25 Dec 2012, 11:04
ސިޔާސީ ޕާޓީތަކާއި މަދަނީ ބައެއް ޖަމްއިއްޔާތައް އެކުވެގެން އުފައްދާފައިވާ ދިވެހި ރައްޔިތުންގެ ގައުމީ ހަރަކާތުން ޕީޕީއެމް ވަކިވެއްޖެ އެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަމަވުމް ޕީޕީއެމްގެ ކައުންސިލް މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވިދާޅުވީ ގައުމީ ހަރަކާތުން ވަކިވުމަށް ޕީޕީއެމްއިން ނިންމާފައި ވަނީ ރޭ ބޭއްވި އެޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ކަމަށެވެ.
މަހުލޫފް ވިދާޅުވީ ޕީޕީއެމްގެ ކައުންިސިލުން އެގޮތަށް ނިންމީ މިދިޔަ އަހަރުގެ ޑިސެމްބަރު 23 ވަނަ ދުވަހު ގައުމީ އިއްތިހާދުން ބޭއްވި ބޮޑު މުޒާހަރާއަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަދެއްކި މީހަކު އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާ ދިމާލަށް އެއްޗެހި ކިޔާފައިވާތީ ކަމަށެވެ.
އެ ޖަލްސާގައި ޔާމީނަށް އެއްޗިހި ކިއުމުން ކޮންމެވެސް ވަރަކަށް ހަމަނުޖެހުންވެސް ހިނގި އެވެ. ތޭވީސް ޑިސެމްބަރު އިއްތިހާދަށް އެއްއަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި އެ ޖަލްސާގައި އެ އިއްތިހާދުގެ އިސްސަފުން މީގެ ކުރިން ފެނުނު ލީޑަރުން ފެނިފައެއްނުވެ އެވެ.
ގައުމީ އިއްތިހާދުން މިހާރު އަންނަނީ "ރައްޔިތުންގެ މަޖިލިސް އަބުރާ ރައްޔިތުންނަށް"މި ނަމުގައި މަޖިލީހާ ދެކޮޅަށް ހަރަކާތްތަކެއް ހިންގަމުންނެވެ. އެކަމާ ގުޅިގެން މަޖިލީހުގެ މެންބަރުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.