އެފްއޭއެމް އިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ އަންހެނުންގެ ފުޓްބޯޅަ މުބާރާތުގެ ލީގު ސްޓޭޖްގެ ފަހުމެޗުގައި މިއަދު ހަވީރު އިސްކަންދަރު ބެލެނިވެރިންގެ ޓީމު (އިސްކަންދަރު) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) ކުޅުނު މެޗު ނުވައެއް ސުމަކުން އެމްބީސީ ބަލިކޮށް މުބާރާތުގެ ސެމީފައިނަލުގެ ފަހު ޖާގަ އިސްކަންދަރު ޓީމުން ކަށަވަރުކޮށްފި އެވެ.

މިއަދުގެ މެޗުގައި އިސްކަންދަރު ޓީމު ޖެހި ނުވަ ލަނޑުގެ ތެރެއިން ހަތަރު ލަނޑު ޖަހާފައި ވަނީ މާޔަން މުހައްމަދު އެވެ. އަދި އަނެއް ފަސް ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައި ވަނީ މިއަދުގެ މެޗުގެ ކުއީން އޮފްދަ މެޗުގެ މަގާމު ހޯދި ފާތިމަތު ޝާލިޔާ އެވެ.

އެމްބީސީގެ ޓީމު މިއަދުގެ މެޗުން ބަލިވުމުން އެ ޓީމު ވަނީ މުބާރާތުގައި ބައިވެރިވި ފަސްޓީމުގެ ތެރެއިން ކުޅުނު އެއްވެސް މެޗަކުން މޮޅުނުވެ، އިދިކޮޅު ޓީމުގެ ގޯލަށް ލަނޑެއް ކާމިޔާބު ނުކުރެވި ބައިކޮޅަށް 23 ގޯލް ވަދެ، އެއްވެސް ޕޮއިންޓެއް ނުލިބި މުބާރާތް ހުސްއަތާ ނިންމާލަން ޖެހިފަ އެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ސެމީފައިނަލަށް ގޮސްފައި ވަނީ ހުރިހާމެޗަކުން މޮޅުވެ، ތާވަލުގެ އެއްވަނަ ޓީމުގެ ގޮތުގައި 12 ޕޮއިންޓް ފައިދާ ނުވަ ގޯލާ އެކު ބައި ކޮޅަށް އެއްވެސް ލަޑެއް ނުވަދެ އެވެ.

ސަން ހޮޓެލްސް އެންޑް ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑް (ސަންޓީމު) ތާވަލުގެ ދެ ވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދީ ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެ، އެއްމެޗުން ބަލިވެ، 9 ޕޮއިންޓް ފައިދާ 11 ގޯލާ އެކު އެވެ. ސަންޓީމު ކުޅުނު ހުރިހާ މެޗެއްގައި 12 ލަނޑު ކާމިޔާބު ކޮށްފައިވާ އޮރު އެޓީމުގެ ގޯލަށް ވަނީ އެންމެ ލަނޑެކެވެ.

އިސްކަންދަރު ޓީމު ތާވަލުގެ ތިންވަނައިގާ ސެމީން ޖާގަ ހޯދީ، ކުޅުނު ހަތަރު މެޗުގެ ތެރެއިން އެއްމެޗުން މޮޅު، އެއްމެޗު އެއްވަރު އަދި ދެމެޗުން ބަލިވެ ހަތަރު ޕޮއިންޓު ފައިދާ ހަ ގޯލާއެކު އެކު އެވެ. މުޅި މުބާރާތުގައި އެ ޓީމުގެ ކޮޅަށް ތިން ގޯލް ވަދެފައިވާ އިރު ނުވަގޯލް ކާމިޔާބު ކޮށްފައިވެ އެވެ.

ލ. ގަމު ތުނޑީ އަވަށުގެ ސޮސައިޓީ ފޯ ތުނޑީ އެޑްވާންސްމެންޓް އެންޑް ރެކްރިއޭޝަން (ލ.ސްޓާ) ތާވަލުގެ ހަތަރު ވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދިއިރު އެ ޓީމަށް ލިބިފައި ވަނީ ހަތަރު ޕޮއިންޓެވެ. އެ ޓީމު ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެމެޗުން ބަލިވެ، އެއް މެޗު އެއްވަރުވެ އަދި އެއްމެޗުން މޮޅުވެ ޓީމު ކޮޅަށް ހަތަރު ގޯލް ވަދެފައިވާ އިރު އެޓީމަށް ކާމިޔާބު ކުރެވިފައި ވަނީ އެންމެ ގޯލެކެވެ.

ވުމަންސް ފުޓްބޯލް ޗެމްޕިއަންޝިޕް 2012ގެ ސެމީފައިނަލުގެ ފުރަތަމަ މެޗުގައި މިމަހުގެ 27 ވަނަ ދުވަހު ވާދަކުރާނީ އެމްއެންޑީއެފްގެ ޓީމާއި ލ. ސްޓާއެވެ. އަދި 28 ވަނަ ދުވަހު ސެމީފައިނަލުގެ ދެވަނަ މެޗުގައި ވާދަކުރާނީ ސަން ޓީމާއި އިސްކަންދަރު ޓީމެވެ. ސެމީފައިނަލުގެ ދެ މެޗުވެސް ކުޅެން ހަމަޖެހިފައި ވަނީ ގަލޮޅު ރަސްމީ ބޯޅަދަނޑު ގައެވެ. މެޗުތައް ފަށާ ގަޑިއަކީ ހަވީރު 4:15 އެވެ.