ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ކުލަބް ވެލެންސިޔާ އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން އީގަލްސް އަށް ކުޅުނު މުހުތާރު ނަސީރު (ޓޫކިލޯ) އާއި ނިއުރޭޑިއަންޓަށް ކުޅުނު މުއާން މޫސާ މަނިކު އަދި ވިޔެންސާއަށް ކުޅުނު ހައިދަރު އަކުރަމް މިއަދު ވެލެންސިޔާއާ ގުޅިއްޖެ އެވެ.

ވެލެންސިއާގެ ޗެއާމަން އިބްރާހީމް ރާއީ ރަޝީދު މިއަދު ވިދާޅުވީ، ޓޫކިލޯ އަކީ ވެލެންސިއާގެ މިހާރުގެ ޓީމަށް ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށާއި އޭނާ ޓީމާ ގުޅުމުން ޓީމަށް އިތުރު ހިތް ވަރެއް ލިބިއްޖެ ކަމަށެވެ.

"ޓޫކިލޯ އަކީ މިވަގުތައް ޓީމަށް ވަރަށް މުހިންމު ކުޅުންތެރެއިއެއް. ޓޫކިލޯ ޓީމާ ގުޅުމުން އާ ހިތްވަރެއް ޓީމަށް މިހާރު ވަނީ ލިބިފައި" ރާއީ ވިދާޅުވިއެވެ.

ރާއްޖޭގެ ޒުވާން ގައުމީ ޓީމަށް ކުޅެމުން އަންނަ މުއާން ވެލެންސިއާ އަށް ބަދަލުވީ ނިއު އަށް ދެ އަހަރު ކުޅުމަށްފަހު އެވެ.

ޓޫކިލޯއާއި މުއާން އަދި ހައިދު އަންނަ އަހަރަށް ވެލެންސިއާ ގުޅުމުން ، މިހާތަނަށް އެޓީމާ މިއަހަރު ގުޅުނު ކުޅުންތެރިންގެ އަދަދު ވަނީ 10 އަކަށް އަރައިފައެވެ. މީގެ ކުރިން ވެލެންސިޔާއާއި ގުޅުނު ކުޅުންތެރިންގެ ތެރޭގައި އީގަލްސްގެ ކެޕްޓަން އައްސަދު އަބުދުލްގަނީ އާއި ވިކްޓަރީގެ ހަތަރު ކުޅުންތެރިން ކަމަށްވާ މުހައްމަދު ޝިފާން (ކުޑައްޓޭ) އާއި ކީޕަރު މުހައްމަދު ފައިސަލް އަދި މުހައްމަދު ރަޝީދު (ހޮކޭ) އާއި އަކުރަމް އަބުދުލަގަނީ އާއި ވީބީގެ ޝަމްވީލް ގާސިމް (ބޮންޑާ) ހިމެނެއެވެ.