25 Dec 2012, 23:09
މާލޭގެ ގެސްޓް ހައުސްއަކަށް ވަދެ ތޫނޫއެއްޗަކުން ބިރުދެއްކުމަށް ފަހު ފައިސާތަކާ އިލެކްޓޯނިކް ސާމާނުތަކެއް ފޭރުނު ކަމަށް ތުހުމަތު ކުރެވޭ ދެވަނަ ފުރުސަތުގެ މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
ފުލުހުން މިރޭ ބުނީ އެ މައްސަލައާ ގުޅިގެން ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވަނީ ހ. ރިހިތަޅާގެ އަލީ ހައިލަމް،34، ގެ މައްޗަށް ކަމަށެވެ. އަދި އޭނާ އަކީ ތަފާތު އެކިއެކި މައްސަލަތަކާއި ގުޅިގެން 33 އަހަރާއި 6 މަހުގެ ޖަލުހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް ދެވަނަ ފުރުސަތުގެ ދަށުން ދޫކޮށްލާފައިވާ މީހެއްކަމަށް ވެސް ފުލުހުން ބުންޏެވެ.
ހައިލަމްގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ މިއަހަރުގެ ޖުލައި މަހުގެ 22 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި މާލޭގެ ގެސްޓް ހައުސްއަކަށް ވަދެ ތޫނުއެއްޗަކުން ބިރުދެއްކުމަށް ފަހު ގިނައަދަދެއްގެ ފައިސާއާއި އިލެކްޓްރޯނިކް ސާމާނުތަކެއް ފޭރިގަތް ކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުންޏެވެ. އަދި މިމަހުގެ ތިން ވަނަ ދުވަހު ޕީޖީ އޮފީހަށް އެ މައްސަލަ ފޮނުވާފައިވާއިރު، އޭނާ ފޭރުނުތަކެތި ސައުވީސް ގަޑިއިރު ނުވަނީސް ހޯދައި ވެރިފަރާތާއި ހަވާލުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.