ކޮލަންބޯ (ޑިސެމްބަރު 25): ސްރީލަންކާ އަށް ކުރަމުން ގެންދާ ވިއްސާރާގައި ފެންބޮޑުވުމުގެ ސަބަބުން 262،091 އަށް ވުރެ ގިނަ މީހުންގެ ދިރުއުޅުމަށް ނޭދެވޭ އަސަރުކޮށް 42 މީހުން މަރުވެ 22 މީހުން ޒަޚަމްވެ ނުވަ މީހަކު ގެއްލިފައިވާކަން އެގައުމުން ހާމަކޮށްފި އެވެ.

ސްރީލަންކާގެ ޑިޒާސްޓާސް މެނޭޖްމެންޓް ސެންޓަރުން ބުނި ގޮތުގައި މިދިޔަ ހަފްތާ އިން ފެށިގެން އެގައުމަށް ކުރަމުންގެންދާ ވިއްސާރާގައި 72،864 ޢާއިލާއެއްގެ 262،091 އަށް ވުރެ ގިނަ މީހުންނަށް ވަނީ ފެންބޮޑުވުމުގެ ނުރައްކަލާ ކުރިމަތިލާންޖެހިފަ އެވެ. މި މީހުން ދިރިއުޅޭ ގެތަކުގެ ތެރެއިން 3،145ގެ މުޅިން ހަލާކުވެފައިވާ އިރު 7،886ގެ ދެބައިކުޅަ އެއްބަޔަށް ހަލާކުވެފައިވާ ކަމަށް ވެސް ޑިