ޕީޕީއެމްގެ ރިޔާސީ ކެނޑިޓޭޓް ހޮވުމަށް ބާއްވާ ޕްރައިމަރީ ކާމިޔާބު ކުރެވިއްޖެނަމަ، އޭނާއާއެކު ރިޔާސީ ޓިކެޓަށް ވާދަކުރައްވާ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ޔާމިން އާއި އެ ޕާޓީގެ އިންތިގާލީ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުންގެ ތެރެއިން ބޭފުޅަކު ހޮވުމުގެ ފުރުސަތު އެބައޮތް ކަމަށް ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރައްވާ އުމަރު ނަސީރު ރޭ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ޕްރައިމަރީގައި ކެންޕޭނުކޮށްދޭނެ އެކްޓިވިސްޓުން ނުވަތަ ވޮލެންޓިއަރުނަށް އަމާޒުކޮށްގެން ޣިޔާއްދީން ސްކޫލްގައި ރޭ ބޭއްވި ރަސްމިއްޔާތަށްފަހު ސަންއަށް ދެއްވި އިންޓަވިއުއެއްގައި އުމަރު ވިދާޅުވީ ޕްރައިމަރީން ހޮވިވަޑައިގަތުމުން ރަނިންމޭޓެއް އިހްތިޔާރު ކުރަން ޖެހޭނީ ޕީޕީއެމުން ކޯލިޝަން ހަދާ ޕާޓީތަކަށް ބެލުމަށްފަހުގައި ކަމަށެވެ. އަދި ފުރުސަތު އޮތް ގޮތުން ޔާމީންނަށާއި މައުމޫންގެ ތިން ދަރިކަލުންގެ ތެރެއިން ބޭފުޅަކާއި ކޯލިޝަން ހަދާ ޕާޓީއެއްގެ ތެރެއިން ބޭފުޅަކު އެ މަގާމަށް އައުމުގެ ފުރުސަތު އެބައޮތް ކަމަށް އުމުރު ވިދާޅުވި އެވެ.

ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ނ)އާ ހާވާލާދީ ގާނޫނު އަސާސީގެ 112 ވަނަ މާއްދާގެ (ނ) ގައި ބުނަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށާއި ނައިބު ރައީސްގެ މަގާމަށް އަންނަ ބޭފުޅަކީ އުމުރުން 35 އަހަރުވެފައިވާ މީހަކު ކަމުގައިވާންޖެހެ އެވެ. އެ އުމުރު ހަމަވާ ބޭފުޅުންނަކީ ފާރިޝް މައުމޫންއާއި ދުންޔާ މައުމޫންގެ އިތުރުން ޔުމްނާ މައުމޫން އެވެ. ޣައްސާން މައުމޫންއަށް އެ ބޭފުޅުންގެ ތެރޭގައި ނުހިމެނެ އެވެ.

" [ރަނިންމޭޓަކަށް ވުމަށް] ޔާމިންއަށް ވެސް ފުރުސަތު އެބައޮތް. ރައީސް މައުމޫންގެ ކޮންމެވެސް ބޭފުޅަކަށް ފުރުސަތު ދިނުމުގެ ފުރުސަތު ވެސް އެބައޮތް. އަދި ކޯލިޝަނެއް އުފައްދައި އެ ކޯލިޝަންގެ ތެރެއިން ބޭފުޅަކު ހޮވުމުގެ ފުރުސަތު ވެސް އެބައޮތް. ރައީސް މައުމޫންގެ ބޭފުޅުންގެ ތެރެއިން އުމުރު ހަމަވާ ތިން ބޭފުޅުން އެބަތިއްބެވި. އެހެންވީމަ އޭގެ ތެރެއިން ގާބިލް ބޭފުޅަކަށް ދިނުމުގެ ފުރުސަތު ވެސް އެބަ އޮތް،" އުމަރު ވިދާޅުވި އެވެ.

ޑީއާރްޕީގެ ތިން ވަނަ ކޮންގްރެސްގައި 502 ވޯޓް ލިބިވަޑައިގެން، އެ ޕާޓީގެ ޑެޕިއުޓީ ލީޑަރުކަން ކުރެއްވެވި އުމަރު ވިދާޅުވީ އޭނާއާއެކު ޕީޕީއެމްގެ މެންބަރުންނާއެކު ފަށާ ދަތުރު ކާމިޔާބު މަންޒިލަށް ގެންގޮސްދޭނީ ތަނަވަސް އަގުލަބިއްޔަތަކުން ޕްރައިމަރީ ކާމިޔާބު ކުރައްވައިގެން ކަމަށެވެ. އަދި ވިދާޅުވީ އެ ޕާޓީގެ އާންމު މެންބަރުންގެ "ލޯޔަލްޓީ" އެއް ފަހަރަށް ވުރެ ގިނަ ފަހަރު ޓެސްޓްކޮށްފައިވާ ކަމަށާއި ޑީއާރްޕީގެ ލީޑަޝިޕް "ނުބައި އަތަކަށް" ހަވާލު ކުރި ވަގުތުގައި ވެސް ޕާޓީގެ އާދައިގެ މެންބަރުން އޭނާއާ އެކު މަސައްކަތް ކުރައްވައި ޕީޕީއެމްގެ ގޮތުގައި ކާމިޔާބު ހޯއްދެވި ކަމަށެވެ.

