ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ ގާއިމް ކުރުމަށް މެލޭޝިއާގެ ނެކްސްބިޒް ލިމިޑެޓާ އެކު ވެފައިވާ އެއްބަސްވުމުގައި އެ ކުންފުނިން ދައުލަތައް ދައްކަން ޖެހޭ ޓެކްސް މާފުކުރާނެ ކަމަށް ސަރުކާރުން ބުނެފައިވާ ކަމަށް މާލިއްޔަތު ކޮމެޓީގެ މުގައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ބޯޑާ ކޮންޓްރޯލް ސިސްޓަމް ހުއްޓާލުމަށް ސަރުކާރަށް އެންގުމަށް ކޮމެޓީން ނިންމާފައިވާ ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވަމުން ނާޒިމް ވިދާޅުވީ ބޯޑާ ކޮންޓްރޯލް މަޝްރޫއު ކޮމެޓީން ދިރާސާ ކުރުމުގައި ބަލާފައި ވަނީ އެ އެއްބަސްވުމުގެ މުއްދަތުގައި ސަރުކާރުން ހަދަރު ކުރަން ޖެހޭ "މާލީ އިލްތިޒާމްތައް" ކަމަށެވެ.

ނާޒިމް ވިދާޅުވީ އެ އެއްބަސްވުމުގައި ސަރުކާރުން ސޮއިކުރިތާ ދެ އަހަރު ވެއްޖެ ކަމަށާއި ނަމަވެސް އެ އެއްބަސްވުމުގެ ކޮޮޕީއެއް ފިނޭންސު މިނިސްޓްރީ އަށް ލިބިފައިނުވާ ކަމަށެވެ. އަދި އެ ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމް ކުރުމަށް ބިޑް ކުރި ހިސާބުން ފެށިގެން މައްސަލަތަކެއް އެބަހުރި ކަމަށާއި އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ހުއްދަދިން ނެޝަނަލް ޕްލޭނިން ކައުންސިލުން ފާސްކޮށްގެން ފޮނުވި ލިޔުންތަކާ އެއްގޮތައް ޓެންޓާކޮށްފައި ނުވާ ކަމަށެވެ. މިލިއުންތަކަށް ބަދަލު އައީ ކޮން ހިސާބަކުން ކަމެއް އެނގެން ނެތް ކަމަށާއި ލިޔެކިޔުންތަކަށް ބަދަލު ގެނެސްފައި ވަނީ ނެކްޒްބިޒް އަށް ފައިދާވާ ގޮތައް ކަމަށް ނާޒިމް ވިދާޅުވި އެވެ.

"މި ލިޔުންތަކަށް ބަދަލު އައީ ކޮން ހިސާބަކުން ކަމެއް އެނގޭކަށެއް ނެތް. މި މަސައްކަތައް ބަދަލު ގެނެސްފައި ވަނީ މި މަސައްކަތް ހަވާލުވި ފަރާތައް ފަހިވާގޮތަށް. އެފަރާތުން އެދޭގޮތަށް، އެ ފަރާތުން ބޭނުންވި ގޮތަށް،" ނާޒިމް ވިދާޅުވި އެވެ.

ކޮމެޓީން ބެލިބެލުމުން އެ އެއްބަސްވުމުގެ މުއްދަތުގެ ތެރޭގައި 166 މިލިއަން އެމެރިކާ ޑޮލަރު ސަރުކާރުން ނެކްސްބިޒް އަށް ދައްކަންޖެހޭ ކަމަށާއި ނަމަވެސް އެ މަޝްރޫއުގެ ދަށުން ސަރުކާރަށް ލިބެނީ އެންމެ އަށް މިލިއަން ޑޮލަރު ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި އެއީ ރޯޔަލްޓީގެ ގޮތުގައި ލިބޭ އެންމެ އަށް މިލިއަން ޑޮލަރު ކަމަށެވެ.

ބޯޑާ ކޮންޓްރޯލް މަޝްރޫއުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ ގޮތައް ބަލާ އިރު އޭރު އެއްބަސްވުމުގައި ސޮއި ކުރިއިރު، އޭރުގެ ބަންޑާރަ ނައިބުގެ އިހްމާލް އޭގައި ވަރަށް ބޮޑަށް އޮތް ކަމަށެވެ. ދެހާސް ދިހަ ވަނަ އަހަރު ނެޒްސްބިޒްއާ އެކު ބޯޑާ ކޮންޓްރޯލް އެގްރިމެންޓްގައި އެއްބަސްވި އިރު، ބަންޑާރަ ނައިބަކަށް ހުރީ ޑރ. އަހުމަދު އަލީ ސަވާދެވެ.

