މެލޭޝިޔާގެ ނެކްސް ބިޒާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ 2.5 ބިލިއަން ރުފިޔާގެ ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ މަސައްކަތް ހުއްޓާލަން ނިންމާފައިވާ ކަމަށް ހޯމް މިނިސްޓަރު ޑރ. މުހަންމަދު ޖަމީލް އަހުމަދު މިރޭ ވިދާޅުވެއްޖެ އެވެ.

ޒަމާނީ ބޯޑާ ކޮންޓްރޯލް ނިޒާމެއް ގާއިމްކުރުމަށް 2010 ވަނަ އަހަރު މެލޭޝިޔާގެ ނެކްސް ބިޒާ އެކުވި އެއްބަސްވުމުގެ ސަބަބުން ދައުލަތަށް މާލީ އަދި އިގްތިސޯދީ ގެއްލުންތަކަކާ ކުރިމަތިލާން ޖެހޭތީ އެ ޕްރޮޖެކްޓް ވަގުތުން ހުއްޓާލުމަށް ސަރުކާރަށް އެންގުމަށް މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ނިންމި ނިންމުން 74 މެންބަރުންގެ އިއްތިފާގުން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން މިއަދު ވަނީ ފާސްކޮށްފަ އެވެ.

އެ ނިންމުމާ ގުޅިގެން "ސަން އޮންލައިން"އަށް މިރޭ ދެއްވި އިންޓަވިއުއެއްގައި، ހޯމް މިނިސްޓަރު ޑރ. މުހަންމަދު ޖަމީލް އަހުމަދު ވިދާޅުވީ މެލޭޝިޔާގެ ނެކްސްބިޒާ އެކު ކުރިއަށް ގެންދާ ބޯޑާ ކޮންޓްރޯލް ސިސްޓަމް ހުއްޓާލަން ސަރުކާރުން ނިންމީ މަޖިލީހުގެ ނިންމުންތަކަށް އިހުތިރާމް ކުރުމަކީ ސަރުކާރުގެ ސިޔާސަތު ކަމަށްވާތީ އާއި އެ ޕްރޮޖެކްޓް ހުއްޓާލުމަށް ނިންމި ނިންމުމަކީ ސަރުކާރަށް ގަބޫލުކުރެވޭ ނިންމުމަކަށް ވާތީ ކަމަށެވެ.

"ސަރުކާރުގެ ވިސްނުމަކީ މަޖިލީހުގެ ނިންމުންތަކަށް އަމަލުކުރުން. އެކަންތައްތަކަށް އިހުތިރާމް ކުރުން. އަދި މަޖިލީހުން ނެންގެވި ސަބަބުތަކަކީ ސަރުކާރަށް ގަބޫލުކުރެވޭ ސަބަބުތަކަކަށްވީ. އެހެންވެގެން ކެބިނެޓާއި ރައީސްގެ ވެސް ނިންމެވުމާ އެކު އެ ނިންމުން މި ނިންމީ،" ޖަމީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ނިންމުމާ އެކު ކޮންޓްރެކްޓް ބާތިލު ކުރުމަށް ކުރަން ޖެހޭ ގާނޫނީ މަސައްކަތްތައް ކުރުމަށް ބަންޑާރަ ނައިބުގެ އޮފީހަށް މިއަދު އަންގަވާފައިވާ ކަމަށާއި ކޮންޓްރެކްޓް ބާތިލްކުރުމުން ދައްކަން ޖެހޭނެ ބަދަލެއް އަދި ބުނަން ނޭނގޭނެ ކަމަށެވެ. އަދި ވިދާޅުވީ ކޮންޓްރެކްޓް ބާތިލު ކުރުމުގައި ވިސްނުން ގެންގުޅުއްވީ ގައުމަށް އެންމެ ފައިދާ ބޮޑު ގޮތަކީ ކޮބައިތޯ ބެއްލެވުމަށް ކަމަށެވެ.

