ވިސާ ނަގަން އިންޑިއަން ހައިކޮމިޝަން ކައިރީގައި ކިއުޖައްސައިގެން ތިބޭ ދިވެހިންނަށް އެހީތެރިވުމުގެ ގޮތުން އެސަރަހައްދުގައި މާލޭ ސިޓީ ކައުުންސިލުން ވަގުތީ ގޮތުން ޓެންޓެއް ޖަހައިފި އެވެ.

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އިބްރާހިމް ސުޖާއު މިއަދު ވިދާޅުވީ އެސަރަހައްދުގައި ޓެންޓެއް ޖެހުމަށް ސިޓީ ކައުންސިލުން ނިންމީ އިންޑިއާއަށް ބޭސްފަރުވާއަށް ދާން ބޭނުންވާ އެތައް ދިވެހިންތަކެއް ވިސާ ނަމްބަރު ހޯދުމަށް ވެހޭހާ ވާރެއާއި ދޭހާ އަތްވެއްގައި 24 ގަޑިއިރު އެތަނުގައި މަޑުކޮށްގެން ތިބެންޖެހޭތީ އެފަދަ ފަރާތްތަކަށް ލުުޔެއް ހޯދައިނުމުގެ ގޮތުން ކަމަށެވެ.

"އިންޑިއާއަށް ދާން ހޯދަ ވިސާ ހޯދަން ސައުވީސް ގަޑިއިރު އެތާ އެ ތިބެނީ، މިއީ ވިއްސާރަ މޫސުމެއް އެހެން ކަމުގައިވާއިރު ރައްޔިތުންގެ އެތަކުލީފުތަކާ އެކު އެތާ ތިބޭތަން ބަލަން ތިބުމަކީ ކައުންސިލަށް ގަބޫލު ކުރެވޭނެ ކަމެއް ނޫން، އަޅުގަނޑުމެންނަށް ބާރު ފޯރުވޭނީ އެމީހުންނަށް ހިމާޔަތް ދިނުން، މާލޭގެ ރައްޔިތުން މާލޭގެ މަގުމައްޗަށް ވުރެ ވެސް މާލޭގެ އެހެން ކަންކަމަށް ވުރެ ވެސް މުހިންމުވާނެ، އެހެންވެ އަޅުގަނޑުމެން މިކުރި ކަމަކީ ވިއްސާރައިން ހިޔާވެލައިގެން އެތަނުގައި ތިބެވޭނެ ގޮތަށް ވަގުތީ ޓެންޓެއް އެސަރައްދުގައި ޖެހުން،" ސުޖާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޓެންޓް ޖެހުމުން އެ ސަރަހައްދު ދަތުރުކުރާ ފަރާތްތަކަށް ވާ އުދަގުލަށް ވުރެ ނިކަމެތި ރައްޔިތުންނަށް ލިބޭ ތަކުލީފަށް ލުޔެއް ހޯދައިދިނުމަކީ މި ވަގުތު މާ މުހިންމު ކަމެއް ކަމަށެވެ. އަދި ވިދާޅުވީ އެ ސަރަހައްދުގައި ޓެންޓް ޖެހީ ފުލުހުންނަށާއި ކަމާ ބެހޭ ފަރާތްތަކަށް އެކަން އެންގުމަށް ފަހު ކަމަށެވެ. އަދި ޓެންޓް ތެރޭގައި ގޮޑިޖަހަންވެސް ނިންމާފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

ޓޫރިސްޓުންގެ ގޮތުގައި ނޫން ގޮތަކަށް އިންޑިއާއަށް ދާ ދިވެހިން ވިސާ ނަގައިގެން އިންޑިއާއަށް ދާ ގޮތަށް އިންޑިއާއިން ހަމަޖެއްސުމާ ގުޅިގެން ވިސާ ހޯދުމަށް އިންޑީއާ ހައިކޮމިޝަން ކައިރީގައި ކިޔުޖައްސާ މީހުންގެ އަދަދު ވަނީ އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވެފަ އެވެ. އަދި ވިސާ އަށް އެދޭ ފޯމް ހޯދުމަށް އިންޑިއަން ހައި ކޮމިޝަނުން މިހާރު 53 ނަމްބަރު ދޫކުރާއިރު ވެސް ބައެއް ފަރާތްތަކަށް ނަމްބަރު ނުލިބޭ ކަމުގެ ސަކުވާ ވަނީ ބޮޑުވެފަ އެވެ.