ސިޔާސީ ޕާޓީތަކާއި މަދަނީ ބައެއް ޖަމިއްޔާތައް އެކުވެގެން "ދިވެހި ރައްޔިތުންގެ ގައުމީ ހަރަކާތު"ގެ ނަމުގައި މިހާރު ކުރަމުންދާ މަސައްކަތަކީ ރައްޔިތުންގެ މަޖިލީހާއި ސިޔާސީ ލީޑަރުންގެ އަގު ވައްޓާލަން ހިންގާ ހަރަކާތެއް ކަމަށް، އެ ހަރަކާތުން ވަކިވެފައިވާ ޕީޕީއެމުން ބުނެފި އެވެ.

ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ އިންތިގާލީ ނައިބު ރައީސް އަބްދުއްރަހީމް އަބްދުއްﷲ ވިދާޅުވީ ގައުމީ ހަރަކާތުގެ މިސްރާބު ބަދަލުވެގެން ގޮސްފައިވާ ކަމަށާއި ގައުމީ ހަރަކާތުގެ ނަމުގައި ރައްޔިތުން މަޖިލީހާއި ބައެއް ސިޔާސީ ލީޑަރުންގެ އަގު ވައްޓާލަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި ވިދާޅުވީ ރައްޔިތުން މަޖިލީހުގައި ރައްޔިތުންގެ އިހްސާސްތަކާ ދެކޮޅަށް މަސައްކަތްކުރާ މެންބަރުން އެބަތިއްބެވި ކަމަށް ގަބޫލު ކުރައްވާ ކަމަށާއި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އަގުވައްޓާލަން ގައުމީ ހަރަކާތުގައި ނިކުމެ ބަޔަކު މަސައްކަތް ކުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމުގަ އެވެ.

"މިހާރު އެކުރާ މަސައްކަތުގައި ގައުމީ ހަރަކާތުގެ މިސްރާބް ބަދަލުވެއްޖެ ކަމަށް ގަބޫލުކުރާނެ ޖާގަ ލިބިއްޖެ. އެހެން ދަންނަވާލަން މި ޖެހުނީ އެ މީހުންގެ ޕޯޑިއަމްތަކުގައި އަޅުގަނޑުމެންގެ މި ސަރުކާރުގައި ތިއްބެވި ލީޑަރުންނަށް ހަމަ ފާޅުގައި އެއްޗެތި ކިޔަމުންގެންދާ މަންޒަރު [އެބަފެނޭ]. ބައެއްގެ އަގުވައްޓާލަން މަސައްކުރާ މަންޒަރު މިއީ އަޅުގަނޑުމެން މިކަން ވަރަށް ހިތާމައާ އެކު ފާހަގަ ކުރާ ކަމެއް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ގައުމީ ހަރަކާތުން ޕީޕީއެމް ވަކިވުމަށް ނިންމާފައިވާކަން މިއަދު ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ޕީޕީއެމްގެ ސްޕޯކްސްޕާސަން އަހްމަދު މަހްލޫފް ވަނީ ވިދާޅުވެފަ އެވެ.

ގައުމީ ހަރަކާތުގެ ތެރެއިން ބައެއް މީހުން ވާހަކަ ދައްކަން އަރައި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުއްﷲ ޔާމީނަށް ފާޑުކިޔާފައިވާކަން ފާހަގަ ކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ ގައުމީ ހަރަކާތުން ވަކި ވުމަށް ނިންމީ ކައުންސިލް މެންބަރުންގެ އިއްތިފާގުން ކަމަށެވެ.

"ހަމަ ފާޅުގައި ރޭގައި ވެސް އޭގެ ކުރީ ރޭގައި ވެސް އަޅުގަނޑުމެން ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އޮނަރަބަލް އަބްދުﷲ ޔާމިނަށް ވަރަށް ފާޅުގައި ފާޑުކީ. މިއީ އަޅުގަނޑުމެން ގަބޫލު ކުރާނެ ކަމެއްނޫން. އަޅުގަނޑުމެން ބަލައެއް ނުގަންނާނަން އަޅުގަނޑުމެން ޕާޓީގެ އެއްވެސް ލީޑަރަކަށް [އެގޮތަށް ފާޑު ކިޔާކަށް]،" ގައުމު ހަމައަކަށް އަޅުވަން ކަމަށް ބުނެ ޕީޕީއެމްގެ މީހުންގެ އަގުވައްޓާލަން މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތު ކުރައްވަމުން އަބްދުއްރަހީމް ވިދާޅުވި އެވެ.

މީގެ އިތުރުން ގައުމީ ހަރަކާތުގައި ޕީޕީއެމްގެ އެއްވެސް ސަޕޯޓަރަކު ވެސް ބައިވެރިނުވުމަށް އަބްދުއްރަހީމް އެ ޕާޓީގެ މެންބަރުނަށް ވަނީ ގޮވާލައްވައިފަ އެވެ.

"އަޅުގަނޑުމެން ވަކި ގޮތަކަށް އަންގާ ނިންމުމުގެ ކުރިން އެ ހަރަކާތުގައި އަޅުގަނޑުމެންގެ ސަޕޯޓަރަކު ވެސް އެއްވެސް މެންބަރަކު ވެސް ބައިވެރިވެވަޑައިނުގަތުމަކީ އަޅުގަނޑުމެން ވަރަށް ބޮޑަށް އެދޭ ކަމެއް. ފަހަރެއްގައި ވެސް މި ނިންމުން މި ނިންމީ އަޅުގަނޑުމެން ޕާޓީއަށް ވިސްނާފައެއް ނޫން."