ރާއްޖޭގައި ދެވަނައަށް އުފެދުނު ސިޔާސީ ޕާޓީ ދޫކުރައްވައި މައުމޫން އުފެއްދެވި ދެ ވަނަ ޕާޓީ ނުވަތަ ރާއްޖޭގައި އުފެއްދި 15 ވަނަ ސިޔާސީ ޕާޓީ، ޕީޕީއެމްގެ ޕްރައިމަރީއަށްފަހު އެ ޕާޓީ ބައިބައިނުވާނެ ކަމަށް އުމަރު ވިދާޅުވި އެވެ. އުމަރު ވިދާޅުވީ ޕްރައިމަރީއަށްފަހު ޕާޓީ ބައިބައިވުމަށް ފުރުސަތު ނުދެއްވާނެ ކަމަށާއި ޕްރައިމަރީގައި ވާދަކުރައްވާ ބޭފުޅުންނަށް ހަމަހަމަ ފުރުސަތު ވެސް ދެއްވާނެ ކަމަށެވެ. އަދި އެފަދަ ބޭފުޅުންނަށް އޭނާގެ ސަރުކާރުގައި ބޮޑެތި ފުރުސަތުތަކެއް ވެސް ދެއްވާނެ ކަމަށް އުމަރު ވިދާޅުވި އެވެ.

ރައީސުލްޖުމްރޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ޕީޕީއެމްއާ ގުޅިވަޑައިގެން އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓަށް ވުމުގެ ފުރުސަތު މިހާރު "ހަނިވެފައި"ވާ ކަމަށް އުމަރު ވިދާޅުވި އެވެ. ނަމަވެސް އެ މަނިކުފާނު ޕީޕީއެމްއަށް ގުޅިވަޑައިގެންފިނަމަ އެއީ ޕާޓީގެ އެސެޓަކަށްވާނެ ކަމަށް އުމަރު ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ރައީސް ވަހީދު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓަށް ވުމުގެ ފުރުސަތު އެބައޮތް. އެކަމަކު މިހާރު މިދަނީ އެ ފުރުސަތު ހަނިވަމުން. އަޅުގަނޑު އަދިވެސް ދައުވަތުދެން އެމަނިކުފާނު އެ ޕާޓީއަށް ވަޑައިގަތުމަށް. އަޅުގަނޑު ދެކޭ ގޮތުގައި ރައީސް ވަހީދު އެ ޕާޓިއަށް ވަޑައިގެންފިނަމަ އެއީ ވަރަށް ބޮޑު އެސެޓަކަށްވާނެ،" އުމަރު ވިދާޅުވި އެވެ.

ޕީޕީއެމް އިސްވެ އޮވެ، ކުރިއަށްގެންދި ދިވެހި ރައްޔިތުންގެ ގައުމީ ހަރާތުން ޕީޕީއެމް ވަކިވާންޖެހުމުން ހިތާމަ ކުރައްވާ ކަމަށް ވިދާޅުވެ އުމަރު ވިދާޅުވީ ގައުމީ ހަރަކާތަކީ އެއްފަހަރަށް ވުރެ ގިނައިން އެ ޕާޓީގެ އިސް ލީޑަރުންނަށް ބަހުގެ ހަމަލާދޭވޭ ހަރަކާތަކަށްވުމުން އެފަދަ ހަރާތަކުން ޕީޕީއެމް ވަކިވާންޖެހޭނެ ކަމަށެވެ. އަދި ވިދާޅުވީ އެ ޕާޓިގެ ކޮންމެ ލީޑަރަކަށް ހަމަލާއެއް އަންނަ ނަމަ އެ ބޭފުޅަކު ދިފާއު ކުރުމަކީ އޭނާ އިސްވެ ކުރައްވާނެ ކަމެއް ކަމަށެވެ.

"ގައުމީ ހަރަކާތް އަޅުގަނޑުމެންނަށް ފަހުން މި ސިފަ ކުރެވުނީ އަޅުގަނޑުމެންގެ އިސް ލީޑަރުންނަށް އެކިއެކި މީހުންނަށް ބަހުގެ ހަމަލާދެވޭ ތަނަކަށް. ދެން އެއްފަހަރަށްވުރެ ގިނައިން އެކަން ވެއްޖެ. ވީމަ އަޅުގަނޑު މިޕާޓީގައި ހުންނަންޏާ، މި ޕާޓީގެ ކޮންމެ ލީޑަރަކީ ވެސް އަޅުގަނޑު ދިފާއު ކުރާނެ ލީޑަރުން. ޔާމިންއަށް ހަމަލާއެއް ދެވެންޏާ އެ ބޭފުޅާ އަޅުގަނޑު ދިފާއު ކުރާނަން. އަދި އެހެންބޭފުޅަކަށް ހަމަލާއެއް ދެންޏާ އެ ބޭފުޅަކު ވެސް އަޅުގަނޑު ދިފާއު ކުރާނަން،،" އުމަރު ވިދާޅުވި އެވެ.

އެންމެ ފުރަތަމަ ސިޔާސީ ޕާޓީތަކަށް ހުޅުވާލައިގެން ބޭއްވި އިންތިހާބުގައި 2008 ވަނަ އަހަރުގެ ފުރަތަމަ ބުރުގައި ވޯޓްލި ބޭފުޅުންގެ އެކެއް އިންސައްތަ ވޯޓް ލިބިވަޑައިގެންނި އުމަރު ވަނީ ޕީޕީއެމްގެ 17900 މެންބަރުންގެ ތެރެއިން 300 ވޮލެންޓިއަރުން ހޯދުމުގެ މަސައްކަތް ފަށާފަ އެވެ. ވޮލެންޓިއަރުން ހޯދުމަށް އޭނާ ކުރައްވާ ކެންޕޭނުގައި މިހާރު ވަނީ 250 ވޮލެންޓިއަރުން ހޯއްދަވާފަ އެވެ.