25 Dec 2012, 16:50
އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި ތަރައްގީކޮށްފައިވާ ތިލަފުއްޓަށް އާއްމުން އެރުމާ ބެހޭ އުސޫލުތަކަށް ބަދަލުތަކެއް ގެންނަން ހަމަޖައްސައިފި އެވެ.
ތިލަފުށީ ކޯޕަރޭޝަން (ޓީސީއެލް)ގެ މެނޭޖިން ޑިރެކްޓަރު އިލްހާމް އިދްރީސް މިއަދު ވިދާޅުވީ ކުރިން އޮންނަ ގޮތުން ނަމަ ހަމަ ކޮންމެ މީހަކަށް ވެސް ތިލަފުއްޓަށް އަރާ ފައިބާ ހެދޭ ކަމަށާއި އެކަން އެހެން އޮތުމުގެ ސަބަބުން އެކަމުގެ ނާޒާއިޒު ފައިދާ ބަޔަކު ހޯދަމުން އަންނަ ކަމަށެވެ. އަދި މަސްތުވާތަކެތީގެ މައްސަލަތަކާއި އެފަދަ އެނޫން ވެސް ޖިނާއީ ކުށްތައް އިތުރުވަމުން އަންނައިރު އަލަށް ކަނޑައަޅާ މިއުސޫލުގެ ދަށުން އެތަނަށް އަރާ ފައިބާ މީހުން ދެނެގަނެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެގޮތުން ތިލަފުއްޓަށް އަރާ ފައިބާ މީހުން އެނގޭނެ ގޮތަށް ފާހެއް ދޫކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަންނަ ފެބުރުއަރީ މަހުގެ ފަހުކޮޅު އެއުސޫލަށް އަމަލުކުރަން ފެެށޭވަރުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ތިލަފުއްޓަކީ މީހުން ދިރިއުޅޭ ތަނެއް ނޫން. އެއީ އިންޑަސްޓްރީގެ ބަޔަކު ބޮޑެތި މަސައްކަތްތަކެއް ކުރާ ތަނެއް، އެހެންވެ އެތަނަށް އެހެން ގޮސް ހަމައެރިގެން ނުވާނެ، އެތަނުގައި އެބަހުރި ބޮޑެތި ގޭސް ގުދަންތައް ވެސް. އެފަދަ ތަނެއްގައި ހުރެ މީހަކު ސިނގިރޭޓެއް ރޯކޮށްފިނަމަ އެ މީހާއާ އެކު އެތަން ގޮވާނީ، ވަރަށް ގިނަ ބަޔަކު އެބަ އަރާ އެރަށަށް. އެކަމުގެ ޝަކުވާ ވެސް ލިބޭ، އުސޫލުގެ ދަށުން އެތަނަށް އަރާ ފައިބަނީ ކޮންބައެއްތޯ ބެލީމަ އެނގިގެންދާނެ އެފަދަ ކަންތައްތައް ހިންގަނީ ކޮންކޮން ބައެއް ކަން. އެހެންވެ އަޅުގަނޑުމެން މިކުރާ ކަމަކީ އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ކަނޑައެޅިފައިވާ ފާހެއް ދޫކުރުން، އަދި ކޮންމެހެން އަރަން ޖެހޭ މީހުންނަށް ވިޒިޓާޒް ފާހެއް ވެސް ދޫކުރާ ގޮތަކަށް މިހަމަޖައްސަނީ،" އިލްހާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެފަދަ އުސޫލެއް ކަނޑައެޅުމުގެ މަސައްކަތް ފެށީ ނޭޝަނަލް ޑްރަގް އެޖެންސީގެ ވެސް އެދުމަކާއި ގުޅިގެން ކަމަށެވެ. ތިލަފުށީގައި މަސްތުވާތަކެތި ބޭނުންކުރުމާއި އެެރަށުގައި ބަނގުރާ ކައްކައި އެތަކެތީގެ ބޭނުން ކުރަމުންދާ މީހުންގެ މައްސަލަތައް މިފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ. އެގޮތުން މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައިވެސް އެރަށުން ގިނަ އަދަދެއްގެ ބިދޭސީން ބަނގުރާ ކައްކަމުން ދަނިކޮށް އަތުލައި ގަނެފައިވެ އެވެ. ކަސްޓަމްސްއިންވެސް މީގެ ކުރިން ބުނެފައިވަނީ ތިލަފުށި ރެގިއުލޭޓް ކުރަންޖެހޭ ކަމަށާއި އެތަނުގައި ޑްރަގް ޓްރެފިކް ކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ގެންދާ ކަމަށެވެ.