ނިމިދިޔަ ދެ ސީޒަންގައި ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ފަހަތަށް ކުޅުނު ޑިފެންޑަރު އަހްމަދު ފިރާޒް މޫސާ (ކުޑަ މައްލާ) ކުރިޔަށް އޮތް ސީޒަންގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށް ކުޅުމަށް ރޭ އެޓީމަށް ސޮއި ކޮށްފި އެވެ.

ނިމިދިޔަ ސީޒަންގެ އެފްއޭ ކަޕް ޓްރޮފީ އުފުލާލުމަށްފަހު ކުރިޔަށް އޮތް އޭއެފްސީ ކަޕުން ޖާގަ ހޯދާފައިވާ މާޒިޔާއިން ދަނީ އެ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޓީމަށް ގިނަ ކުޅުންތެރިން ތަކެއް ހޯދަމުން ނެވެ.

ހޯމަ ދުވަހުގެ ރޭ ސަން އެފްއެމްގެ ކުޅިވަރު ޕްރޮގްރާމްގައި ވާހަކަ ދައްކަމުން މާޒިޔާގެ ޖެނެރަލް ސެކްރެޓަރީ ބުނެފައިވަނީ "ކުރިއަށް އޮތް ދެދުވަހެއްގެ ތެރޭގައި އިތުރު ކުޅުންތެރިޔަކު މާޒިޔާއާ ގުޅޭނެ" ކަމަށެވެ.

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން އަންނަ އަހަރުގެ އޭއެފްސީ ކަޕުގައި ވާދަކުރުމަށް އެޓީމުގެ ސްކޮޑް ވަރުގަދަ ކުރުމަށް ކުރަމުންދާ މަސައްކަތުގައި ފިރާޒުގެ އިތުރުން މިހާތަނަށް ގެނައި ކުޅުންތެރިންގެ ތެރޭގައި، ކުރިން ވިކްޓަރީގެ ފޯވަޑް އަދި މިހާރު 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކެޕްޓަން ހަސަން އަދުހަމް (ސަޑޭ) އާއި ވިކްޓަރީގެ ކުރީގެ ކެޕްޓަން ޝާފިޢު އަޙްމަދު (ޝާފީ) އާއި ވެލެންސިޔާގެ ކުރީގެ ކެޕްޓަން އަލީ އިމްރާން (އިންމަ) އާއި މާޒިޔާގެ ފޯވަޑަކަށް ކުޅުމަށް ފަހު މިދިޔަ ސީޒަންގައި ވީބީ އައްޑޫ އެފްސީ އަށް ކުޅުނު ޢަލީ ނާފިޢު (ކަޅޭ) އާއި ވީބީގައި ރަނގަޅު ކުޅުމެއް ދެއްކި ހުސައިން ޝުއައިބުގެ އިތުރުން ވިކްޓަރީގެ ބަދަލު ކީޕަރެއްގެ ގޮތުގައި ހުރި ނިސާހު އާދަމް އެވެ.