ހާލުގައި ޖެހިފައިވާ ދިވެހިން އެހީވުމަށް ގައުމީ ފަންޑެއް ގާއިމްކުރުމުގެ މަސައްކަތް މަދަނީ އިއްތިހާދުން ފަށައިފި އެވެ.


ސަތޭކައެއްހާ މަދަނީ ޖަމިއްޔާއާއި ސިޔާސީ ޕާޓީތައް އެކުވެގެން އުފައްދާފައިވާ މަދަނީ އިއްތިހާދުގެ ފަރާތުން ވާހަކަދެއްކެވި އޮފިޝަލެއްކަމަށްވާ އަބްދުﷲ މުހައްމަދު މިއަދު ވިދާޅުވީ، ހާލުގައި ޖެހިފައިވާ ބޭރުގެ ފަރާތްތަކަށް އެހީވުމަށް ތަފާތު ފަންޑުތައް ރާއްޖޭގައި ހިންގާފައިވާއިރު، އެފަދަ އެހީ ބޭނުންވާ ދިވެހިން ވެސް އެބައުޅޭ ކަމަށެވެ. އެހެންކަމުން، ކާރިސާތަކުގަ އާއި، އެކިއެކި ހާދިސާތަކުގެ އިތުރުން ނުރައްކާތެރި ބަލިތައް ޖެހުމުގެ ސަބަބުން ހާލުގައި އުޅެން ޖެހިފައިވާ ދިވެހިންނަށް އެހީވުމަށްޓަކައި ދާއިމީ ފަންޑެއް އެކުލަވާލުމާ ގުޅޭ ގޮތުން މަދަނީ އިއްތިހާދުގެ ކޮމިޓީގައި މަޝްވަރާކޮށްފައިވާ ކަމަށެވެ. އޭނާ އަދި ވިދާޅުވީ މިހާރު ނިންމާފައިވަނީ އަންނަ މަހު ފަންޑު އިފްތިތާހުކުރުމަށެވެ.


އަބްދުﷲ ވިދާޅުވީ، މި ފަންޑު ހިންގާނެ ގޮތުގެ އިތުރު ތަފްސީލު އާއްމުކުރާނީ މަދަނީ އިއްތިހާދުގައި ބައިވެރިވާ ސިޔާސީ ޕާޓީތަކުންނާއި އަދި ޖަމިއްޔާތަކުގެ އެގްޒެކެޓިވް ބޯޑުން އެކަމާ ގުޅޭ ގޮތުން ވަކިގޮތެއް ނިންމައި، ފާސްކުރުމުން ކަމަށެވެ. އަދި އެ މަސައްކަތްތައް ކުރުމަށް ޖަމިއްޔާތަކަށާއި ސިޔާސީ ޕާޓީތަކަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.


މި ފަންޑު ގާއިމްކުރަން ނިމުނު ނަމަވެސް، ފަންޑުގެ އިދާރީ ކަންތައް ކުރިއަށްގެންދާނެ ގޮތެއް މަދަނީ އިއްތިހާދުން އަދި ހަމަޖައްސައިފައެއް ނުވެއެވެ. ނަމަވެސް، އިދާރީ ގޮތުން ވާންޖެހޭ ތައްޔާރީތައް އިއްތިހާދުން އަންނަނީ ވަމުންނެވެ.


"އިދާރީ ގޮތުން ވާންޖެހޭ ތައްޔާރީތައް ވަމުން މިދަނީ. ފަންޑު ބަލަހައްޓާނެ ގޮތްތަކާ، މިކަމުގައި ގެންގުޅޭނެ އުސޫލުތަކާ ގުޅޭ ގޮތުން ކަމާބެހޭ ފަރާތްތަކުގައި އަޅުގަނޑުމެން މަޝްވަރާ ކުރާނަން. އެމްއެމްއޭގެ ލަފާ ވެސް ހޯދާނަން. ވަރަށް އެހެންކަހަލަ ގޮތްގޮތަށް ވެސް މިފަދަ ފައިސާތައް ގޮސްފައި ހުރޭ. އެހެންވެ، ޒިންމާދާރު ގޮތެއްގައި، އަމާނާތްތެރި ގޮތެއްގައި މިކަން ކުރިއަށް ގެންދިއުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގައި ވެސް މަޝްވަރާކުރާނަން" އަބްދުﷲ ވިދާޅުވި އެވެ.


މަދަނީ އިއްތިހާދުން ވަނީ ދާދި ފަހުން ޕާކިސްތާނަށް ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާގައި ހާލުގައި ޖެހުނު ރައްޔިތުންނަށް އެހީވުމަށްޓަކައި "ޕީކޭ ރިލީފް ފަންޑް" ގެ ނަމުގައި ޚާއްސަ ކެމްޕޭނެއް ފަށައި، ތިން މިލިއަނަށްވުރެ ގިނަ ރުފިޔާ އެއްކޮށްފަ އެވެ. އަދި ފަލަސްތީނުގެ ގާޒާގައި ދިރިއުޅޭ މުސްލިމުންނާ ދެކޮޅަށް 2009 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އިޒްރޭލުން ދިން އުދުވާނީ ހަމަލާގައި އެތައް ބަޔަކު މަރުވެ، އެތައް ހާސް މުސްލިމުން ހާލުގައި އުޅެންޖެހިފައިވާތީ، އެމީހުންނަށް އެހީވުމަށްޓަކައި އިއްތިހާދުން ވަނީ ފަންޑެއް ހުޅުވައި، އެއަށް ލިބުނު އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ގާޒާ އަށް ހަދިޔާކޮށްފަ އެވެ.