އިންޑިޔާގެ ވެރިރަށް ނިއުދިއްލީގެ މަގުމަތީގައި ދުއްވަމުން ދިޔަ ބަހެއްގެ ތެރޭގައި އުމުރުން 23 އަހަރުގެ އަންހެނަކު ރޭޕްކުރި މައްސަލައަކާ ދެކޮޅަށް އަޑު އުފުލައި މުޒާހަރާ ކުރަމުން ދިޔަ ފަރާތްތައް ކޮންޓްރޯލް ކުރުމަށް ހަރަކާތްތެރިވި ފުލުހަކަށް މުޒާހަރާ ކުރި މީހުންގެ ތެރެއިން ބަޔަކު ދިން އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް އޭނާ މަރުވެއްޖެ ކަމަށް ދިއްލީ ފުލުހުން ބުނެފި އެވެ.

ދިއްލީ ފުލުހުންގެ ތަރުޖަމާނު ބުނީ "މުޒާހަރާކުރަމުން ދިޔަ މީހުން ތޯމަރަށް ގަލުންތަޅާ ހަމަލާދީފައި ވަނީ. އަދި ދެ ދުވަސް ވަންދެން ހޭނާރާ އޮވެ މިއަދު އެނާ މަރުވީ" ކަމަށެވެ.

އާދީއްތަ ދުވަހު އިންޑިޔާ ގޭޓު ކައިރީގައި ހިންގަމުން ދިޔަ ބޮޑު ހަމަނުޖެހުން ކޮންޓްރޯލް ކުރުމުގައި އެހީތެރިވުމަށް އުމުރުން 47 އަހަރު ގެސުބާޝް ތޯމަރު އެހިސާބުގައި ހަރަކާތްތެރި ވަމުން ދަނިކޮށް މުޒާހަރާ ކުރަމުންދިޔަ މީހުންގެތެރެއިން ގުރޫޕަކުން ތޯމަރު އަށް ހަމަލާދީ ތަޅާ އަނިޔާކުރުމުން ފުލުހުން ވަނީ ވަގުތުން އޭނާ އަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

އަންހެނުންނަށް ކުރާ ޖިންސީ އަނިޔާތަކާ ދެކޮޅަށް މުޒާހަރާކުރަމުން ދިޔަ ފަރާތްތައް މައިތިރި ކުރުމަށް ފުލުހުން ކުރި މަސައްކަތް ހަމަނުޖެހުމަކަށް ބަދަލުވެ މުޒާހަރާ ކުރާ މީހުންނާއި ފުލުހުންނާއި ދެމެދު ހިނގި ހަމަ ނުޖެހުންތަކުގައި 50 އަށް ވުރެ ގިނަ ޕޮލިސް އޮފިސަރުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ދުއްވަމުން ދިޔަ ބަހެއްގެ ތެރޭގައި ރާބޮއިގެން މަސްތުވެފައި ތިބި ހަ ފިރިހެނުންގެ ޖިންސީ ޝިކާރައަކަށްވި އަންހެން ކުއްޖާ އަށް ދިއްލީގެ ސަފްދަރުޖުން ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދާ އިރު އޭނާގެ ހާލު ވަރަށް ސީރިއަށް ކަމަށް އެ ހޮސްޕިޓަލުގެ ޑޮކްޓަރަކާ ހަވާދީ ރިޕޯޓްތައް ބުނެ އެވެ.

"ޖިންސީ ޝިކާރައަކަށްވި އަންހެން މީހާގެ ހާލު ވަރަށް ބޮޑަށް ދަށަށްދަމުން ދަނީ. އޭނާ އަށް ނޭވާލުމުގައި މައްސަލަތަކެއް ދިމާވާތީ މިހާރު ދަނީ އިންޓެންސިވް ކެއާގައި ފަރުވާދެމުން" ހޮސްޕިޓަލުގެ ޑޮކްޓަރެއް ކަމަށްވާ އެމް މިޝްރާ ބުންޏެވެ.

އެ ހާދިސާއާ ގުޅިގެން ފުލުހުންގެ ސީނިއާ ދެ އޮފިސަރަކު ވެސް ބަންދު ކުރެވފައިވާ ކަމަށް ފުލުހުން މައުލޫމާތިދެ އެވެ. އެ މީހުން ބަންދު ކުރެވުނީ، އަންހެން މީހާއަށް ޖިންސީއަނިޔާ ކުރި 6 މީހުން ދުއްވަމުން ދިޔަ ބަސް ފުލުހުންގެ އެތައް ބެރިކޭޑްތަކެއް ހުރަސް ކޮށްފައި ދިޔަ އިރު ވެސް ހުއްޓުވިފައި ނުވަނީ އެމީހުންގެ އިހުމާލުން ކަމަށް ވާތީ އެވެ.

ހަފުތާ ބަންދުގައި އިންޑިޔާގައި ހިނގައި ދިޔަ ކުރިމަތިކުންލުންތައް ހުއްޓާލުމަށް ގޮވާލާ އިންޑިޔާގެ ބޮޑުވަޒީރު މަންމޯހަން ސިންގު ޓީވީ މެދުވެރިކޮށް ވިދާޅުވީ އަންހެންމީހާ ރޭޕު ކުރުމުގައި ބައިވެރިވި އެންމެނަށް ވެސް ދެންވެން އޮތް އެންމެ ހަރުކަށި އަދަބު ދެއްވާނެ ކަމަށެވެ.