ކޮންމެ އަހަރެއް ފެށުމުގެ ދެ މަސް ދުވަސް ކުރިން ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖޭހޭ ގޮތަށް މާލީ ގަވާއިދަށް ގެނެސްފައިވާ އިސްލާހުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވައިފި އެވެ. އެ އިސްލާހު ތަސްދީގުކުރެއްވުމާ ގުޅިގެން އިސްލާހު މިހާރު ވަނީ ގެޒެޓްކޮށްފަ އެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ދައުލަތުގެ މާލިއްޔަތުގެ ގާނޫނަށް ގެނެސްފައިވާ ދެވަނަ އިސްލާހަކީ އެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ) އަށް ގެންނެސްފައިވާ އިސްލާހެކެވެ.

އެ އިސްލާޙުގައި ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ކޮންމެ މާލީ އަހަރަކަށް އެކުލަވައިލެވޭ އެ އަހަރުގެ ދައުލަތުގެ ބަޖެޓު، ފިނޭންސް މިނިސްޓަރު ތައްޔާރުކޮށް ބަޖެޓު އެކުލަވައިލެވޭ މާލީ އަހަރު ފެށުމުގެ އެންމެ ލަސްވެގެން ދެމަސްދުވަސް ކުރިން މަޖިލީހަށް ހުށަހަޅަންވާނެ ކަމަށެވެ. މިހާރު ބަޖެޓް އާންމު ގޮތެއްގައި މަޖިލީހަށް ހުށަހަޅަނީ ނޮވެމްބަރު މަހުގެ ފަހު ހަފްތާގަ އެވެ. އެހާ ލަހުން ބަޖެޓް ހުށަހެޅުމުން ބަޖެޓް ދިރާސާކުރަން މެންބަރުންނަށް ލިބެނީ މަދު ހަފްތާކޮޅެކެވެ.

ބަޖެޓް މާލަހުން ހުށަހަޅާ މައްސަލައިގައި އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހިމް ކަންބޮޑުވުން ފާޅުކުރައްވަމުން ވިދާޅުވެފައިވަނީ ބަޖެޓް ރަނގަޅަށް ދިރާސާ ނުކުރެވުމުގެ ސަބަބުން އަހަރުގެ މެދުތެރެއިން ބަޖެޓް ޝޯޓް ވުމާއި ފައިސާ ނުލިބުމުގެ މައްސަލަތައް ނުކުންނަ ކަމަށާއި އެކަން ހައްލުކުރުމަށް ބަޖެޓް ދިރާސާކުރަން އެކަށީގެންވާ މުއްދަތެއް މަޖިލީހުގެ މެންބަރުންނަށް ލިބެންޖެހޭ ކަމަށެވެ. އެގޮތުން އެންމެ ލަސްކޮށްވެސް އޮކްޓޯމްބަރު މަހުގެ ތެރޭގައި ސަރުކާރުން މަޖިލީހަށް ބަޖެޓް ހުށަހަޅަން ޖެހޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް ނިޔާޒު ވަނީ ވިދާޅުވެފަ އެވެ.

މާލިއްޔަތު ގާނޫނަށް ހުށަހެޅި އެއިސްލާހަކީ ރައްޔިތުންގެ މަޖިލީހުގެ ޑީއާރުޕީގެ މެމްބަރު ރޮޒެއިނާ އާދަމް ހުށަހެޅުއްވި އިސްލާހެކެވެ.