ވިހޭގޮތަށް އެއްލާލާފައި އޮތް ތުއްތު ކުއްޖަކު މާލޭގެ ގޯޅިއެއްގެ ތެރެއިން މިއަދު ފެނިއްޖެ އެވެ.

ފުލުހުންގެ ތަރުޖަމާން ސަބް އިންސްޕެކްޓާ ހަސަން ހަނީފު މިއަދު ވިދާޅުވީ ވިހޭގޮތަށް އެއްލާލާފައިވާ ތުއްތު ކުއްޖާ ފެނިފައިވަނީ ހަނި ގޯޅިގަނޑެއްގައި ހުންނަ މ. ރިލީޒްގެ ކުރިމަތީގައި ބާއްވާފައި އޮއްވާ މިއަދު ހެނދުނު 5:45 އެހާކަން ހާއިރު ކަމަށެވެ. އަދި ފުލުހުންނަށް އާންމު ފަރާތަކުން ކުރި ރިޕޯޓަކާއި ގުޅިގެން އެ ކުއްޖާ ފުލުހުން ގޮސް އައިޖީއެމްއެޗަށް ގެނައިރު އެ ކުއްޖާގެ ހާލު ރަނގަޅު ކަމަށާއި އެއީ އަންހެން ކުއްޖެ ކަމަށްވެސް ވިދާޅުވި އެވެ.

"އެ މައްސަލަ ފުލުހުން މިގެންދަނީ މިހާރު ތަހުގީގުކުރަމުން،" ހަނީފު ވިދާޅުވި އެވެ.

އެ ކުއްޖާ އައިޖީއެމްއެޗްގައި ބާއްވައިގެން މިހާރުވެސް އަންނަނީ ފަރުވާދެމުންނެވެ. ސަން އޮންލައިންއަށް އެނގިފައިވާ ގޮތުގައި އެ ކުއްޖާ ނެގީއިރު ވިހެއުމުގެ ތެރޭގައި ހޭކޭ ލޭތައްވެސް ހުރީ ރަނގަޅަށް ސާފުނުކޮށެވެ. މިއަހަރު ތެރޭގައި އެފަދަ ހާދިސާތައް ހިނގުން މަދުވެފައި ވީނަމަވެސް މީގެ އަހަރެއްހާ ދުވަސް ކުރިން ވިހެއުމަށް ފަހު އެކި ތަންތަނަށް އެއްލާލާފައިވާ ކުދިން ވަނީ ވަރަށް ގިނައިން ފެނިފަ އެވެ.