25 Dec 2012, 13:35
އެއްވެއުޅުމުގެ މިނިވަންކަން ހަނިކުރެވޭ ގޮތަށް "ސުލްހަވެރިކަމާ އެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ބިލް" މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު މަޖިލީހަށް ހުށަހެޅުއްވި ބިލް ވަގުތީ ކޮމެޓީއަކުން ދިރާސާ ކުރެއްވުމަށް ފަހު މިއަދު މަޖިލީހުން ފާސްކުރީ ވޯޓްގައި ބައިވެރިވި 74 މެންބަރުންގެ ތެރެއިން 44 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ބިލް ފާސް ކުރުމާ ދެކޮޅު ހެއްދެވީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ 30 މެންބަރުންނެވެ.
އެއްވެއުޅުމުގެ ތަސްދީގު ކުރުމުން އެ ގާނޫނު ނުހިނގާނެ "އެއްވުންތަކުގެ" ތެރޭގައި ދައުލަތުގެ މުއައްސަސާއަކުން އިންތިޒާމްކޮށްގެން ބާއްވާ ބައްދަލުވުންތަކާއި ޖަލްސާތަކާއި އަދި އެހެން ގާނޫނެއްގެ ދަށުން އިންތިޒާމް ކުރެވިގެން ބާއްވާ ބައްދަލުވުންތަކާއި ޖަލްސާތަކާއި ހަރަކާތްތައް އެއްވެއުޅުމުގެ މިނިވަންކަމުގެ ބިލުން ބާރު ނުފޯރާނެ ކަމަށް އެ ބިލުގައިވެ އެވެ.
ބިލުގައި ބުނަނީ އެއްވުމެއްގެ ބައިވެރިންނަށް މާއްދީ، އަދި ޖިސްމާނީ ގެއްލުމެއް ލިބުނީ އެ މީހުންނަށް ރައްކާތެރިކަން ދޭންޖެހޭ ފުލުހުންގެ އިދާރާގެ އިހްމާލަކުން ނަމަ އެއްވި މީހުންނަށް ލިބުނު ގެއްލުމުގެ ބަދަލު ފުލުހުންގެ އިދާރާ އިން ލިބެންޖެހޭނެ ކަމަށެވެ. އަދި އެއްވުމެއްގެ ހަރަކާތެއްގައި ބައިވެރިވި ކަމަށްޓަކައި އޭނާގެ މައްޗަށް ދައުވާއެއް އަދަބެއް ނުދެވޭނެ ކަމަށް ވެސް ބުނެ އެވެ.
"އެއްވުމެއްގައި ބައިވެރިވާ އެއްވެސް ފަރާތަކުން ކަނޑި، ވަޅި، ހަންޖަރު، ލަކުޑިބުރި، ދަނޑިބުރި، ދަގަނޑުބުރި، މުގުރު، ބްލީޗް، ޕެޓްރޯލް، ކަރާސީނު، ހިކިމިރުސް، ރޯމިރުސް، ތެޅިމިރުސް ނުވަތަ މިރުހުގެ އެއްވެސް ބާވަތެއް، އެސިޑް ނުވަތަ ހަތިޔާރުގެ ގޮތުގައި ބޭނުން ކުރެވިދާނެ އެފަދަ އެއްޗެއް ނުވަތަ ފުލުހުންގެ އިދާރާއިން ގާނޫނު ތަންފީޒު ކުރުމަށްޓަކައި ނުވަތަ އާންމު މަސްލަހަތު ގާއިމު ކުރުމަށްޓަކައި ބޭނުންކުރާ ބާވަތުގެ އެއްވެސް އެއްޗެއް ބޭނުންކޮށްގެން ނުވާނެ އެވެ،" ބިލުގެ 21 ވަނަ މާއްދާގެ (ށ)ގައި ބުނެފައިވެ އެވެ.
އެ ބިލުގެ 21 ވަނަ މާއްދާގައި އިތުރަށް ބުނެފައި ވަނީ އެއްވުމެއްގައި ބައިވެރިވާ މީހުން ކާކުކަން ނޭނގޭ ގޮތަށް، މާސްކު ނުވަތަ ފޮތި އެހެންވެސް އެއްޗެއް އެހެންވެސް އެއްޗެއް ބޭނުންކޮށްގެން އެއްވުމެއްގައި މޫނު ނިވާކޮށްގެން ނުވާނެ ކަމަށެވެ.
