ފެންޝަން ސުކީމަށް ފައިސާ ދައްކާފައިނުވާތީ އައިމާ ކޮންސްޓަރަކްޝަނުންގެ މައްސަލަ ކޯޓަށް ހުށައަޅާފައިވާކަމަށް ޕެންޝަން އޮފީހުން މިއަދު ބުނެފި އެވެ.

މިއަދު އެ އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕެންޝަން އޮފީހުގެ ސީއީއޯ މުހަންމަދު ހުސައިން މަނިކު މިއަދު ވިދާޅުވީ ޕެންޝަން ގާނޫނުގެ ދަށުން ޕެންޝަން ފަންޑަށް ފައިސާ ދައްކަމުންނުދާތީ އައިމާ ކޮންސްޓަރަކްޝަނުންގެ މައްސަލަ ކޯޓަށް މިދިޔަ ހަފްތާގެ ތެރޭގައި ހުށައަޅާފައިވާ ކަމަށެވެ.

މިއީ ޕެންޝަންފަންޑަށް ފައިސާ ނުދައްކައިގެން ފަރާތެއްގެ މައްސަލަ ކޯޓަށް ވެއްދި ފުރަތަމަ ފަހަރެވެ.

"ފައިސާ ނުދައްކާތީ އަޅުގަނޑުމެން ވާނީ އައިމާ ކޮންސްޓުރަކްޝަންގެ މައްސަލަ ކޯޓަށް ވައްދާފައި، އަދި ފައިސާ ނުދައްކާ ފަރާތްތަކާމެދު އޮންނަ ގޮތުގެ މަތިން އަޅުގަނޑުމެން ފިޔަވަޅު އަޅާނަން،" މަނިކު ވިދާޅުވި އެވެ.

އަދި ވިދާޅުވީ ޕެންޝަންފަންޑަށް ފައިސާ ޖަމާކުރަމުން ނުދިޔަ ނަމަވެސް މުވައްޒަފުންގެ މުސާރައިން ޕެންޝަނަށް ފައިސާ ކަނޑަމުންދާ ކަމަށެވެ. ނަމަވެސް އައިމާ ކޮންސްޓްރަކްޝަނުން ނުދައްކާވަނީ ކިހާ އަދަދެއްގެ ފައިސާއެއްކަމެއް ވިދާޅެއް ނުވެއެވެ.

މަނިކު ވިދާޅުވީ އެފަންޑަށް މަހެއްގެ މައްޗަށް 55 މިލިއަން ރުފިޔާ ލިބޭ ކަމަށާއި ސަރުކާރާއި ޕްރައިވެޓް ސެކްޓާއިން 71900 މުވައްޒަފަކު ޕެންޝަން ފައިސާ ދައްކަމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ އެ ފަންޑަށް ފައިދާ ވަނީ ޓީ ބިލުންނާއި ފިކްސްޑް ޑިޕޮސިޓުން ކަމަށެވެ. ފަންޑުން އިންސްވެސްޓްކޮށްގެން ފައިދާ ހޯދަން ހުރަސްތަކެއް އެބަހުރި ކަމަށާއި ޕެންޝަންގެ ގާނޫނު ބުނާގޮތުން އެ ކުންފުންޏަށް އިންވެސްޓްކުރެވޭނީ ސީއެމްޑީއޭގައި ލިސްޓުކޮށްފައިވާ ކުންފުންޏަކަށް ކަމަށް ވެސް މަނިކު ވިދާޅުވި އެވެ.

ޕެންޝަން ފަންޑަށް ފައިސާ ނުދައްކާ ކުންފުނިތަކުގެ ތެރެއިން 90 ފަރާތެއްގެ ނަން ޕެންޝަން އޮފީހުން އާންމުކޮށްފައިވާއިރު މިހާރު އެލިސްޓްގައި ވަނީ 70 ފަރާތެއްގެ ނަމެވެ.