25 Dec 2012, 22:15
އިންޑިއާ އަށް ދަތުރުކުރަން ބޭނުންވާ ދިވެހިންނަށް މި ދުވަސްވަރު ދިމާވެފައިވާ ވިސާގެ މައްސަލާގައި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑާޝިޕުން އިންޑިއަން ހައިކޮމިޝަނަރު ޑީއެމް މުލޭއާ ބައްދަލުކޮށްފި އެވެ.
އެމްޑީއޭ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އިންޑިއަން ހައިކޮމިޝަންގައި އިއްޔެ ހަވީރު އެ ޕާޓީގެ ލީޑާޝިޕުން ބޭއްވި ބައްދަލުވުމުގައި މިވަގުތު ރައްޔިތުންނަށް ކުރިމަތިވެފައިވާ، އިންޑިއާ އަށް ދަތުރުކުރުމުގެ ވިސާގެ މައްސަލައަށްވީ އެންމެ އަވަސް ހައްލެއް ހޯއްދަވައިދިނުމަށް ކޮށްދެއްވެން އޮތް ހުރިހާ މަސައްކަތެއް ކޮށްދެއްވުމަށް އެދި އެ ޕާޓީގެ ފަރާތުން އިންޑިއާގެ ހައިކޮމިޝަންގެ އަރިހުގައި ދަންނަވާފައިވާނެ ކަމަށެވެ. އަދި އިންޑިއާގައި ތައުލީމު ހާސިލް ކުރަމުން އަންނަ ދަރިވަރުންނަށް ބޮޑެތި އުނދަގޫތައް ކުރިމަތިވުމުގެ އިތުރުން ބޭސް ފަރުވާއަށް ފުރަން ޖެހޭ، ހާލުބޮޑު ބަލި މީހުންނަށް އަވަހަށް ނުފުރޭ މައްސަލައިގެ ސަބަބުން ދަތިތަކާ ކުރިމަތިވާކަން މުލޭގެ ސަމާލުކަމަށް ގެނެސްފައިވާކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
އިންޑިއާ އަށް ދާން އެދޭ މީހުންނަށް ވިސާ ލިބުމުގައި ދިމާވެފައިވާ އުނދަގުލުގެ ސަބަބުން ބޮޑަށް އަސަރުކުރަނީ އެންމެ ނިކަމެތި ދިވެހި ރައްޔިތުންނަށް ކަމަށް ވެސް ހައިކޮމިޝަނަރު ޑީއެމް މުލޭ އަރިހުގައި އެ ޕާޓީގެ އިންތިގާލީ ލީޑަރު އަހުމަދު ސިޔާމް ދެންނެވި ކަމަށް ވެސް އެމްޑީއޭގެ ބަޔާނުގައިވެ އެވެ.
"އަޅުގަނޑުމެން އެމްޑީއޭގެ ފަރާތުން އިއްޔެ އިންޑިއަން ހައިކޮމިޝަނަރު ޑީއެމް މުލޭއާ ބައްދަލުކުރިން. އެ ބައްދަލުވުމަކީ ރައްޔިތުންނަށް ދިމާވެފައި މިވާ ވިސާ މައްސަލަ ހައްލުކޮށް ދެއްވުމަށް އިންޑިއާގެ ސަރުކަރުގައި ދަންނަވަން ބޭއްވި ބައްދަލުވުމެއް. އެ ބައްދަލުވުން ވަރަށް ކާމިޔާބު. އިރާދަ ކުރެއްވިއްޔާ ވަރަށް އަވަހަށް ހައްލެއް ލިބިގެންދާނެ. އޭގެއިން އެންމެ ބޮޑު އަސަރެއް ކުރަނީ ނިކަމެތި ރައްޔިތުންނަށް،" އެމްޑީއޭގެ ބަޔާނުގައިވެ އެވެ.
އިންޑިއަން ހައިކޮމިޝަނަރު މުލޭއާ ހަވާލާދީ އެމްޑީއޭ އިން ބުނީ އެމްޑީއޭގެ ފަރާތުން އިސްނަގައިގެން ވިސާގެ މައްސަލާގައި އިންޑިއަން ހައިކޮމިޝަނަރާ ބައްދަލު ކުރީތީވެ އުފާފުޅު ކުރައްވާ ކަމަށާއި އެ މައްސަލައާ ގުޅޭ ގޮތުން އަދި މިހާތަނަށް ސިޔާސީ އެހެން ޕާޓީ އަކުން ވާހަކަ ދައްކައި ކަންބޮޑުވުން ފާޅުކޮށްފައި ނުވާ ކަމަށް މުލޭ ވިދާޅުވި ކަމަށެވެ. އަދި ޓޫރިސްޓުން ނޫން ގޮތަކަށް އިންޑިއާ އަށް ދާ މީހުން، ހަފުތާއެއް ކުރީން ވިސާ އަށް އެދެން ޖެހުމަކީ ސިޔާސީ މައްސަލައެއް ނޫން ކަމަށް މުލޭ ވިދާޅުވި ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
އިމަޖެންސީކޮށް ފުރަންޖެހޭ ހާލުބޮޑު ބަލި މީހުންނަށް އުނދަގުލެއް ނެތި ވިސާ ދޭނެ ކަމަށް މުލޭ ވިދާޅުވި ކަމަށް ވެސް އެމްޑީއޭ އިން ބުންޏެވެ.
ވިސާ މައްސަލައިގައި އިންޑިއަން ހައިކޮމިޝަނުން ކޮށްފައިވާ އިއުލާންގައި ބުނެފައި ވަނީ ވިސާ ހޯދަން އެދޭ ފަރާތްތަކަށް ދައްޗެއް ދިމާވިޔަ ނުދިނުމަށް ވަގުތު އޮއްވައި ވިސާ އަށް އެދުމަކީ އެދެވިގެންވާ ކަމެއް ކަމަށެވެ. އަދި ބުނެފައި ވަނީ ވިސާ ނުހޯދައި، (އޮން އެރައިވަލް ވިސާ ލިބޭ ގޮތަށް) ދިވެހިންނަށް އިންޑިއާ އަށް ދަތުރު ކުރެވޭނީ ޓޫރިސްޓުންގެ ގޮތުގައި ކަމަށާއި އެހެން ވީމާ އެނޫން ބޭނުމަކަށް ދަތުރުކުރާ ނަމަ، އެ ދަތުރަކާ ގުޅޭ ވިސާއެއް ހޯދުމަށް އެދި، އެ ވިސާއެއް ހޯދައިގެން ދަތުރުކުރުމަށް އިރުޝާދުދޭ ކަމަށެވެ.
އެމްޑީއޭގެ ފަރާތުން ހައިކޮމިޝަނަރު މުލޭއާ ބައްދަލު ކުރުމަށް ބޭއްވި ބައްދަލުވުމުގައި އެ ޕާޓީގެ އިންތިގާލީ ލީޑަރު ސިޔާމްގެ އިތުރުން އިންތިގާލީ ނާއިބް ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރާއި ނާއިބް ލީޑަރު އަލީ މައުރޫފާއި ނާއިބު ލީޑަރު އައިޝަތު ރަފިއްޔާ ވެސް ބައިވެރިވެވަޑައިގަތެވެ.