"އަޅުގަނޑުމެން ބަލަމުން މިއައީ މި މައްސަލައިގައި ސަރުކާރު ޖަވާބުދާރީ ކުރުމަށް އުފެދިފައި ހުރި މިނިވަން މުއައްސަސާތަކުން އެކަމުގައި ކަންކުރަނީ ކިހިނެއްތޯ ބަލަން. އެގޮތުން މީގެ ކުރިން ވެސް އޭސީސީން އެކަން ހުއްޓުވުމަށް ނިންމާފައި އޮތް އޮތުމަށް ވެސް އަމަލުކުރަން އެކަން މަޑުޖައްސާލަން އެންގި. ރައީސް ޑރ. ވަހީދަކީ އަބަދު ވެސް ގާނޫނު ނަގަހައްޓަން މަސައްކަތް ކުރައްވާ ވެރިއެއް، ގައުމަށް ފައިދާއަށްވާ ކަންކަމުގައި ކިތަންމެ އުނދަގޫކޮށް ވެސް ނިންމުންތައް ނިންމަވާ ބޭފުޅެއް،" ޖަމީލް ވިދާޅުވި އެވެ.

ގައުމާއި ރައްޔިތުންނަށް އެންމެ ފައިދާ ބޮޑުގޮތަށް ގައުމުގެ މުހިންމު ނިންމުންތައް ނިންމުމުގައި އަމަލުކުރައްވާނެ ކަމުގެ ޔަގީންކަން ޖަމީލް މިއަދު ދެއްވި އެވެ.

ބޯޑާ ކޮންޓްރޯލް ޕްރޮޖެކްޓް ހުއްޓާލުމަށް ނިންމި ސަބަބުތަކުގެ ތެރޭގައި ކޮމެޓީ ރިޕޯޓްގައި ބުނެފައި ވަނީ އެ އެއްބަސްވުމުގެ މުއްދަތުގެ ތެރޭގައި 166 މިލިއަން އެމެރިކާ ޑޮލަރު ސަރުކާރުން ނެކްސްބިޒް އަށް ދައްކަން ޖެހޭ ކަމަށާއި ނަމަވެސް އެ މަޝްރޫއުގެ ދަށުން ސަރުކާރަށް ލިބެނީ އެންމެ އަށް މިލިއަން ޑޮލަރު ކަމަށެވެ. އަދި ބުނެފައި ވަނީ ބޯޑާ ކޮންޓްރޯލް މަޝްރޫއުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ ގޮތަށް ބަލާ އިރު އޭރު އެއްބަސްވުމުގައި ސޮއި ކުރި އިރު، އޭރުގެ ބަންޑާރަ ނައިބުގެ އިހްމާލް އޭގައި ވަރަށް ބޮޑަށް އޮތް ކަމަށް ކޮމެޓީގެ ރިޕޯޓަށް ފާހަގަވެފައިވާ ކަމަށެވެ.

ބޯޑާ ކޮންޓްރޯލްގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުން ސޮއިކުރި އިރު، ބަންޑާރަނައިބަކަށް ހުންނެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، ޑރ. އަހުމަދު އަލީ ސަވާދެ ވެ.

ބޯޑާ ކޮންޓްރޯލް ޕްރޮޖެކްޓް ހުއްޓާލުމަށް އޭސީސީން ވެސް ވަނީ މީގެ ކުރިން އެކި ފަހަރުމަތިން މަސައްކަތްކޮށްފަ އެވެ. ނަމަވެސް އޭސީސީގެ ނިންމުންތަކަށް އިމިގްރޭޝަނުން ފުރިހަމައަށް އަމަލުކޮށްފައެއްނުވެ އެވެ. ކޮންޓްރޯލާ މުހަންމަދު އަލީ ދާދިފަހުން ވިދާޅުވެފައި ވަނީ ބޯޑާ ކޮންޓްރޯލް ޕްރޮޖެކްޓް ހުއްޓާލަން ޖެހިއްޖެ ނަމަ އެކަމުގެ ސަބަބުން ބޮޑަތި ދަތިތަކަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ.