25 Dec 2012, 22:08
ރައްޔިތުންގެ މަޖިލީހުގެ ކޯރަމްގެ އަދަދު ކަމަށްވާ 20 މެންބަރުން މަޖިލީހުގެ ތަޅުމުގައި ނެތް ކަން، ރިޔާސަތުގެ ސަމާލު ކަމަށް މެންބަރަކު ނުގެންނަވާ ހިނދެއްގައި މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދެވޭ ގޮތަށް މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނެސްފި އެވެ.
މަޖިލީހުގެ ގަވާއިދުގެ 37 ވަނަ މާއްދާ އަށް އިސްލާހު ގެނައުމަށް އާންމު ކޮމެޓީން މަޖިލީހުގެ ތަޅުމަށް ފޮނުވި އެ އިސްލާހުގައި ބުނަނީ މަޖިލީހުގެ ޖަލްސާއެއްގެ ގާނޫނީ އަދަދަކީ މަޖިލީހުގެ މެންބަރުންގެ 25 ޕަސެންޓް ކަމަށެވެ. އެއީ 20 މެންބަރުންނެވެ. އަދި އެ މާއްދާގެ (ށ)ގައި ބުނަނީ މަޖިލީހުގެ އެއްވެސް ޖަލްސާއެއް ފަށަން ވާނީ 20 މެންބަރުން ހަމަވުމުން ކަމަށެވެ.
ކޯރަމް ހަމަވެގެން ފަށާފައިވާ ޖަލްސާއެއް ހިނގަމުންދަނިކޮށް ކޯރަމް ގެއްލުނަސް ޖަލްސާ ހުއްޓާލަން ނުޖެހެނީ އެ މާއްދާގެ ސަބަބުންނެވެ. ނަމަވެސް ކުރިން އެ މާއްދާގެ (ނ)ގައި ބެނެފައި އޮތީ ޖަލްސާއެއް ހިނގަމުންދަނިކޮށް ޖަލްސާއަށް ހާޒިރުވެތިއްބެވި މެންބަރުންގެ އަދަދު ގާނޫނީ އަދަދަށް ވުރެ މަދުވެއްޖެ ނަމަ އެ ހިސާބުން އެ ޖަލްސާއެއް ހުއްޓާލައި، ކޯރަމް ރަނގަބީލު ޖަހަންވާނެ ކަމަށެވެ. ނަމަވެސް މިހާރު އެ މާއްދާގައި އެހެން ބުނެފައިވާ ބައި ވަނީ އުނިކޮށްފަ އެވެ.
އެ ބައި އުނިކުރުމުން ޖަލްސާއެއް ހިނގަމުން ދަނިކޮށް، ކޯރަމް ގެއްލުނަސް ޖަލްސާ ހުއްޓާލާކަން ނުޖެހޭނެ އެވެ. ޖަލްސާ ހުއްޓާލަން ޖެހޭނީ ކޯރަމް ގެއްލިއްޖެ ކަމަށް ރިޔާސަތަށް މެންބަރަކު ދެންނެވުމުންނެވެ.
މަޖިލީހުގެ ގަވާއިދުގެ 37 ވަނަ މާއްދާ (ރ)އަށް މިއަދު ގެނެސްފައިވާ އިސްލާހުގައި ބުނަނީ ރައްޔިތުންގެ މަޖިލީހުން އެއްވެސް ކަމަކަށް ވޯޓަށް އަހަންވާނީ މަޖިލީހުގެ ކޯރަމް ކަމުގައިވާ 20 މެންބަރުން ހަމަވުމުން ކަމަށެވެ. އަދި އެ މާއްދާގެ (ބ)ގައި ބުނަނީ ރައްޔިތުން އަމަލު ކުރުން ލާޒިމް އެއްވެސް ކަމެއް ފާސް ކުރަންޖެހޭނީ މަޖިލީހުގެ 77 މެންބަރުންގެ ތެރެއިން ދެ ބައި ކުޅަ އެއްބައި މެންބަރުން އެ ޖަލްސާ އަށް ހާޒިރުވެތިބޭ ވަގުތެއްގައި ކަމަށެވެ. އެއީ 39 މެންބަރުން ހާޒިރުވުމުން އެފަދަ ވޯޓެއް ނެގިދާނެ އެވެ.
މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނިކޮށް، ކޯރަމްގެ އަދަދު ކަމަށްވާ 20 މެންބަރުން ތަޅުމުގައި ނެތަސް، މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދެވޭ ގޮތުގެ ހިޔާލު އެންމެ ފުރަތަމަ ފާޅުކުރެއްވީ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދެވެ. ނަޝީދު އެ ހިޔާލު ހުށަހެޅުއްވީ މަޖިލީހުގައި ކޯރަމްގެ މައްސަލަ ބޮޑުވި ދުވަހެއްގަ އެވެ.
ނަމަވެސް މަޖިލީހުން މިއަދު ފާސް ކުރި އިސްލާހަކީ މަޖިލީހަށް ގާނޫނީ ލަފާދެއްވާ ކައުންސެލް ޖެނަރަލް ފާތިމަތު ފިލްޒާ ކޮމެޓީ އަށް ހުށަހެޅި ޑްރާފްޓެއްގެ މައްޗަށް ބަލައި ފާސްކުރި އިސްލާހެކެވެ.