އެއްވެ އުޅުމުގެ ބިލުގެ 24 ވަނަ މާއްދާގެ (ށ)ގައި ވަނީ އެއްވެ އުޅުން މަނާ ތަންތަނުގެ ތެރޭގައި ސަލާމަތީ ބާރުތަކުގެ މައި މަޒުކަޒުތަކާއި ސިފައިންނާ ފުލުހުންގެ މަޒުކަޒުތައް ހިމެނޭ ސަރަހައްދުތައް ހިމެނެ އެވެ. އެގޮތުން އެމްއެންޑީއެފްގެ މައި މަރުކަޒު ނުވަތަ ބަންޑާރަ ކޮށި އުތުރުފަރާތު އިންފާރުން ފެށިގެން ކުރިމައްޗަށް 300 ފޫޓް ހިމެނޭ ސަރަހައްދު ނުވަތަ ޖުމްހޫރީ މައިދާނާއި ހުޅަނގުފަރާތު އިންފާރުން ފެށިގެން 200 ފޫޓް ހިމެނޭ ސަރަހައްދާއި އަދި އިރުމަތީފަރާތު އިންފާރުން ފެށިގެން 200 ފޫޓް ހިމެނޭ ސަރަހައްދާއި މައި މަރުކަޒުގެ ދެކުނު ފަރާތު އިންފާރުން ފެށިގެން 150 ފޫޓް ހިމެނޭ ބިމުގެ ސަރަހައްދަށް އެއްވުމަކީ މަނާ ކަމެކެވެ. އަދި އެމްއެންޑީއެފްގެ އެހެން މަރުކަޒެއްގެ ކޮންމެ އިންފާރަކުން ފެށިގެން 100 ފޫޓް ހިމެނޭ ސަރަހައްދަށް އެއްނުވެވޭނެ ކަމަށް އެ ބިލުގައި ބުނެ އެވެ. އަދި ދިވެހި ފުލުހުންގެ މައި މަރުކަޒުގެ އުތުރުފަރާތު އިންފާރުން ފެށިގެން ކުރިމައްޗަށް 50 ފޫޓް ހިމެނޭ ސަރަހައްދާއި އަދި ހުޅަނގުފަރާތު އިންފާރުން ފެށިގެން 500 ފޫޓް ހިމެނޭ ޖުމްހޫރީ މައިދާން ސަރަހައްދާއި އަދި އިރުމަތީ ފަރާތު އިންފާރުން ފެށިގެން 100 ފޫޓް ހިމެނޭ ސަރަހައްދާއި އަދި ދެކުނު ފަރާތު އިންފާރުން ފެށިގެން 50 ފޫޓް އޮތް ސަރަހައްދަކީ އެއްވެއުޅުން މަނާ ސަރަހައްދެވެ.
ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާ ގެކޮޅުގެ ހަތަރު ބިތުން ފެށިގެން ކޮންމެ ކޮޅަކަށް 250 ފޫޓް ސަރަހައްދަށް އެއްވުމަކީ ވެސް މަނާ ކަމެކެވެ. އަދި ނައިބު ރައީސް ދިރިއުޅުއްވާ ރަސްމީ ގެކޮޅުގެ އިންފާރުން ފެށިގެން ކޮންމެ ބިތަކަށް 100 ފޫޓް ސަރަހައްދަށް އެއްނުވެވޭނެ އެވެ. އެމްއެމްއޭގެ މައި އިމާރާތުގެ އިންފާރުން ފެށިގެން ކޮންމެ ބިތަކަށް 100 ފޫޓް ހިމެނޭ ސަރަހައްދަށް އެއްވުމަކީ މަނާ ކަމެކެވެ.
ޝަރުއީ ކޯޓްތަކާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ރައްޔިތުންގެ މަޖިލީހުގެ އިންފާރުން ފެށިގެން ކޮންމެ ބިތަކަށް 50 ފޫޓް ހިމެނޭ ސަރަހައްދަށް އެއްވުމަކީ މަނާކަމެކެވެ.
އެއްވެއުޅުމުގެ ހައްގު ހަނިކުރެވިދާނެ ހާލަތްތައް ކަމަށް ބިލުގައި ވަނީ ގައުމީ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކުރިމަތިވުމާއި އާންމު ރައްކާތެރިކަން ދެމެހެއްޓުމާއި ގާނޫނުތަކާ އެއްގޮތަށް މުޖުތަމައު ހަމަޖެހުން ގާއުމް ކުރުމާއި އާންމު ސިއްހަތު ރައްކާތެރި ކުރުމާއި މުޖުތަމައުގެ އާންމު އަހުލާގީ މިންގަނޑު ރައްކާތެރި ކުރުމުގެ އިތުރުން އެހެން ފަރުދުންނަށް ލިބިދޭ ހައްގުތަކާއި މިނިވަންކަން ހިމާޔަތް ކުރުމަށްޓަކައި އެއްވެއުޅުމުގެ މިނިވަންކަން ހަނިކުރެވިދާނެ ކަމަށް ބިލުގައިވެ އެވެ.
އެއްވެއުޅުމުގެ މިނިވަންކަމުގެ ބިލުގައި ނޫސްވެރިން ވެސް އެއްވުންތަކުގައި ހަރަކާތެރިވާނެ ގޮތްތަށް ބަޔާންކޮށްފައިވެ އެވެ. އެގޮތުން 54 ވަނަ މާއްދާގައި ބުނަނީ ބްރޯޑްކާސްޓިން ކޮމިޝަނުން ނޫސްވެރިން އެކްރެޑިޓް ކުރުމުގެ ގަވާއިދެއް އެކުލަވާލަން ޖެހޭނެ ކަމަށެވެ. އަދި އެ ގަވާއިދު އެކުލަވާލަން ޖެހޭނީ އެއްވެ އުޅުމުގެ ބިލް ފާސްވާތާ ތިން މަސް ދުވަހުގެ ތެރޭގައި ކަމަށެވެ. އަދި އެއްވުންތަކުގައި ފުލުހުން ކުރާ ކަންތައްތަކާއި އެއްވުމުގެ ހަބަރުތައް ފެތުރުމަށް ޓަކައި އެކްރެޑިޓްކޮށްފައިވާ ނޫސްވެރިން ހަރަކާތްތެރިވެވޭނެ ކަމަށާއި އެ ނޫސްވެރިންނަށް ފުލުހުން ވިޔަސް ވެސް އަދި އެއްވެއުޅޭ މީހަކު ކަމުގައި ވިޔަސް ހުރަސްއަޅައިގެން ނުވާނެ ކަމަށް އެ މާއްދާގައި ބުނެ އެވެ. އަދި އަގެއް ނެގުމަކާ ނުލައި އެއްވުމެއް ބްރޯޑްކާސްޓު ކުރާ ނަމަ ކުރަން ޖެހޭނީ 60 ސިކުންތު ނުވަތަ އެއް މިނިޓް ލަސްކުރުމަކާއެކުގަ އެވެ.