14:30


އައިސްލެންޑްގެ މިނިސްޓަރ ފޮރ އެންވަޔަރަންމަންޓް ސުވާންޑިސް ސުވަވަރުދޮއްތޭ އާއި މިނިސްޓަރ ފޮރ އެނަރޖީ އެންޑް އިންޑަސްޓްރީ ކެތުލިން ޖޫލިއަސްދޮއްތޭއާ ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ބައްދަލުކުރައްވައިފި އެވެ.


ވަކިވަކިން ބޭއްވެވި ދެ ބައްދަލުކުރެއްވުމުގައި، މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުންނާއި، އިޢާދަކުރަނިވި ހަކަތައިގެ ދާއިރާގައި ދެޤައުމުގެ ގުޅުން ބަދަހިކުރެއްވުމާ ބެހޭގޮތުން އެދެބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ މަޝްވަރާ ކުރެއްވި ކަމަށެވެ. ރައީސްގެ ވާހަކަފުޅުގައި، ރާއްޖެއަކީ ދުނިޔޭގެ އެންމެ ފުރަތަމަ ކަރބަން ނިއުޓްރަލް ޤައުމަށް ހެއްދެވުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ މައްޗަށް ބައްލަވާލެއްވި އެވެ.
މީގެ އިތުރުން، މި ދާއިރާގައި އައިސްލެންޑްގެ ތަޖްރިބާއާއި އެހީތެރިކަން ހޯއްދެވުމާ ބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވި އެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، އިޢާދަކުރަނިވި ހަކަތައާއި، ތިމާވެށްޓާ ރަޙްމަތްތެރި ޓެކްނޯލޮޖީ ބޭނުންކޮށްގެން، ތަރައްޤީ ގެނެވިދާނެ ކަމުގެ ވަރަށްރީތި ނަމޫނާއެއް އައިސްލެންޑުން ވަނީ ތަރައްޤީވަމުން އަންނަ ޤައުމުތަކަށާއި، ދުނިޔޭގެ އެހެން ޤައުމުތަކަށް ދައްކައިދީފައި ކަމުގައި ރައީސް ވިދާޅުވި އެވެ.


މިނިސްޓަރ ފޮރ އެންވަޔަރަންމަންޓާއެކު ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުކުރެއްވުމުގައި، ކޯޕަންހޭގަންއިން ނިންމި ނިންމުންތަކަށް ޢަމަލީ ސިފަ ގެނައުމަށް ތާވަލެއް އެކުލަވައިލުމުގެ މުހިންމުކަމާ ބެހޭގޮތުންވެސް ވާހަކަފުޅު ދެއްކެވި އެވެ. އަދި މިނސްޓަރ ފޮރ އެނަރޖީ އެންޑް އިންޑަސްޓްރީއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، މަސްވެރިކަމުގެ ދާއިރާގައި ދެޤައުމުގެ ތަޖްރިބާ ހިއްސާކުރުމުގެ މުހިންމުކަމުގެ މައްޗަށް ރައީސް ބައްލަވައިލެއްވި އެވެ.