27 Sep 2010, 09:24
ހެންވޭރު ސަހަރާތެރޭ ތިން ބުރިއަށް ހަދައިފައިވާ އިމާރާތަކީ ދިރާގުގެ ތަނެއް ކަމަށް ދިރާގުންނާއި މުނިސިޕަލްޓީން ކަށަވަރުކޮށްދީފި އެވެ.
ދިރާގުގެ މާކެޓިން، ކޮމިއުނިކޭޝަންސް އެންޑް ޕަބްލިކް ރިލޭޝަންސް މެނޭޖަރ މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ، ހެންވޭރު ސަހަރާގެ މައި ގޭޓުގެ އިރުމަތީ ފަރާތުގައި ނަން ބޯޑެއް ނުޖަހައި ހުރި އެ އިމާރާތަކީ، ދިރާގުގެ އޭޑީއެސްއެލް ނުވަތަ އިންޓަނެޓުގެ ޚިދުމަތް ދިނުމަށް ބޭނުންކުރާ ޚާއްސަ ޓެކްނިކަލް އިކުއިޕްމެންޓެއް ބަހައްޓާފައި ހުރި ތަނެއް ކަމަށެވެ. އަދި ސަހަރާތެރޭ އެތަން ބިނާކޮށް، ހިންގަމުންދަނީ ނަގަންޖެހޭ ހުރިހާ ހުއްދައެއް ނެގުމަށްފަހު ކަމަށް ވެސް މިރުޝާން ވިދާޅުވި އެވެ. އަދި އެ އިމާރާތް އަޅައިފައި ވަނީ، ސަހަރާގައި މީހުން ވަޅުނުލާ ހިސާބުން، ބޭނުންނުކޮށް އޮތް ހުސް ބިމެއްގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ތިން ބުރިއަށް ހަދައިފައި ހުރި އޮފީހެއްގެ ގޮތުގައި އެތަން ފެންނަން ހުރި ނަމަވެސް، އެ ތަނަކީ އިކުއިޕްމެންޓެއް ބެހެއްޓުމުގެ ބޭނުމުގައި ތަންކޮޅެއް އުސްކޮށް ހަދައިފައިވާ އިމާރާތެއް ކަމަށް ވެސް މިރުޝާން ވިދާޅުވި އެވެ. އަދި އެއްވެސް މުވައްޒަފަކު ވެސް އެތަނުގައި ނޫޅޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަން ބޯޑެއް ނުޖަހައި، ހުދު ކުލައިގެ ދަވާދު ލައިފައި ހުރި އިމާރާތެއް ހެންވޭރު ސަހަރާތެރޭގައި ކުއްލިއަކަށް ބިނާކުރުމުން މުނިސިޕަލްޓީއަށް އަށް ސުވާލު ދެންނެވުމުން މާލޭ މުނިސިޕަލްޓީގެ ނައިބު ރައީސް މުހައްމަދު އާރިފު ވިދާޅުވީ، އެ ބިމަކީ 2008 ވަނަ އަހަރުގެ މާޗް މަހުގެ 6 ވަނަ ދުވަހު ދިރާގަށް ދޫކޮށްފައިވާ ބިމެއް ކަމަށެވެ. އަދި އެއީ 512 އަކަފޫޓުގެ ބިމެއް ކަމަށާއި އޭރު ދިރާގަށް އެތަން ކުއްޔަށް ދޫކޮށްފައި ވަނީ، ސަރުކާރު ކުންފުނިތަކަށް ބިން ދޫކުރާ އަގު ކަމަށްވާ، އަކަފޫޓަކަށް ތިން ރުފިޔާގެ ރޭޓުން ޖުމްލަ 1،536 ރުފިޔާ އަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ފާއިތުވި ދުވަސްތަކުގައި ކުއްޔަށް އެއްވެސް ބަދަލެއް ގެނެސްފައިނުވާ ކަމަށް ވެސް އާރިފު ވިދާޅުވި އެވެ.