ދެހާސް ދިހަ ވަނަ އަހަރުން ފެށިގެން މި މަހުގެ 17 ވަނަ ދުވަހާއި ހަމައަށް ސައިބާ ކްރައިމްގެ 117 މައްސަލައެއް ހުށަހެޅިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުން 2010 ވަނަ އަހަރުގެ ނިޔަލަށް ސައިބާ ކްރައިމްގެ 15 މައްސަލައެއް ހުށަހެޅިފައިވާއިރު މިދިޔަ އަހަރު ހުށަހެޅުނު ސައިބާ ކްރައިމްގެ މައްސަލަތަކުގެ އަދަދީ 41 އެވެ. އަދި މިއަހަރުގެ ޖެނުއަރީން ފެށިހެން މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ސައިބާ ކްރައިމްގެ 61 މައްސަަލަ ހުށަހެޅިފައިވާކަމަށް ވެސް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

ރާއްޖޭގައި އާންމުކޮށް ހިނގާ މިފަދަ މައްސަލަތަކުުގެ ތަފާސް ހިސާބުުތަކަށް ބަލާއިރު ވެބްސައިޓް ހެކްކުރުމުގެ މައްސަލައެއް 2010 ވަނަ އަހަރު ހުށަހެޅިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެފަދަ ތޭރަ މައްސަލައެއް މިދިޔަ އަހަރު ފުލުހުންނަށް ހުށަހެޅިފައިވާއިރު މިއަހަރުގެ ޑިސެމްބަރު 17 ވަނަ ދުވަހުގެ ނިޔަލަށް 18 މައްސަލައެއް ހުށަހެޅިފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ކްރެޑިޓް އަދި ޑެބިޓް ކާޑުގެ ފްރޯޑް ނުވަ މައްސަލައެއް 2010 ވަނަ އަހަރު ފުލުހުންނަށް ހުށަހެޅިފައިވާއިރު މިދިޔަ އަހަރު އެފަދަ 27 މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ. އަދި މިއަހަރުގެ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކްރެޑިޓް އަދި ޑެބިޓް ކާޑު ފްރޯޑްގެ 44 މައްސަލައެއް ހުށަހެޅިފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.

އިންޓަރނެޓް ބޭނުންކޮށްގެން ހިންގާ މަކަރާއި ހީލަތް ހެދުމުގެ މައްސަލަތަކަށް ބަލާއިރު 2010 ވަނަ އަހަރާއި މިދިޔަ އަހަރު ހުށަހެޅިފައިވާ އެބާވަތުގެ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ޖުމްލަ ތިން މައްސަލައެވެ. އަދި މިއަހަރު ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް އެފަދަ ތިން މައްސަލަ ހުށަހެޅިފައިވާކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނީ ހުށަހެޅިފައިވާ މައްސަލަތަކުގެ ތަފާސް ހިސާބުތަކަށް ބާލާލާއިރު ރާއްޖޭގައި ސައިބާ ކްރައިމް މައްސަލަތައް އިތުރުވަމުން ގޮސްފައިވާކަން ފާހަގަކުރެވޭ ކަމަށެވެ. ސައިބާ ކްރައިމް މައްސަލަތައް ފުލުހުންނަށް ހުށަހެޅޭ މިންވަރު އިތުރުވެފައިވާއިރު މިފަދަ މައްސަލަތަކުގެ ތެރެއިން ފުލުހުންނަށް ރިޕޯޓްކުރަނީ 10 ޕަސެންޓްގެ މައްސަލަތައް ކަމަށާއި އަނެއް 90 ޕަސެންޓް މައްސަލަތަކަކީ ފުލުހުންނަށް ރިޕޯޓް ނުކުރާ މައްސަލަތައް ކަމަށް ވެސް ފުލުހުން ބުންޏެވެ.