25 Dec 2012, 10:35
އިލްޝާ އއ. އަތޮޅު ކަޕް 2012 ފުޓްބޯޅަ މުބާރާތުގެ ފައިނަލުމެޗުގައި ހޯމަ ދުވަހު ހަވީރު ހިމަންދޫއާއި މާޅޮސް ވާދަކުރި މެޗު ހަތަރެއް ސުމަކުން ހިމަންދޫ ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން މާޅޮސް ޓީމުން ހޯދައިފި އެވެ.
އއ. ރަސްދޫ ފުޓްބޯޅަ ދަނޑުގައި ތިން ރަށުގެ ގިނަ އަދަދެއްގެ ކުޅިބެލުންތެރިންގެ ކުރިމަތީ ކުޅުނު ފޯރިގަދަ ފައިނަލުގައި މާޅޮސް ޓީމަށް ލަނޑުތައް ކާމިޔާބު ކޮށްދީފައި ވަނީ އިބްރާހީމް ނާއިފް އާއި އަހްމަދު އާރިފް އާއި ކެޕްޓަން އަހްމަދު ކަތީފުގެ އިތުރުން އަލީ ނާއިޒު އެވެ.
ފައިނަލް މެޗަށް ފަހު މުބާރާތުގެ އެކިއެކި ވަނަތަކަށް ހޮވުނު ފަރާތްތަކަށް އިނާމާއި ޓްރޮފީ ހަވާލުކުރުން އޮތެވެ. މުބާރާތުގެ މޮޅުކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ރަސްދޫ ޓީމުގެ ސައުދުﷲ އަބްދުﷲ އެވެ. އެންމެ މޮޅު ފޯވަޑަކަށް ހޮވުނީ މުބާރާތުގައި އެންމެ ގިނަ ގޯލް ކާމިޔާބުކޮށް ރަންބޫޓު ހާސިލްކުރި މާޅޮސް ޓީމުގެ ކެޕްޓަން އަހްމަދު ލަތީފު އެވެ. އެންމެ މޮޅު މިޑްފީލްޑަރަކަށް ރަސްދޫ ޓީމުގެ އާދަމް ޝަރީފު ހޮވުނު އިރު އެންމެ މޮޅު ގޯލް ކީޕަރަކަށް ހޮވުނީ އެ ޓީމުގެ އިސްމާއީލް ރަޝީދު އެވެ. މުބާރާތުގެ ފެއާޕްލޭ ކުޅުންތެރިއަކަށް ހިމަންދޫ ޓީމުގެ މުހައްމަދު އަލީ ހޮވުނު އިރު މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވުނީ ތޮއްޑޫ ޓީމެވެ.
އިލްޝާ އިލްޝާ އއ. އަތޮޅު ކަޕު 2012 ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަން މާޅޮސް ޓީމަށް މުބާރާތުގެ ޗެމްޕިއަން ޓްރޮފީގެ އިތުރުން ފައިސާގެ އިނާމުގެ ގޮތުގައި 30،000 ރުފިޔާ ލިބިފައިވެ އެވެ. އަދި ރަނަރަޕް ކަން ލިބުނު ހިމަންދޫ ޓީމަށް 15،000 ރުފިޔާ ލިބިފައިވާ އިރު މުބާރާތުގެ ތިންވަނަ އަށް ދިޔަ ރަސްދޫ ޓީމަށް 5،000 ރުފިޔާގެ ފައިސާގެ އިނާމު ލިބިފައި އެވެ.
އއ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަލީ ސަމީރު ވިދާޅުވީ އަންނަ އަހަރުވެސް އިލްޝާ އއ. އަތޮޅު ކަޕު ފުޓްބޯޅަ މުބާރާތް ބާއްވަން ހަމަޖެހިފައި ވާކަމަށެވެ. އޭގެ އިތުރުން އއ. އަތޮޅު ކަޕުގެ ނަމުގައި އެ އަތޮޅުގެ އަންހެނުންނަށް ހާއްސަ ކޮށްގެން ބޮޑު ކުޅިވަރު މުބާރާތެއް ބޭއްވުމަށް އަތޮޅު ކައުންސިލާއި ރަށުކައުންސިލްތައް އެކުވެގެން އަތޮޅުގެ އެކިއެކި ޖަމްއިއްޔާތަކާއި މަޝްވަރާ ހޯދުމަށް ނިންމަވާފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވި އެވެ.