މިިދިޔަ ހުކުރު ދުވަހު އާއިލާއާ އެކު ރާއްޖޭން ބޭރަށް ފުރާވަޑައިގަތުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތް ކުރެއްވި ނަމަވެސް ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށް ބުނެ ފުރުން މަނާކުރުމުން ދަތުރުފުޅު ފަސްކުރެއްވުމަށް ފަހު އެމަނިކުފާނު މިއަދު ފުރާވަޑައިގެންފި އެވެ.

ރައީސް ނަޝީދުގެ އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެމަނިކުފާނު ފުރާވަޑައިގެންފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ސްރީލަންކަން އެއާލައިންސްގެ ފްލައިޓަކުން ކަމަށެވެ. ނަމަވެސް ނަޝީދު ފުރާވަޑައިގެންނެވީ ކޮން ގައުމަކަށް ކަމެއް އަދި ފުރާވަޑައިގަތީ ކީއްވެގެން ކަމެއް އޮފިޝަލް ވިދާޅެއް ނުވެ އެވެ. ވިދާޅުވީ ފަހުން އެ މައުލޫމާތު ހާމަކުރައްވާނެ ކަމަށެވެ.

ނަޝީދުގެ ބައްޕާފުޅު އާލާސްކަންފުޅާ އުޅުއްވާތީ މިދިޔަ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ރާއްޖެއިން ބޭރަށް ފުރައިވަޑައިގެންނެވުމަށް އާއިލާއާ އެކު ނަޝީދު އެއާޕޯޓަށް ވަޑައިގެންނެވީ ފުރުމުގެ ހުއްދައެއް ހުޅުމާލޭ ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ދީގެން ކަމަށް އެ ކޯޓުން ވަނީ ބުނެފަ އެވެ. އިމިގުރޭޝަނުން ބުނީ ނަޝީދުގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށް ސިސްޓަމުން ދެއްކީ "ޓެކްނިކަލް އެރާއެއް"ގެ ސަބަަބުން ކަމަށެވެ. ނަމަވެސް ނަޝީދުގެ އޮފީހުން އެދުވަހު ބުނީ އެއީ ޖެއްސުންކުރުމުގެ އަމަލެއް ކަމަށެވެ.

ނަޝީދުގެ ތަރުޖަމާން މައްޗަން ގޯޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދިީދީ މީގެ ކުރިން ވިދާޅުވެފައި ވަނީ ނަޝީދު ދެން ފުރާވަޑައިގަންނަވާނީ ރަސްމީކޮށް ފުރުމުގެ ހުއްދަ އިމުގުރޭޝަނުން އޭނާއަށް ދެއްވިކަން އެންގެވުމުން ކަމަށެވެ. އަދި ނަޝީދު ފުރާވަޑައިގަންނަވަން އުޅުއްވީ ބައްޕާފުޅުގެ އޮޕަރޭޝަނެއް ހަމަ އެދުވަހު ޝެޑިއުލްކޮށްފައި އޮތުމުން ހޭނެއްތުމުގެ ކުރިން ބައްޕާފުޅު ދެކިލުމަށް ކަމަށެވެ.