ނާޒިމް ވިދާޅުވީ އެގްރިމެންޓާ ގުޅޭ ގޮތުން އޭރުގެ ބަންޑާރަ ނައިބާއެކު ޑިޕާޓްމަންޓް އޮފް އިމިގްރޭޝަނުން ބައްދަލުވުމެއް ބޭއްވި ކަމަށާއި އެ ބައްދަލުވުމުގައި މަޝްވަރާކޮށް އެއްބަސްވެވުނު ކަންތައްތަކުގެ ގޮތުގެ މަތިން އެއްބަސްވުމަށް އިސްލާހު ގެނައުމަށް ވާހަކަ ދެކެވުނު ކަމަށެވެ. ނަމަވެސް ލިޔުމުން ބަންޑާރަ ނައިބުގެ ބޭނުންފުޅުވާ އިސްލާހުތައް އިމިގްރޭޝަނަށް ދީފައިނުވާ ކަމަށް ނާޒިމް ވިދާޅުވި އެވެ. އޭރުގެ ބަންޑާރަ ނައިބު ވިދާޅުވި އިސްލާހުތައް އެގްރިމެންޓަށް ގެނެސްފައި ނުވާ ކަމަށް އޭރުގެ ބަންޑާރަ ނައިބުގެ އޮފީހުގެ ސޮލިސިޓާ ޖެނަރަލް އޭސީސީ އަށް ބަޔާން ދެއްވާފައިވާ ކަަމަށް ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ އެ އެއްބަސްވުން އުވާލުމަށް ލާޒިމް ކުރުމުގެ ގޮތުން ބަޖެޓްގެ ރިކޮމަންޓޭޝަންގެ ގޮތުގައި އެ އެއްބަސްވުން އުވާލުމަށް ހިމަނުމަށް ހުށަހަޅާފައިވާ ކަމަށެވެ. ބަޖެޓްގައި އެގޮތަށް ހިމަނައިފި ނަމަ ނެކްސްބިޒްގެ އެއްބަސްވުން އުވާލުމަކީ އިހްތިޔާރީ އެއްޗަކަށް ނުވެ، އެ ބަސްވުން އުވާލުމަށް ސަރުކާރަށް މަޖުބޫރުވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.

"އެގޮތަށް ރިކޮމަންޓޭޝަންގެ ގޮތުގައި ހިމަނަން ބޭނުންވަނީ މި އެގްރިމެންޓް ބާތިލް ކުރުމަށް ސަރުކާރަށް ލާޒިމް ކުރުން. އެއީ ދިވެހި ސަރުކާރަށް އެޕްޝަނެއްގެ ގޮތުގައި ނުދިނުން،" ނާޒިމް ވިދާޅުވި އެވެ.

ސަރުކާރުން އެކިއެކި ފަރާތްތަކާއެކީގައި ކުރާ އެގްރިމެންޓްތަކަކީ ގާނޫނު އަސާސީ އާއި ގާނޫނުތަކާ އެއްގޮތަށް ކުރާ ކަމެއްގެ ގޮތުގައި ކަށަވަރު ކުރުމަށް ސަރުކާރަށް އެންގުމަށް މަޖިލީހަށް މިއަދު ހުށަހެޅި ރިޕޯޓްގައި ބުނެފައިވެ އެވެ.

އެގޮތުްނ ގާނޫނު އަސާސީއާ ހިލާފަށް ނެކްސްބިޒްއިން ދައުލަތައް ދައްކަންޖެހޭ ޓެކްސް މާއާފުކޮށްދިނުމަށް ސަރުކާރުން އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ. ނަމަވެސް ޓެކްސް މާއާފު ކުރުމަކީ ގާނޫނު އަސާސީގެ 97 ވަނަ މާއްދާގެ (ރ)ގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ދީފައިވާ ބާރެއް ކަމަށެވެ.

މިއަދުގެ މެންދުރުފަހު ރައްޔިތުންގެ މަޖިލީހުގެ ވޯޓްގެ މަރުހަލާގައި އެ ރިޕޯޓް ފާސް ކުރުމަށް ވޯޓަށް އަހާނެ އެވެ.