26 Dec 2012, 09:17
ވޭތުވެދިޔަ ދުވަސް ތަކުގައި މާޒިޔާއިން ވާނީ ދިވެހިރާއްޖޭގެ ފުޓްބޯޅައަށް ބޮޑެތި ބަދަލުތަކެއް ގެނެސްދީފައި ކަމަށް އެ ކުލަބުން ބުނެފި އެވެ.
ސަން އެފްއެމް އިން ގެނެސްދޭ ކުޅިވަރު ޕްރޮގްރާމުގައި ހޯމަދުވަހުގެ ރޭ ވާހަކަ ދައްކަމުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަބްދުލް ވައްހާބު ބުނީ އަޅުގަނޑުމެން ވަރަށް ބޮޑު ބަދަލެއް ދިވެހި ފުޓްބޯޅައަށް ގެނެސް ދީފައިވާނެ ކަމަށެވެ.
"އެއީ އަޅުގަނޑުމެންނަށް ފޮލޯކުރާ ވަރަށްގިނަ ކުލަބުތަކެއް ފަސްޓް ޑިވިޒަންގައި އެބައުޅޭ. އެއީ ވަރަށް ބޮޑު ބަދަލެއް. އަޚުގަނޑުމެން ކަންކުރާގޮތަށް ކަންކުރާ ހަތަރު ފަސް ކުލަބެއް ފަސްޓު ޑިވިޒަންގައި މިހާރު އެބަ އުޅޭ. އެވެސް އަޅުގަނޑުމެންނަށް ގެނެވުނު ބަދަލެއް،" ކަމަށެވެ
އޭނާ ބުނީ މީގެ ކުރިން ފުރަތަމަ ޑިވިޒަންގައި ނުކުންނަ ޓީމުތަށް އެކުލަވާލާ ގޮތުން އެޓީމުތައް ހޯދާނޭ ކާމިޔާބީތައް ކުރީބައިގައި ސަޕޯޓަރުންނަށް ލަފާކޮށްލަން ފަސޭހަ ކަމާ އެކު އެނގޭ ކަމަށާއި އެހެން ނަމަވެސް މިއަދު މިވަނީ އެދުވަސް ފަހަނައަޅައި ގޮސްފައި ކަމަށެވެ.
"ކުރީގަ އަޅުގަނޑުމެން ފަސްޓު ޑިވިޒަނަށް ނިކުތް އިރު ކަންތައް މިއޮންނަ ގޮތަކީ ވަކިވަކި ކުޅުންތެރިން ތަކެއް ހޮވާލައިގެން ނުކުމެ އެޓީމެއް ޕާފޯމްކޮށްގެން އެޓީމެއް ތަށިގެންދާނެ ކަން ސަޕޯޓަރުންނާއި ހުރިހާ މީހުންވެސް ގަބޫލު ކުރާނެ. މިހާރު މިވަނީ އެދުވަސް ބަދަލުވެފައި،" ވައްހާބު ބުންޏެވެ.
އަދި މާޒިޔާއިން މިހާތަނަށް މަސައްކަތް ކޮށްފައިވާނީ ހަމަ އެކަނި ތަށިތަކެއް ހޯދަން ނޫން ކަމަށާއި އޭގެ ބަދަލުގައި ރަނގަޅު ކުޅުންތެރިން ތަކެއް އުފެއްދުމާއި އެކުޅުންތެރިންނަށް ފުރުސަތުތަކެއް ތަނަވަސް ކޮށްދީ ދިވެހި ފުޓްބޯޅަ އެ ނޫންގޮތަކަށް ބައްޓަން ކޮށްދެވޭތޯ ކަމަށެވެ. އަދި ކޮންމެ ކުޅުންތެރިޔަކީވެސް މަސައްކަތް ކޮށްފިއްޔާ ރަނގަޅު ކާމިޔާބީއަކާ ހަމައަށް ދެވިދާނެ ކުޅުންތެރިއެއްކަން އެމީހުންނަށް އަންގައި ދީފައި ވާނެ ކަމަށްވެސް ވައްހާބު ބުންޏެވެ.
