26 Dec 2012, 09:10
ބެއިޖިން (ޑިސެމްބަރު 26): ދުނިޔޭގައި ހައިސްޕީޑް ރޭލްވޭގެ އެންމެ ދިގު މަގު ޗައިނާގައި ހުޅުވައިފި އެވެ.
އިއްޔެ ހުޅުވި މިމަގަކީ ޗައިނާގެ ދެކުނުގެ ވިޔަފާރި މަރުކަޒު ކަމަށްވާ ގްވާންގްޗޫ އާއި ވެރިރަށް ބައިޖިންގް ގުޅުވައިދޭ މަގެވެ. 2298 ކިލޯ މީޓަރުގެ މިމަގުގެ އެކިހިސާބުތަކުގައި ހައިސްޕީޑް ރޭލުގެ 35 ސްޓޭޝަން ގާއިމްކޮށްފައިވާ އިރު މިރޭލްވޭ ދަނީ ވޫހާން އާއި ޗާންޗާ ފަދަ ޗައިނާގެ ބޮޑެތި ރައްތަކުގެ ތެރޭންނެވެ. ހައިސްޕީޑް ރޭލްގެ މިލައިންގެ ސަބަބުން 2298 ކިލޯ މީޓަރުގެ ދިގު މިމަގުގައި ކުރިން ކުރާ 22 ގަޑީއިރުގެ ދަތުރު 10 ގަޑި އިރުން މިހާރު ކުރެވެ އެވެ. އަދި ބެއިޖިންގް އިން ގްވާންގްޗޫ އަށް ކުރިން ކުރާ ދަތުރުގެ ދިގުމިން ވެސް މިރޭލްވޭގެ ސަބަބުން ވަނީ ދެބައިކުޅަ އެއްބަޔަށް ވަނީ ކުރުކުރެވިފަ އެވެ.
މިހައިސްޕީޑް ރޭލްވޭ ބިނާކުރި ޗައިނާގެ ކުންފުނި ބުނާ ގޮތުން މިރޭލްވޭގައި ހިމެނެނީ ގަޑިއަކު 300 ކިލޯމީޓަރަށް ދަތުރުކުރާ ހައިސްޕީޑް ރޭލްތަކެވެ. ޗައިނާގެ މަސްއޫލުވެރިއަކު މި ރޭލްވޭ ސިފަކުރައްވާފައި ވަނީ ދުނިޔޭގައިވާ ޓެކްނޮލޮޖީގެ ގޮތުންނާއި ފަންނީ ގޮތުން އެންމެ ބޮޑަށް ކުރިއަރާފައިވާ ރޭލެވޭ ގެ ގޮތުގަ އެވެ. މި ހައިސްޕީޑް ރޭލްވޭއަކީ މުޅި ޗައިނާގެ އިންފްރާސްޓްރަކްޗާ ޒަމާނީކޮށް ޢިމްރާނީ ތަރައްގީގައި ދުނިޔޭގެ އެންމެ ތަރައްގީ ވެފައިވާ އެއްގައުމު ކަމަށް ޗައިނާ ހެދުމަށް އެގައުމުން ކުރަމުންގެންދާ އެތައް ހާސް ބިލިޔަން ޑޮލަރެއްގެ ބޮޑެތި މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ ބޮޑު މަޝްރޫޢެކެވެ.
މިރޭލްވޭގެ ސަބަބުން ޗައިނާގެ އިގްތިސާދީ ދުވެލި އިތުރަށް ހަލުއިވެގެންދާނެ ކަމަށް ތަޖްރިބާކާރުން ދެކެއެވެ. (ބީ.ބީ.ސީ)