25 Dec 2012, 14:13
ފާނަ މަސްވެރިކަމަކީ ދެމެހެއްޓެނިވި މަސްވެރިކަމަކަށް ހެދުމަށް ޓަކައި އެކުލަވާލާފައިވާ ފާނަ މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭން އިފްތިތާހްކޮށްފި އެވެ.
ނަސަންދުރާ ޕެލަސް ހޮޓަލުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އެ ޕްލޭން އިފްތިތާހްކޮށްދެއްވީ ރައީސް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ.
ޕްލޭން އިފްތިތާހްކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ މިއަދަކީ ވަރަށް ތާރީހީ ދުވަހެއް ކަމަށާއި އެއީ މިއަދަކީ ފުރަތަމަ ފަހަރަށް ރާއްޖޭގެ މަސްވެރިކަން ދެމެހެއްޓެނިވި މަސްވެރިކަމަކަށް ހެދުމަށް ޓަކައި ޕްލޭނެއް އެކުލަވާލައި އިފްތިތާހް ކުރާ ދުވަސްކަމަށެވެ.
"ކަނޑުމަހުގެ މަސްވެރިކަމަކީ އަޅުގަނޑުމެން އެންމެ ބޮޑަށް ކުރާ މަސައްކަތް. ނަމަވެސް ކަނޑުމަހުގެ މަސްވެރިކަމަކީ ވެސް ހައްދެއްނެތި ކުރެވޭނެ ކަމެއް ނޫން، އެހެންކަމުން މިއަދު އަޅުގަނޑުމެން އެކަންދަނެގެން މިމަސްވެރިކަން މެނޭޖުކޮށްގެން މިޕުލޭންތައްޔާރުކޮށްފައި މިވަނީ،" ރައީސް ޖުމްހޫއްރިއްޔާ ވިދާޅުވި އެވެ.
އަދި ރައީސްގެ ވާހަކަފުޅުގައި އެ ޕްލޭން ހެދުމަށް ޓަކައި މަސައްކަތްކުރެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވައި އެ ޕްލޭންގެ ބޭނުންތެރިކަމުގެ މައްޗަށް އަލިއަޅުވާލާފައިވެ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފިޝަރީޒް މިނިސްޓަރު އަހްމަދު ޝަފީއު ވިދާޅުވީ އެކްސްޕޯޓް ވިޔަފާރި އަށް އަމާޒްކުރެވިގެން 1990 ވަނަ އަހަރުގެ ކުރީކޮޅު ފާނަ މަސްވެރިކަން ފަށާފައިވާ އިރު މިއަދު ރާއްޖޭގެ ފާނާގެ އާބާދީ އަށް ބޮޑެތި ހީނަރުކަމެއް އައިސްފައިވާ ކަމަށެވެ. އަދި ވިދާޅުވީ ފާނައިގެ މަސްވެރިކަމަކީ ރަނގަޅަށް ނުބެލެހިއްޓިއްޖެ ނަމަ ފާނައިގެ އާބާދީ އަށް ނެދެވޭ ބޮޑެތި އަސަރުތަކެއް ކުރާނެ މަސްވެރިކަމެކެވެ. އަދި މިއަދު އިފްތިތާހް ކުރި ޕްލޭނާ އެކު ފާނައިގެ މަސްވެރިކަން ދެމެހެއްޓެނިބި ގޮތަކަށް ކުރުމަށް މަގުފަހިވެގެން ދާނެ ކަމަށް ކަމަށް ވިދާޅުވި އެވެ.
މިއަދު އިފްތިތާހްކޮށްފައިވާ ފާނަ މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭންގެ ދަށުން ފަސް ސަރަހަދެއް ވަނީ ހިމާޔަތްކޮށްފަ އެވެ. އަދި އެ ޕްލޭންގައި ބުނެފައި ވަނީ ހިމާޔަތްކުރެވިފައިވާ ފަސް ސަރަހައްދު ކޮންމެ ތިން އަހަރަކުން ބަދަލުވާނެ ކަމަށެވެ. އަދި ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގައި ފީނުމާއި ނަގިލިލުމާއި ސުނޯކުލިން ކުރުމުގެ އިތުރުން ކުނިއެޅުމާއި އެއްވެސް ބާވަތެއްގެ މަސްވެރިކަމެއް ކުރުން ވަނީ މަނާކޮށްފަ އެވެ.
ހިމާޔަތްކޮށްފައިވާ ފަސް ސަރަހައްދަކީ ޅ. އަލިގައު ކަނޑުއޮޅި އާއި ކ. ދިއްފުށި ކަނޑުއޮޅީގެ އިތުރުން ވ. ބޯމަސް ކަނޑުއޮޅި އާއި މ. ބޮޑު އަދި ކުޑަ ކަނޑުއޮޅި އާއި ދ. ކުޑަހުވަދޫ ކަނޑުއޮޅި އެވެ. އަދި އެޕުލޭންގެ ދަށުން ވަނީ ވަކިވަރަކަށް ވުރެ ކުދި ފާނަ ބޭނުން ވެސް މަނާކޮށްފަ އެވެ.
އެ ގަވައިދާ ހިލާފަށް އަމަލުކުރާ ފަރާތްތަކުގެ ތެރެއިން މަނާކޮށްފައިވާ ސަރަހައްދުން މަސްވެރިކަން ކޮށްފި ނަމަ ދޯނީގެ ކެޕްޓަން 10000ރ. އިން ޖޫރިމަނާ ކުރާ އިރު ދެ ވަނަ ފަހަރަށް އެކަން ކޮށްފި ނަމަ 20000ރ. އިން ޖޫރިމަނާކޮށް، ތިން ވަނަ ފަހަރަށްކޮށްފި ނަމަ ޝަރީއަތަށް ފޮނުވުމަށް ވަނީ ނިންމައިފަ އެވެ. އަދި ކަނޑައަޅާފައިވާ ސައިޒަށް ވުރެ ކުދި މަސް ގަންނަ ފަރާތްތަކުން ފުރަތަމަ ފަހަރު 50000ރ. އިން ޖޫރިމަނާކުރާ އިރު ދެވަނަ ފަހަރަށް 100000ރ. އިން ޖޫރިމަނާކުރުމަށް ވަނީ ނިންމައިފަ އެވެ. އަދި ތިން ވަނަ ފަހަރަށް އެކަންކޮށްފި ނަމަ ހަ މަސް ދުވަހަށް އެކްސްޕޯޓްކުރުމުގެ ލައިސަންސް އަތުލުމަށް ވަނީ ނިންމައިފަ އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ ފާނަ މަސްވެރިކުރުމުގެ ގަވައިދު ހަފްތާއެއްގެ ތެރޭގައި ގެޖެޓްކޮށް ތިން މަސް ދުވަހުގެ ތެރޭގައި އަމަލުކުރަން ފަށާނެ ކަމަށެވެ.