25 Dec 2012, 18:06
ރައްޔިތުންގެ މަޖިލިސް ޗުއްޓީގައި އޮންނަ ދުވަސްވަރު ނުވަތަ ދައުރުން ބޭރުގައި ޖަލްސާތައް ބޭއްވުމަށް މަޖިލީހުން މިއަދު ފާސްކުރި ނަމަވެސް، އެފަދަ ޖަލްސާތަކެއްގައި އިތުބާރު ނެތް ކަމުގެ ވޯޓް ނުނެގުމަށް ހުށަހެޅި އިސްލާހު ފާސް ނުކުރުމަށް މަޖިލީހުގެ މެންބަރުން އަގުލަބިއްޔަތުން ވޯޓް ދެއްވައިފި އެވެ.
މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނައުމަށް ކޮމެޓީން ފޮނުވި ރިޕޯޓް މަޖިލީހަށް އިއްވެވީ އެ ކޮމެޓީގެ މެންބަރު ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދެވެ. ނަމަވެސް އެ އިސްލާހާ މެދު ހިންހަމަޖެހިވަޑައިނުގެން ފަރެސްމާތޮޑާ ދާއިރާގެ މެންބަރި އިބްރާހިމް މުއްތަލިބު ވަނީ އިސްލާހެއް ހުށަހަޅުއްވާފަ އެވެ.
މަޖިލީހުގެ ގަވާއިދުގެ 33 ވަނަ މާއްދާގެ (ރ)އަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ޗުއްޓީގައި މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް މަޖިލީހުގެ 77 މެންބަރުންގެ ތެރެއިން ތިން ބައި ކުޅަ އެއްބައި މެންބަރުން ސަބަބު ބަޔާންކޮށް ސޮއިކޮށް މަޖިލީހަށް ހުށަހަޅައިފި ނަމަ ޖަލްސާ ބާއްވަންޖެހޭނެ އެވެ. އެގޮތުން އެ ޖަލްސާ 14 ދުވަހުގެ ތެރޭގައި ބާއްވަން ޖެހޭނީ ވަކި ސަބަބުތަކެއް މެދުވެރިވުމުން ކަމަށް މުއްތަލިބު ހުށަހެޅުއްވި އިސްލާހުގައިވެ އެވެ. އެގޮތުން ސުނާމީއެއް ކުރިމަތިވުމާއި ގައުމަށް ދިމާވާ ކާރިސާއެއްގައި ރައްޔިތުން ހާލުގައި ޖެހި ސަރުކާރުން ކުރަން ޖެހޭ ކަމެއް ނިންމުމަށާއި ދުނިޔެ އަށް ދިމާވާ ކުއްލި ހާލަތެއްގައި އަމަލު ކުރާނެ ގޮތެއް ކަނޑައެޅުމަށް ސަރުކާރުން ހުށަހެޅުމެވެ. ނަމަވެސް އެފަދަ ޖަލްސާއެއްގައި އެއްވެސް ފަރާތެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް އެޖެންޑާ ނުކުރެވޭނެ ކަމަށް އެ އިސްލާހުގައި ބުނެ އެވެ.
ނަމަވެސް އެ އިސްލާހަށް ވޯޓަށް އެހުމުން ފާހެއް ނުވި އެވެ. އެ އިސްލާހު ފާސް ކުރުމަށް ވޯޓް ދެއްވީ ޕީޕީއެމް މެންބަރުންނާ އެކު 27 މެންބަރުންނެވެ. އަދި އެ އިސްލާހު ފާސްކުރުމާ ދެކޮޅަށް 43 މެންބަރުން ވޯޓް ދެއްވި އިރު، ވަކިކޮޅަކަށް ވޯޓް ނުދެއްވާ ހަތަރު މެންބަރުން ތިއްބެވި އެވެ.
މަޖިލީހުން ފާސް ކުރީ އާންމު ކޮމެޓީން ފޮނުވި ރިޕޯޓް އެއްވެސް އިސްލާހަކާ ނުލައި ފާސް ކުރުމަށެވެ. އެގޮތުން މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ރިޕޯޓްގައި ބުނަނީ މަޖިލީހުގެ މެންބަރުންގެ ތެރެއިން ތިން ބައި ކުޅަ އެއްބައި މެންބަރުން ނުވަތަ 26 މެންބަރުން ސަބަބު ބަޔާންކޮށް ޖަލްސާއެއް ބޭއްވުމަށް މަޖިލީހަށް ހުށަހަޅައިފިނަމަ 14 ދުވަހުގެ ތެރޭގައި ޖަލްސާއެއް ބޭއްވަންޖެހޭނެ ކަމަށެވެ. އެ 14 ދުވަސް ގުނަންޖެހޭނީ ބަންދު ދުވަސް ހިމަނައިގެން ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ.
އެ އިސްލާހު ފާސްވީ ވޯޓްގައި ބައިވެރިވި 72 މެންބަރުންގެ ތެރެއިން 44 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ އިސްލާހު ފާސް ކުރުމާ ދެކޮޅަށް ވޯޓް ދެއްވީ 28 މެންބަރުންނެވެ. އަދި ވަކިކޮޅަކަށް ވޯޓް ނުދެއްވާ ދެ މެންބަރަކު ތިއްބެވި އެވެ. އެ އިސްލާހާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންނެވެ.