ޖޮހަނަސްބާގް (ޑިސެމްބަރު 26): ދެކުނު އެފްރިކާގެ މިނިވަންކަމުގެ ބާނީ އަދި އެގައުމުގެ ކުރީގެ ރައީސް ނެލްސަން މަންޑޭލާގެ ސިއްޙީ ޙާލުކޮޅު ދެހަފްތާއަށް ފަހު މަޑުމަޑުން ރަނގަނޅު ވަމުން އަންނަ ކަމަށް އެގައުމުގެ ރައީސް ޖާކޯބް ޒޫމާ ވިދާޅުވެއްޖެ އެވެ.

އުމުރުން 94 އަހަރުގެ މަންޑޭލާ މީގެ ދެ ހަފްތާކުރިން ދެކުނު އެފްރިކާގެ ހޮސްޕިޓަލެއްގައި އެނދުމަތިކޮށްފައި ވަނީ ނިއުމޯނިޔާގެ އާލާސްކަންފުޅެއްގައި ހާލުބޮޑުވެގެންނެވެ. ނިއުމޯނިޔާގެ އާލާސްކަންފުޅު ރަނގަނޅުވުމާ އެކު މަންޑޭލާގެ ގޯލްބްލެޑާގައި ހިލައުފެދިފައިވާކަން މެޑިކަލް ޓެސްޓްތަކުން އެނގުމުން އެހިލަތައް ނެގުމުގެ އޮޕަރޭޝަނެއް ވެސް މަންޑޭލާއަށް ވަނީ ކުރެވިފަ އެވެ.

މަންޑޭލާއަކީ ދެކުނު އެފްރިކާ އިސްތިއްމާރުކޮށްގެން ތިބި ޔޫރަޕްގެ ދޮންމީހުން އެގައުމުގައި ހިންގި އިންސާނިއްޔަތާ ޚިލާފު ނަސްލީ އިމްތިޔާޒުގެ ނިޒާމާ ދެކޮޅަށް މިނިވަންކަމުގެ ޖިހާދެއް ކުރެއްވި ވަރުގަދަ ބަތަލުގެ ގޮތުގައި ދެކުނު އެފްރިކާގެ ރައްޔިތުން ވަރަށް ޚާއްސަ އިޙްތިރާމެއް އަދާކުރާ ޝަޚްސިއްޔަތެކެވެ. މަންޑޭލާގެ އާލާސްކަންފުޅަށް ފަހު ދެކުނު އެފްރިކާގެ ރައްޔިތުންނަށް އެންމެ ބޮޑުކަމަކަށްވެފައި ވަނީ އެކަމެވެ. ދެކުނު އެފްރިކާގެ ޢާންމުންގެ މެދުގައި އެންމެ ގިނައިން ދެކެވޭ ވާހަކައަކީ ވެސް މަންޑޭލާ އަށް އަވަސް ޝިފާއެއް ލިބުމުގެ ވާހަކަ އެވެ.

ސުލްހައިގެ ނޮބެލް އިނާމު ވެސް ލިބިވަޑައިގެންފައިވާ މަންޑޭލާ އާމެދު މުޅި ދުނިޔެ ވެސް ދެކެނީ އެއީ އަނިޔާވެރިކަމާއި ނަސްލީ އިމްތިޔާޒާ އިދިކޮޅު ރަމްޒެއްގެ ގޮތުގަ އެވެ. ދޮންމީހުންގެ ނަސްލީ އިމްތިޔާޒުގެ އެޕާޓަހައިޓް ނިޒާމާ ދެކޮޅަށް ހަނގުރާމަ ކުރެއްވުމުގައި 60 އަހަރު މަންޑޭލާ ހޭދަކުރެއްވި އިރު އޭގެތެރެއިން 27 އަހަރު އޭނާ ހޭދަކުރެއްވީ ދޮންމީހުން ހިންގި ލާއިންސާނީ ޖަލެއްގަ އެވެ. ދޮންމީހުންގެ ނަސްލީ އިމްތިޔާޒުގެ ނިޒާމު ބަލިކަށިވެ އެނިޒާމު ރޫޅޭން ފެށުމުން މަންޑޭލާ ޖަލުން މިނިވަންވެ ވަޑައިގެންނެވީ 1990 ވަނަ އަހަރު އެވެ.

އެއަށް ފަހު ދެކުނު އެފްރިކާ އަށް ޑިމޮކްރަސީ ގެންނަވައި ތާރީޚީ އިންތިޚާބެއްގައި 1994 ވަނަ އަހަރު އޭނާ ދެކުނު އެފްރިކާގެ ރައީސް ކަމަށް އިންތިޚބުވުމުން ރައީސްކަމާ ޙަވާލުވެ ވަޑައިގެންނެވި އެވެ. އެއްދައުރުގެ ރިސާތަކަށް ފަހު މަންޑޭލާ ވެރިކަމާ ދުރަށްޖެހިވަޑައިގަތުމުން ދެކުނު އެފްރިކާގެ ގައުމީ ބަތަލެއްގެ ދަރަޖަ އޭނާއަށް ލިބިވަޑައިގެންނެވި އެވެ. މަންޑޭލާއަކީ ފުއްޕާމޭގެ އާލާސްކަންފުޅު ވަރަށް އަވަސް އަވަހަށް ޖެހިވަޑައިގަންނަވާ ބޭފުޅެކެވެ. މީގެސަބަބަކީ 27 އަހަރު ޖަލުގައި ހޭދަކުރެއްވި އިރު އޭނާ އަށް ޓީބީ ޖެހިވަޑައިގެންފައިވުމާއި އެނޫން ވެސް ގެއްލުންތައް ފުއްޕާމެއަށް ލިބިވަޑައިގެންފައިވުން ކަމަށް ޑޮކްޓަރުން ބުނެ އެވެ. (ރޮއިޓާސް)