ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމް ކުރުމަށް މެލޭޝިއާގެ ނެކްސްބިޒް ލިމިޓެޑާ އެކު ސަރުކާރާ އެކު ވެފައިވާ އެއްބަސްވުން އުވާލުމަށް ސަރުކާރަށް އެންގުމަށް މަޖިލީހުން ފާސްކޮށްފި އެވެ.

ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ އެއްބަސްވުން ބާތިލު ކުރުމަށް ސަރުކާރުން އެންގުމަށް މާލިއްޔަތު ކޮމެޓީން ހުށަހެޅީ ރިޕޯޓް ފާސްވީ މަޖިލީހުގައި ތިއްބެވި 74 މެންބަރުންގެ އިއްތިފާގުންނެވެ.

މަޖިލީހުން ފާސްކުރި ރިޕޯޓްގެ ނިންމުމުގައި ދެ ކަމެއް ފާހަގަކޮށްފައިވެ އެވެ. ފުރަތަމަ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ 17 އޮކްޓޫބަރު 2010ގައި ނެކްސްބިޒާ އެކު ވެފައިވާ އެއްބަސްވުން އުވާލުމަށް ސަރުކާރަށް އެންގުމަށާއި އަދި ބަޖެޓް ރިކޮމަންޑޭޝަންގެ ތެރޭގައި އެ އެއްބަސްވުން އުވާލުމަށް ހިމެނުމަށެވެ. އަދި ސަރުކާރުން އެކި ފަރާތްތަކާ އެކު ކުރާ އެގްރިމެންޓްތަކަކީ ގާނޫނު އަސާސީ އާއި ގާނޫނުތަކާ އެއްގޮތަށް ކުރެވޭ އެގްރިމެންޓްތަކެއްގެ ގޮތުގައި ކަށަވަރުކޮށްދިނުމެވެ.

"ސަރުކާރުން އެކިފަރާތްތަކާ އެކު ކުރާ އެގްރިމެންޓްތަކަކީ ގާނޫނު އަސާސީ އާއި ގާނޫނުތަކާއި އެއްގޮތަށް ކުރެވޭ އެގްރިމެންޓްތަކެއްކަން ޔަގީން ކުރުމަށް ދިވެހި ސަރުކާރުން ދިވެހި ސަރުކާރުން އިތުރު ސަމާލުކަމެއް ދިނުމަށާއި ރައްޔިތުންގެ މަޖިލީހުގެ އިހްތިސާސުގެ ތެރޭގައި ހިމެނޭ ކަންކަން ކުރުމަށް އެއްބަސްވުމުގައި ހިމަނާ ނަމަ ރައްޔިތުންގެ މަޖިލީހުގެ ބަހެއް ނެތި އެ އެއްބަސްވުންތަކުގައި ސޮއި ނުކުރުމަށް ސަރުކާރަށް އެންގުމަށެވެ،" މަޖިލީހުން ފާސްކުރި ރިޕޯޓްގައިވެ އެވެ.

މާލިއްޔަތު ކޮމެޓީން ބެލިބެލުމުން އެ އެއްބަސްވުމުގެ މުއްދަތުގެ ތެރޭގައި 166 މިލިއަން އެމެރިކާ ޑޮލަރު ސަރުކާރުން ނެކްސްބިޒް އަށް ދައްކަން ޖެހޭ ކަމަށާއި ނަމަވެސް އެ މަޝްރޫއުގެ ދަށުން ސަރުކާރަށް ލިބެނީ އެންމެ އަށް މިލިއަން ޑޮލަރު ކަމަށް ކޮމެޓީގެ ރިޕޯޓްގައިވެ އެވެ.

ބޯޑާ ކޮންޓްރޯލް މަޝްރޫއުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ ގޮތައް ބަލާ އިރު އޭރު އެއްބަސްވުމުގައި ސޮއި ކުރިއިރު، އޭރުގެ ބަންޑާރަ ނައިބުގެ އިހްމާލް އޭގައި ވަރަށް ބޮޑަށް އޮތް ކަމަށް ކޮމެޓީގެ މުގައްރިރު ވިދާޅުވި އެވެ. ދެ ހާސް ދިހަ ވަނަ އަހަރު ނެޒްސްބިޒްއާ އެކު ބޯޑާ ކޮންޓްރޯލް އެގްރިމެންޓްގައި އެއްބަސްވި އިރު، ބަންޑާރަ ނައިބަކަށް ހުރީ ޑރ. އަހުމަދު އަލީ ސަވާދެވެ.

ނާޒިމް ވިދާޅުވީ އެގްރިމެންޓާ ގުޅޭ ގޮތުން އޭރުގެ ބަންޑާރަ ނައިބާ އެކު ޑިޕާޓްމަންޓް އޮފް އިމިގްރޭޝަނުން ބައްދަލުވުމެއް ބޭއްވި ކަމަށާއި އެ ބައްދަލުވުމުގައި މަޝްވަރާކޮށް އެއްބަސްވެވުނު ކަންތައްތަކުގެ ގޮތުގެ މަތިން އެއްބަސްވުމަށް އިސްލާހު ގެނައުމަށް ވާހަކަ ދެކެވުނު ކަމަށެވެ. ނަމަވެސް ލިޔުމުން ބަންޑާރަ ނައިބުގެ ބޭނުންފުޅުވާ އިސްލާހުތައް އިމިގްރޭޝަނަށް ދީފައިނުވާ ކަމަށް ނާޒިމް ވިދާޅުވި އެވެ. އޭރުގެ ބަންޑާރަ ނައިބު ވިދާޅުވި އިސްލާހުތައް އެގްރިމެންޓަށް ގެނެސްފައި ނުވާ ކަމަށް އޭރުގެ ބަންޑާރަ ނައިބުގެ އޮފީހުގެ ސޮލިސިޓާ ޖެނަރަލް އޭސީސީ އަށް ބަޔާން ދެއްވާފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.