25 Dec 2012, 21:19
ކާއިރު ގިނައިން ލޮނުބޭނުން ކުރުމާއި ޕޮޓޭޝިޔަމް މަދުކާނާ ކެއުމަކީ ސިއްޙީ ދުޅަހެޔޮކަން ގެއްލި އުމުރު ކުރުވުމަށް މަގުފަހިވާ ކަމެއްކަން ކަމާބެހޭ މެޑިކަލް ދިރާސާއަކުން ހާމަވެއްޖެ އެވެ.
އެމެރިކާގައި ނެރޭ ސިއްޙަތާ ބެހޭ މަޖައްލާއެއް ކަމަށްވާ "އާކައިވްސް އޮފް އިންޓާނަލް މެޑިސިން"ގައި ޝާއިޢުކޮށްފައިވާ ދިރާސާއެއް ބުނާ ގޮތުން ކާއިރު ގިނައިން ލޮނު (ސޯޑިޔަމް ކްލޮރައިޑް) ބޭނުން ކުރުމާއި ޕޮޓޭޝިޔަމް މަދު ކާނާ ކެއުމަކީ ހަށިގަނޑުގައި ލޭ ހިނގާ ނާރުތަކުގެ ނިޒާމަށާއި ހިތައް ނުރައްކާ ހުރި ކަމެކެވެ. އިންސާނުންނަށް ޕްޓޭޝިޔަމް އާއި ސޯޑިޔަމްގެ އަސަރު ކުރާމިންވަރު ދެނެގަތުމަށް 12 ހާސް މީހުން ހިމަނައިގެން 15 އަހަރު ވަންދެން އެމީހުންގެ ކެއުމުގައި ލޮނާއި ޕޮޓޭޝިޔަމް އެކުލެވޭ މިންވަރު ބެލުމަށް މިދިރާސާ ކުރިއިރު މިމުއްދަތުގައި 2270 މީހަކު މަރުވެފައިވެ އެވެ. މީގެތެރެ އިން 825 މީހަކު މަރުވެފައި ވަނީ ހިތާއި ނާރުތަކާގުޅިފައިވާ މައްސަލަތަކުގައި ކަމަށާ އަދި 433 މީހަކު މަރުވެފައިވަނީލޭ ގަނޑުވެގެން ކަމަށް ވެސް މިދިރާސާ ބުނެ އެވެ.
މި 12 ހާސް މީހުންގެ ތެރޭގައި ހިމެނޭ އެންމެންނަކީ ވެސް އެމީހުންގެ ކެއުމުގައި ލޮނު ބޭނުންކުރާ މިންވަރު ސިއްޙީ މިންގަނޑަށް ވުރެ އިތުރު މީހުންކަން މި ދިރާސާއިން ހާމަވެފައިވެ އެވެ. އަދި ލޭ ގަނޑުވުމުގެ ބަލިޖެހިގެން މަރުވި މީހުންގެ ތެރެއިން ގިނަމީހުންނަކީ ލޮނު ގަދަކޮށް ކެއުމުގެ އިތުރުން އެމީހުންގެ ކެއުމުގައި ސިއްޙީ މިންގަނޑަށްވުރެ ޕޮޓޭޝިޔަމްގެ މިންވަރު ވެސް އާންމުގޮތެއްގައި ދަށް މީހުންކަން ވެސް މިދިރާސާކުރި ރީސާޗަރުން ފާހަގަކޮށްފައިވެ އެވެ. މިމީހުންނަށް ޖެހުނު ހިތާއި ނާރުތަކުގެ ބަލިތަކާއި އެމީހުންގެ ކެއުމުގައި ލޮނާއި ޕޮޓޭޝިޔަމް ހުރި މިންވަރާ ގުޅުންވާކަން މިދިރާސާ އިން ހާމަވެފައިވާ ކަމަށް "އާކައިވްސް އޮފް އިންޓާނަލް މެޑިސިން" ބުނެ އެވެ.
ކެއުމުގެ އެހެން ސިއްޙީ ހަމަތަކަށް ނުބަލައި ހަމައެކަނި ލޮނު މަދުކޮށް ޕޮޓޭޝިޔަމް އެކުލެވޭ ކާނާ ގިނައިން ކެއުމަކީ ހިތާއި ނާރުތަކުގެ ބަލިތަކުން ސަލާމަތްވާނެ ކަމެއްކަންމިދިރާސާއިން ހާމަނުވިނަމަވެސް އާންމުގޮތެއްގައިލޮނުގަދަކޮށް ކެއުމަކީ ލޭމައްޗަށް ދިޔުމަށް މަގުފަހިވެ ހިތާއި ނާރުތަކުގެ ތަފާތުބަލިތަކަށް މަގުފަހިވުމުގެ ފުރްސަތު އިތުރުވާ ކަމެއްކަމަށާ މިކަމުގެ އަސަރު އެކި މީހުންނަށް ކުރަނީ އެކިވަރަށް ކަން މި ދިރާސާކުރި ރީސާޗަރުން ހާމަކޮށްފައިވެ އެވެ. ކެއުމުގައި ފަރުމަހާއި އަދި ޚާއްސަކޮށް ފަރުމަހުގެ ބޯ ކެއުމަކީ ޕޮޓޭޝިޔަމް އެކަށީގެންވާ މިންވަރަށް ލިބޭނެ ކަމެކެވެ. އަދި ތަފާތު ބާވަތްތަކުގެ ތަރުކާރީއާއި މޭވާއިން ވެސް ޕޮޓޭޝިޔަމް ލިބޭނެކަމަށް ސިއްޙީ ތަޖްރިބާކާރުން ވިދާޅުވެ އެވެ.