25 Dec 2012, 15:00
ސްރީލަންކަން އެއާލައިންސްގެ ފަރާތުން ޖީއެމްއާރަށް ލިބެން ޖެހޭ ކަމަށް ބުނާ، 7.23 މިލިއަން ޑޮލަރު ހޯދުމަށް ޖީއެމްއާރުން ދައުވާކޮށްފި އެވެ.
ސްރީލަންކަން އެއާލައިންސްގެ މައްޗަށް ސިވިލް ކޯޓުގައި ޖީއެމްއާރުން އުފުލި ދައުވާގައި ބުނަނީ، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް، އެ ކުންފުނިން ހިންގިއިރު ގްރައުންޑް ހޭންޑްލިންގެ ކަންތައް ކުރުމަށް ދެ ފަރާތުން ވެފައިވާ އެއްބަސްވުމުގެ ދަށުން ސްރީލަންކަން އިން 7،238،069 ޑޮލަރު ޖީއެމްއާރަށް ދައްކަން ޖެހި، ނުދައްކައިވާ ކަމަށެވެ.
ނަމަވެސް އެ މައްސަލައިގެ ޝަރީއަތް މިއަދު ވަނީ ކެންސަލްކޮށްފަ އެވެ.
ސިވިލް ކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ރާއްޖޭގައި ހުންނަ ސްރީލަންކަން އެއާލައިންސްގެ އޮފީހަށް ކޯޓަށް ހާޒިރުވުމުގެ އަމުރު ފޮނުވުމުން އެއީ އެ އެއާލައިންސްގެ ރާއްޖޭގެ އެޖެންޓެއް ކަމަށް ވާތީ އެ ދައުވާއަށް ޖަވާބުދާރީވެވެން ނެތް ކަމަށް އެ އޮފީހުން ކޯޓަށް އަންގާފައިވާ ކަމަށެވެ. އެހެންކަމުން އެ މައްސަލައިގެ ޝަރީއަތް ހިންގޭނެ ގޮތެއް ވަނީ ނުވެފަ އެވެ.
ސިވިލް ކޯޓުގެ އޮފިޝަލް ވިދާޅުވީ ދައުވާ ރައްދުވާ ފަރާތުގެ އެޑްރެސް އެނގޭ ގޮތަށް ދައުވާ ފޯމް އިސްލާހުކޮށް އަލުން ކޯޓަށް ހުށަހެޅުމަށް ޖީއެމްއާރަށް މިހާރު އަންގާފައިވާ ކަމަށެވެ.