައުލޫމާތު ދެމުންބުނީ އޭނާގެ ދަރިފުޅު ވެއްޓި އަނިޔާވެފައި ވަނީ ދަރިފުޅަށް ކާންދިނުމަށް ފަހު ތުންދޮވުމަށް ގިފިއްޔަށް ގެންގޮސްފައި ހުއްޓައި ވެއްޓި ތަނެއްގައި ބޯ ޖެހިގެން ކަމަށެވެ. އަދި ބުނީ ވެއްޓި ލިބުނު ގެއްލުމުގެ ސަބަބުން ސިކުނޑީގެ އެއްބަޔަށް ލޭއަރާފައިވާ ކަމަށް ޑޮކްޓަރުން ބުނާ ކަމަށެވެ.