"މިހާރު ދިވެހި ކޮންމެ ޕްލޭޔަރަކަށްވެސް މަސައްކަތް ކޮށްފިއްޔާ އެބައެނގޭ ތިމަންނަ އަށް ކާމިޔާބީއާ ހިސާބަށް ވާސިލު ވެވޭނޭކަން. އެއީ އަޅުގަނޑުމެން ދައްކައިދިން ހަގީގަތެއް. ދެން މީގަ އަޅުގަނޑުމެން އެންމެ ފުރަތަމަ މިމަސައްކަތް ކުރީކީ ހަމަ އެކަނި މާޒިޔާއަށް ތަށިތަކެއް ހޯދާކަށް ނޫން،" ވައްހާބު ބުންޏެވެ. "އަޅުގަނޑުމެން މި މަސަކަތްކަތް ކުރީ ދިވެހި ފުޓްބޯޅަ މިނޫން ގޮތަކަށް ބަދަލު ކުރެވޭތޯ. އެގޮތުން އަޅުގަނޑުމެން އެންމެ ފުރަތަމަ ކުރިކަމަކީ އަޅުގަނޑުމެންނަށް ނުވާވަރުން ކުޅުންތެރިން ގެނެސްގެން ނުގެންގުޅުން،"
މިފަހަކަށް އައިސް ގިނަ ޓީމުތަކަކުން ކުޅުންތެރިންނަށް މުސާރަނުދެވޭ ވާހަކަ އަޑު އިވެމުންދާތީ އެކަމަށް އަލިއަޅުވާލައި މާޒިޔާގެ ޖެނެރަލް ސެކްރެޓަރީ ބުނީ "އަޅުގަނޑު ވަރަށް ކެރިހުރެ ދަންނަވަން ކެރޭ 2006 ވަނަ އަހަރުން ފެށިގެން މިހާތަނަށް މާޒިޔާގައި މުސާރަ ނުދީ ކުޅުވާފައި ހުރި އެއްވެސް ކުޅުންތެރިޔަކު ނުހުންނާނެ. ބައި ރުފިޔާއެއްގެ މިންވަރުވެސް ކުޅުންތެރިޔަކަށް ދޭންޖެހި ނުދެވިފައެއް ނޯންނާނެ. މިއީ އަޅުގަނޑު ހާއްސަކޮށް ޖެނެރަލް ސެކްރެޓަރީއެއްގެ ހައިސިއްޔަތުން ފަހުރުވެރިކަމާއެކު ފާހަގަ ކުރާކަމެއް. އެހެން ކުލަބުތަކަށް ބާލާއިރު މިކަހަލަ ބައިވަރު އިޝޫޝް ތަކެއް އެބަހުރި،" ކަމަށެވެ.
ވައްހާބު ދެކޭގޮތުގައި މާޒިޔާއިން މިހާތަނަށް ހޯދަމުންދިޔަ ކާމިޔާބުތަކުގެ އެއްމެ ބޮޑު އެއް ސިއްރަކީ ކުޅުންތެރިންނަށް ބަރާބަރަށް މުސަރަދޭ ކުލަބަކަށް ވެފައި، ޓީމުގެ ކުޅުންތެރިންގެ މުސާރަ ހަމަޖައްސާފައި ވަނީ އެޓީމަށް ލިބޭ އާމްދަނީ އެއްގެ މައްޗަށް ބިނާކޮށްފައިވާތީ ކަމަށެވެ.
"މުސާރަތަށް ބަރާބަރަށް ދިނުން މިއީވެސް އަޅުގަނޑުމެންގެ ކުލަބު ކާމިޔާބުގެ އައްސޭރިއަކަށް ދަތުރުކުރުމަށް މެދުވެރިވި ވަރަށްބޮޑު އެއް ސަބަބޭ އަޅުގަނޑު ދަންނަވާނީ. އަޅުގަނޑުމެންގެ މުސާރަތަކަކީ ކޮންމެހެން އަޅުގަނޑުމެންނަށް ނުދެވޭވަރުގެ ބޮޑު މުސާރަތަކެއް ނޫން. އަޅުގަނޑުމެން މުސާރަތައް ކަނޑައަޅަމުން ގެންދަނީ އަޅުގަނޑުމެންނަށް ލިބޭ އެއްޗެއްގެ މައްޗަށް ބިނާކޮށް." މާޒިޔާގެ ޖެނެރަލް ސެކްރެޓަރީ ބުންޏެވެ.