25 Dec 2012, 14:46
އޭސީސީން ފާއިތުވީ ތިން އަހަރު ދުވަހުގެ ތެރޭގައި ޕީޖީ އަށް ފޮނުވި ކޮރަޕްޝަން މައްސަލަ ތަކުގެ ތެރެއިން މަދު މައްސަލައެއް ނޫނީ ނިމިފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޕީޖީން އެހެންބުނީ ވޭތުވެދިޔަ ދިޔަ ތިން އަހަރުގެ ތެރޭގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވި މައްސަލަތަކުގެ ތެރެއިން 72 ޕަސެންޓް މައްސަލައިގައި ދައުވާނުކޮށް ޕީޖީ އަހްމަދު މުއިއްޒުގެ މޭޒުކޮޅު މަތީގައި އެބަހުރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވާތީ އެކަން ހިނގާފައިވާ ގޮތް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާއި ބެހޭ ކޮމެޓީ އަށް އޭސީސީ އާ ޕީޖީ އޮފީސް ހާޒިރުކޮށް އެ ކޮމެޓީގެ މުގައްރިރު ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
ކޮމެޓީ އަށް ޖަވާބުދާރީވެ ލައްވަމުން ޕްރޮސިކިއުޓާރ ޖެނެރަލް އަހްމަދު މުއިއްޒު މިއަދު ވިދާޅުވީ އަހްމަދު ނާޒިމް މަޖިލީހުގައި ހާމަކުރެއްވި ތަފާސްހިސާބުތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށާއި މިދިޔަ ތިން އަހަރުގެ ތެރޭގައި ޕީޖީއަށް އޭސީސީން ފޮނުވި މަދު މައްސަލައެއް ނޫނީ ހުރީ ނިންމާފައި ކަމަށެވެ.
އެގޮތުން ވިދާޅުވީ 2009 ވަނަ އަހަރާއި 2010 ވަނަ އަހަރު ގޮތެއް ނުނިންމާ އެއްވެސް މައްސަލައެއް ނޯންނާނެ ކަމަށާއި ނަމަވެސް 2011 ވަނަ އަހަރު ވަރަށް މަދު މައްސަލަ ތަކެއް އެބަހުރި ކަމަށެވެ. މުއިއްޒު ވިދާޅުވީ މި ހިނގާ ދެހާސް ބާރަ ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޕީޖީ އަށް ހުށަހެޅިފައި ހުރި މައްސަލަ ތަކުގެ ތެރެއިން މިހާތަނަށް ކޯޓަށް ހުށަހަޅަން ނިންމާފައިވަނީ ހަތް މައްސަލަ ކަމަށެވެ. އަދި އަލުން ހުށަހަޅަން އަނބުރާ ފޮނުވާލާފައިވަނީ ދެ މައްސަލަ ކަމަށާއި، އަދި ގޮތެއް ނުނިމި އޮތީ އަށް މައްސަލަ ކަމަށެވެ. މައުލޫމާތު ފުރިހަމަ ނުވެގެން އަލުން މައުލޫމާތު ސާފުކުރުމަށް ތިން މައްސަލައެއް ފޮނުވާފައިވާ އިރު ހެއްކާއި ގަރީނާ ނެތް އެއް މައްސަލަ އެބައޮތް ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"އަޅުގަނޑު މި ދަންނަވާލީ ވަރަށް ކުއްލި ގޮތަކަށް ދަންނަވާލި އަދަދު ތަކެއް. ނަމަވެސް ޖުމްލަ ގޮތެއްގައި މި ހިސާބު ތަކުގައި ތަފާތު ތަކެއް ނޫޅޭނެ. މިދިޔަ އަހަރު ނިމުނު އިރު ހުށަހެޅިފައި ހުރި މައްސަލަ ތަކުގެ ތެރެއިން 87 ޕަސެންޓު މައްސަލަ ނިންމިން. އެކަމަކު އޭސީސީން ހުށަހަޅާ މައްސަލަތައް އެ އަދަދަށް ނުނިންމި ހުރެދާނެ. އެތަނުން ހުށަހަޅާ މައްސަލަ ތަކަކީ ވަރަށް ތަފާތު މައްސަލަ ތަކެއް. ވަރަށްގިނަ ބޮކްސް ފައިލް ތަކުގެ މައްސަލަ ހުންނާނެ. އެހެންވީމަ އާއްމުކޮށް ނިންމާ މައްސަލަ ތަކާއި ތަފާތެއް ހުރެދާނެ،" މުއިއްޒު ވިދާޅުވި އެވެ.
މެބަރުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އޭސީސީގެ ރައީސް ހަސަން ލުތުފީ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް އެ މުއައްސަސާ އިން ހުށަހެޅީ ހަމަ އެކަނި މައްސަލަތަކުގެ މައުލޫމާތު ކަމަށާއި އޭގެ ތެރޭގައި ތަފާސް ހިސާބުތައް ހުށަހަޅާފައި ނުވާނެ ކަމަށެވެ. އެހެންކަމުން އަހްމަދު ނާޒިމް އެ ހާމަކުރެއްވި މައުލޫމާތަކީ އެ ކޮމިޝަނުން ފޮނުވާފައިވާ މައުލޫމާތު ތަކެއް ނޫންކަމަށެވެ. އަދި އެ މައްސަލަތަކުގެ މައުލޫމާތު ދިރާސާ ކުރެއްވި އިރު އޮޅުން އަރާފައިވާ ކަމަވެސް ލުތުފީ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މަޖިލީހަކަށް ނުފޮނުވަން ތަފާސް ހިސާބެއް. ދެން ވެދާނެ އަޅުގަނޑުމެންގެ ޝީޓްގައި އެ މައުލޫމާތު ހުރި ގޮތުން އެބޭފުޅުންނަށް އޮޅުން އެރީ ކަމަށްވެސް. އަޅުގަނޑު ބުނާނީ އެ އަދަދަކީ އަޅުގަނޑުމެން ދިން އެއްޗެއް ނޫނޭ،" ލުތުފީ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުން ހާމަކުރި މައުލޫމާތާއި، އޭސީސީ އަދި ޕީޖީން ބުނާ އެއްޗަކާއި ދިމާނުވާތީ ދެ މުއައްސަސާ އެކީ ތިބެގެން މަޝްވަރާގެ މަތިން ސައްހަ އަދި ފުރިހަމަ ރިޕޯޓެއް އަންނަ ޖެނުއަރީ މަހުގެ 15ގެ ކުރިން އަލުން މަޖިލީހަށް ހުށަހެޅުމަށް ދެ ފަރާތުން މިއަދު އެއްބަސްވި އެވެ. އަދި މަޖިލީހުގައި ނާޒިމް ހަމަކުރެއްވި މައުލޫމާތަކީ އެފަދަ މައުލޫމާތެއް ހާމަކުރުމުގެ ކުރިން ބައްލަވަން ޖެހޭ ވަރަށް ނުބެއްލެވި ހާމަ ކުރެއްވުމު މައުލޫމާތެއް ކަމަށެވެ.