ތިލަފުށީ ބިން ހިއްކުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކުގެ ހެވީލޯޑާ ހަވާލު ކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފާއިވާ ކަމަށް ތުހުމަތުކޮށް ތިލަފުށީ ބޯޑުގެ ކުރީގެ ތިން މެންބަރެއްގެ މައްޗަށް ދައުލަތުން ކުރި ދައުވާގެ މިއަދުގެ ޝަރީއަތް ކެންސަލްކޮށްފި އެވެ.

ކްރިމިނަލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ މިއަދުގެ ޝަރީއަތް ކެންސަލްކޮށްފައި ވަނީ އެ މައްސަލައިގައި ހިމެނޭ ހެކީންގެ ތެރެއިން މީހަކަށް ކޯޓަށް ހާޒިރު ނުވެވޭތީ ކަމަށެވެ.

އެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައި ވަނީ ތިލަފުށީ ކޯޕަރޭޝަންގެ ބޯޑުގެ ކުރީގެ ތިން މެންބަރުން ކަމަށްވާ މއ. މަޒާގޭ އިބްރާހިމް ރިޔާޒާއި ގ. ރަންގިރިޓީގޭ މުހައްމަދު ވާފިރު އަދި މއ. ރާހާ އަހުމަދު އަދުލީ ރަޝީދުގެ މައްޗަށެވެ.

ދައުލަތުން ކުރި ދައުވާގައި ބުނަނީ އެ ތިން ބޭފުޅުން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑު މެންބަރުންގެ ގޮތުގަ އާއި އިވެލުއޭޝަން ކޮމެޓީގެ މެންބަރުންގެ ގޮތުގައި ތިއްބަވައިގެން ކޮމެޓީ އަށް ލިބިގެންނުވާ ބާރުތަކެއް ބޭނުން ކުރައްވައި ތިލަފުށި ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑުގެ ނިންމުމެއް ނެތި، މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ހެވީލޯޑަށް ނާޖާއިޒު ފައިދާ ހޯއްދަވައި ދެއްވުމުގެ މަގުސަދުގައި ތިލަފުށީ ބިން ހިއްކުމުގެ މަޝްރޫއު ހެވީލޯޑަށް އެވޯޑުކޮށްފައިވާ ކަމަށެވެ. އަދި މޮބިލައިޒޭޝަން ޕޭމަންޓްގެ ގޮތުގައި ތިލަފުށީ ކޯޕަރޭޝަނުން 38.6 މިލިއަން ރުފިޔާ ހެވީލޯޑަށް ދޫކޮށްފައިވާ ކަމަށް ވެސް ދައުލަތުން ކުރި ދައުވާގައިވެ އެވެ.

ތިލަފުށީ ބިންހިއްކުމުގެ މަސައްކަތް ހެވީލޯޑާ ހަވާލުކޮށްފައި ވަނީ 21 މިލިއަން ޑޮލަރު (323 މިލިން ރުފިޔާ) އަށެވެ. ނަމަވެސް ފަހުން ވަނީ މަސައްކަތް މެދު ކަނޑާލުމަށް ފަހު، އެ ތަނުގައި ބޭނުން ކުރި ކޮންނަ ބޯޓު އެހެން ސަރަހައްދަކަށް ގެންގޮސްފަ އެވެ.