25 Dec 2012, 16:20
އެކާވީސް އަހަރުން ދަށުގެ ކުޅުންތެރިންނަށް އަމާޒު ކޮށްގެން އަންނަ މަހު ފަށާ "ޔޫތު ޗެމްޕިއަންޝިޕް 2013" ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ކުލަބް ވެލެންސިޔާ ޓީމުގެ ކެޕްޓަނަކަށް ހުނަރުވެރި ފޯވާޑް އަބްދުލްވާހިދު އިބްރާހިމް (ވާޑް) ހަމަޖައްސައިފި އެވެ.
އަންނަ މަހުގެ 10 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ވެލެންސިޔާގެ އިތުރުން ޖުމްލަ 11 ޓީމެއް ވާދަކުރާގޮތަށް އެފްއޭއެމް އިން މިހާރު ވަނީ ނިންމާފަ އެވެ.
ވެލެންސިޔާގެ ކެޕްޓަން ވާހިދު ބުނީ، މުބާރާތަށް ތައްޔާރު ވުމުގެ ގޮތުން ޓީމް ކުރާ ހުރިހާ ފަރިތަކުރުމެއްގައި ވެސް ހުރިހާ ކުޅުންތޔެރިން ބައިވެރިވެ، އާ ހިތްވަރަކާ އެކު މުބާރާތާ ކުރިމަތިލާފި ނަމަ، މުބާރާތުގެ ތަށި ވެލެންސިޔާ އަށް އުފުލާލެވޭނެ ކަމަށެވެ.
މުބާރާތަށް ތައްޔާރު ވުމުގެ ގޮތުން ވެލެންސިޔާގެ ފަރިތަކުރުންތައް މާދަމާ ފެށުމަށް ހަމަޖެހިފައިވާ އިރު، އެޓީމުގެ ޗެއާމަން އިބްރާހީމް ރާއީ ރަޝީދު މިއަދު ވިދާޅުވީ، ޓީމުގައި މިވަގުތު ވެސް ހިތްހަމަޖެހޭ ވަރުގެ ސްކޮޑެއް އެބޮތް ކަމަށާއި އެގޮތުން މުބާރާތާ ކުރިމަތި ލާނީ ތަށި އުފުލާ ލުމުގެ އުންމީދާ އެކު ކަމަށެވެ.
ވެލެންސިޔާ ޔޫތު ޓީމުގެ ކޯޗަކަށް ހަމަޖައްސާފައި ވަނީ، ދިވަހި ގައުމީ ފުޓްބޯޅަ ޓީމުގެ ކީޕަރު ޓްރޭނާ އަސްލަމް އަބްދުއް ރަހީމެވެ.
ވެލެންސިޔާގެ އިތުރުން ކުރިއަށް އޮތް ޔޫތު ޗެމްޕިއަންޝިޕްގައި ވާދަކުރާ ޓީމްތަކަކީ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ވިކްޓްރީ ސްޕޯޓްސް ކުލަބާއި ވީބީ އައްޑޫ އެފްސީ އާއި ކުލަބް އީގަލްސް އާއި ބީޖީ ސްޕޯޓްސް އާއި އޯލް ޔޫތް ލިންކޭޖް (އޭވައިއެލް) އަދި މާޒިޔާ އެވެ. އަދި އަތޮޅުތަކުން މުބާރާތުގައި ވާދަކުރާނީ ބ. އޭދަފުށީ ފުޓްބޯޅަ ޓީމާއި އދ. މަހިބަދޫ ޒުވާނުންގެ ޖަމްޢިއްޔާ އަދި ހއ. ކެލާ، ކެލާ ނާޅި ސްޕޯޓްސް އެވެ.
މިމުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުން ނަކީ ވިކްޓަރީ އެވެ. އެގޮތުން ވިކްޓަރީ މުބާރާތުގެ ޗެމްޕިއަންކަން އެ ފަރު ހޯދީ އީގަލްސް އަތުން 3-2 ލަނޑުން މެޗް ކާމިޔާބު ކޮށްގެންނެވެ.