ޓެކްސް މަދުން ދައްކާފައިވާ ކަމަށް ބެލެވޭތީ ކޯޓު އަމުރެއްގެ ދަށުން މީރާގެ އޮފިޝަލުން ފުރަތަމަ ފަހަރަށް ކުންފުންޏެއްގެ އޮފީސްތަކަށް ވަދެ އެތަން ފާސްކޮށް ބޭނުންވާ މައުލޫމާތުތައް ހޯދަންފަށައިފި އެވެ.

މިއަދު ހެނދުނު 10:30 އެހާކަންހާއިރު މީރާގެ އޮފިޝަލުން ވަދެފައިވަނީ ޓްރެޝާ ބިޒް އިންޓަނޭޝަނަލްގެ އޮފީހަށާއި އެ ކުންފުނިން ހިންގަމުން އަންނަ "ޓްރެޝަރީ" ފިހާރައަށެވެ. އެ ކުންފުންޏަކީ ބޭރުން މުދާ އިމްޕޯޓްކޮށްގެން ހޯލްސޭލް ވިޔަފާރި ކުރާ ކުންފުންޏެކެވެ. މީރާގެ އިންވެސްޓިގޭޝަން ޓީމުން ހަރަކާތްތެރިވަމުން އަންނަނީ ފުލުހުންގެ ހާޒިރުގަ އެވެ.

މީރާގެ އޮފިޝަލަކު ވިދާޅުވީ މިއީ މީރާއިން ކުރިއަށް ގެންދާ އެފަދަ ފުރަތަމަ އޮޕަރޭޝަން ކަމަށާއި އެ ކުންފުނީގެ އޮފީސްތައް މީރާއިން ފާސްކުރަމުން ދަނީ ކޯޓު އަމުރުލިބިގެން ކަމަށެވެ. މީރާއިން ހޯދަން ޖެހޭ މައުލޫމާތުތައް ހޯދަން ކޯޓު އަމުރެއްގެ ދަށުން ފިހާރަތައް ބަލައި ފާސްކުރުމުގެ ބާރު މީރާއަށް ލިބިގެންވެ އެވެ.

ސަން އޮންލައިންއަށް އެނގިފައިވާ ގޮތުގައި އެ ކުންފުނިން މަދުން ދައްކާފައިވަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް (ބީޕީޓީ) އެވެ.