15:22


ސިވިލް ސާވަންޓުންގެ މުސާރައިގެ މައްސަލައިގައި، ސަރުކާރުގެ އިހްލާސްތެރިކަމެއް ހުރިއްޔާ ސިވިލްސާވަންޓުންނަށް ކުރިން ދެމުން އައި މުސާރަ ދިނުމަށް ސަރުކާރުގެ މައްޗަށް ކޮށްފައިވާ ކޯޓު ހުކުމަށް ބޯލެނބުމަށް އިދިކޮޅު ޑީއާރުޕީން ގޮވާލައިފި އެވެ.


ޑީއާރުޕީގެ ސެކްރެޓަރީ ޖެނެރަލް އަބުދުއްރަޝީދު ނާފިޒު ވިދާޅުވީ، ސިވިލް ސާވަންޓުންނަށް ހަމަ މުސާރަ ދިނުމަށް ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒު ކުރަންޖެހޭ ފަރާތަކީ ސަރުކާރުކަމަށް ވެފައި، އެކަން ނުކުރައްވައި، ކޯޓު ހުކުމަށް ގޮންޖެއްސެވުމަށްފަހު މުސާރައިގެ މައްސަލައިގައި، ސިވިލްސާވިސް ކޮމިޝަނާއެކު ވާހަކަ ދެއްކުމަށް ކޮމިޓީއެއް އުފައްދަވައި، ސިވިލްސާވިސް މުވައްޒިފުންގެ މުސާރަ ބޮޑުކުރައްވާނެ ކަމަށް ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދެއްކެވުމަކީ ގަބޫލު ކުރެވޭނެ ކަމެއްނޫން ކަމަށެވެ. އަދި ކޯޓުން ކޮށްފައިވާ އެ ހުކުމް ޝަރުއީ އެހެން މަރުހަލާތަކަކަށް ގެންދެވުމަށް ނިންމަވައި، މުވައްޒިފުންގެ މުސާރަ ބޮޑުކުރާ ވާހަކަ ދެއްކުމަކީ، ކުރިއަށް އޮތް ކައުންސިލްތަކުގެ އިންތިހާބަށް ސިވިލްސާވިސް މުވައްޒިފުންގެ ތާއީދު ހޯދުމަށް ސަރުކާރުން ދައްކާ ވާހަކަތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


އަބުދުއްރަޝީދު ނާފިޒު އަދި ވިދާޅުވީ، މުވައްޒިފުންނަށް ހަމަ މުސާރަ ދިނުމަށް ކޯޓުން ކޮށްފައިވާ ހުކުމަށް ސަރުކާރު ބޯލެންބުމަށް ކުރަންޖެހޭ މަސައްކަތްތަކާބެހޭގޮތުން ޑީއާރުޕީން ސިވިލްސާވިސް އެސޯސިއޭޝަނާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ. އަދި މުވައްޒިފުންގެ މުސާރައިން ކުޑަކުރިބައި ނުދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދިޔަ ނަމަވެސް އެއީ ސަރުކާރުގެ ބޮލުގައި އެޅިފައިވާ ދަރަންޏެއްކަމަށާއި، އެ ފައިސާ ނުދިނުމަށް ނިންމޭނީ ޝަރުއީ ކޯޓަކަށް ސަރުކާރުން އެ މައްސަލަ ހުށަހަޅައި އެފައިސާއަކީ ދޭންނުޖެހޭ ފައިސާއެއްކަމަށް ކޯޓުން ނިންމުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ސަރުކާރުގެ އާމްދަނީ ހަތް ބިލިއަން ރުފިޔާ އަށް އެރުމުން މުވައްޒިރުންގެ މުސާރަ ބޮޑުވާނެ ކަމަށް ސަރުކާރުން ވާހަކަ ދައްކަވާއިރު، ރާއްޖޭގެ އިގްތިސާދު ދަށަށްގޮސް ތަކޭތީގެ އަގު މައްޗަށްގޮސް ޑޮލަރުގެ ކަޅުބާޒާރު އޮތްކަމަށް އިގްތިސާދީ މާހިރުން ފާހަކަކުރުމަކީ، އެކަމުގައި އުއްމީދެއް އޮތް ކަމެއްނޫން ކަމަށް ވެސް އަބުދުއްރަޝީދު ނާފިޒު ވިދާޅުވި އެވެ.


ސިވިލް ސަރވިސްއާ ގުޅިގެން ކުރަންޖެހޭ ކަންކަމުގައި، ސަރުކާރާއި ސިވިލް ސަރވިސް ކޮމިޝަނާ މަޝްވަރާ ކުރުމަށްޓަކައި ސަރުކާރުގެ އިސްބޭފުޅުންނާއި، ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުން ހިމެނިވަޑައިގަންނަވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިދިޔަ އަންގާރަ ދުވަހު ވަނީ ކޮމިޓީއެއް އުފައްދަވައިފަ އެވެ.


އެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގެ ރިޔާސަތު ބެލެއްހެއްޓެވުމަށްފަހު މިދިޔަ ހުކުރު ދުވަހުގެ ރޭޑިއޯ ތަގުރީރުގައި، ސިވިލް ސަރވަންޓުންގެ މުސާރަ މިއަހަރު ތެރޭ ބޮޑުކުރާނެ ކަމުގެ އިޝާރާތެއް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވަނީ ދެއްވައިފަ އެވެ.


އެމަނިކުފާނު ވިދާޅުވެފައި ވަނީ، ސިވިލް ސަރވިސް ކޮމިޝަން ގެ މެމްބަރުންނާއެކު ކުރިއަށްދާ މަޝްވަރާތަކުގައި، ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ އިޢާދަކުރުމުގެ ކަންތައް އެ ކޮމިޝަނުން ފާހަގަކުރާ ކަމަށެވެ. އަދި ސަރުކާރުގެ އާމްދަނީ، ހަތް ބިލިއަން ރުފިޔާ އަށް އެރުމުން މުސާރަ ބޮޑުވާނެ ކަމަށް ފިނޭންސް މިނިސްޓަރ އަލީ ހާޝިމް ފާހަގަކުރައްވަމުން ގެންދަވާތީ، މި އަހަރުގެ ތެރޭގައި އެކަން އެގޮތަށް ހިނގާފާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.