25 Dec 2012, 15:52
ދައުލަތުގެ ބިންތައް ކައުންސިލްތަކާ ހަވާލު ކުރުމުގެ ގަވާއިދުގެ ދަށުން މާލޭ ސިޓީ ކައުންސިލާ ހަވާލުކޮށްފައިވާ އާޓިފިޝަލް ބީޗް ހޯދުމަށް ދައުލަތުން ދައުވާ ކުރި މައްސަލައިގެ ޝަރީއަތް ކެންސަލް ކޮށްފި އެވެ.
މިއަދުގެ ޝަރީއަތް ކެންސަލް ކޮށްފައި ވަނީ މާލޭ ސިޓީ ކައުންސިލްގެ ވަކީލު ޝަރީއަތަށް ހާޒިރުވެވަޑައިނުގަތުމުން ނެވެ. އާޓިފިޝަލް ބީޗަކީ މިއަހަރުގެ ސެޕްޓެމްބަރު 19 ވަނަ ދުވަހު ސަރުކާރުން ސިޓީ ކައުންސިލާ ހަވާލު ކުރި 32 ބިމުގެ ތެރޭގައި ހިމެނޭ ތަނެކެވެ.
އާޓިފިޝަލް ބީޗް ހޯދުމަށް ދައުލަތުން ދައުވާ ކޮށްފައި ވަނީ ކައުންސިލްތަކާ ބިންތައް ހަވާލު ކުރުމުގެ ގަވާއިދުގެ ދަށުން ލިބިގެންވާ ބާރުގެ ދަށުން އާޓިފިޝަލް ބީޗް ސަރަހަައްދު ހައުސިން މިނިސްޓްރީއާ ހަވާލު ކުރުމަށް އެ މިނިސްޓްރީން އެންގުމުން ސިޓީ ކައުންސިލުން އެތަން ހަވާލުކޮށްފައި ނުވާތީ އެވެ.
ސިޓީ ކައުންސިލުން މިއަދުގެ ޝަރީއަތަށް ހާޒިރުވެފައި ނުވާއިރު، ދެން އެ މައްސަލައިގައި އޮންނާނީ ސިޓީ ކައުންސިލްގެ ފަރާތުން ދައުވާ އަށް ޖަވާބުދާރީ ވުމެވެ.