ރަނގަޅު "މޮޅު ފުޓްބޯޅަ ކުޅުންތެރިންތަކެއް އުފެއްދުމުގެ ހެޔޮނިޔަތުގައި" ލ. އަތޮޅުގައި ފުޓްބޯޅަ މުބާރާތެއް ބޭއްވުމަށް ނިންމައިފި އެވެ.

އެ މުބާރާތް އިންތިޒާމް ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ޝޮކާ އެކަޑަމީ އޮފް ލ. ކުނަހަންދޫގެ އިސް އޮފިޝަލަކު އަދި ރާއްޖޭގެ ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ލިރުޣާމް ސައީދު (ލަރޭ) ރޭ ސަން ޓީވީ ޕްލަސް އިން ގެނެސްދޭ ކުޅިވަރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ބުނީ، ލ. އަތޮޅުގެ ވީހާ ވެސް ގިނަ ރަށްރަށަށް ދައުވަތު ދީގެން ބޭއްވުމަށް ހަމަޖައްސާފައިވާ މުބާރާތުގައި އިތުރު ދެ އަތޮޅެއްގެ ތިން ރަށަކަށް ވެސް ފުރުސަތު ދީފައިވާ ކަމަށެވެ. އެގޮތުން އެ ދެ އަތޮޅަށް ވެސް ދައުވަތު ދޭން ނިންމާފައި ވަނީ އދ. މަހިބަދޫ އަށާއި ތ. އަތޮޅު ތިމަރަފުއްޓާއި އެ އަތޮޅު ވޭމަންޑޫ އަށް ކަމަށް އޭނާ ބުންޏެވެ.

ލ. އަތޮޅުގައި އެ މުބާރާތް ފެށުމަށް މިހާރު ހަމަޖެހިފައި ވަނީ އަންނަ ޖެނުއަރީ މަހުގެ ކުރީ ކޮޅު ކަމަށް ވެސް ލަރޭ ބުންޏެވެ.

"މުބާރާތުގައި ބައިވެރި ވުމަށް މިހާރު ވާނީ ލ. އަތުގެ ރަށް ރަށަށް ދައުވަތު ދީފައި. އިތުރު ދެ އަތޮޅަކަށް ވެސް ދައުވަތު ދީފައި ވާނެ." ލަރޭ ބުންޏެވެ.

ލަރޭ ބުނީ، ގިނަ ޓީމްތައް މުބާރާތުގައި ބައިވެރިވެއްޖެ ނަމަ، މުބާރާތް ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ ލ. އަތޮޅުގެ ތިން ރަށަކަށް ބަހާލައިގެން ކަމަށެވެ. އަދި މުބާރާތުގައި ރާއްޖޭގެ ފަސްޓް ޑިވިޝަންގެ އެއްވެސް ކުޅުންތެރިއަކަށް ނުކުޅެވޭނެ ކަމަށާއި އެގޮތަށް ނިންމީ ވީހާ ވެސް ގިނަ ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް ވެސް ލަރޭ ބުންޏެވެ.

އަވައްޓެރި ސްރީލަންކާއިން ރެފްރީން ގެނެސްގެން ކުރިއަށް ގެންދާ މިމުބާރާތް މެޗްތައް، ގްރޫޕް ސްޓޭޖްތަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އިރު، މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000ރ. ދިނުމަށް ވަނީ ހަމަޖައްސައިފަ އެވެ. އަދި ރަނަރަޕް ޓީމަށް ދިނުމަށް ހަމަޖެހިފައި ވަނީ 12500 ރުފިޔާ އެވެ.

މިއީ މިގޮތަށް ލ. އަތޮޅުގައި އެ މުބާރާތް ބާއްވަމުން އަންނަ 10 ވަނަ އަހަރެވެ. އަދި މިފަހަރުގެ މުބާރާތް ލ. އަތޮޅުގައި ކުރިއަށް ގެން ދިއުމުގައި އެ އަތޮޅުގެ ގިނަ ރައްޔިތުންގެ އެހީތެރިކަން ލިބިފައިވާ އިރު، ރާއްޖޭގެ ބޮޑެތި ކުންފުނިތަކުގެ އެހީތެރިކަން ލިބެމުން އަންނަ ކަމަށް ލަރޭ ބުންޏެވެ.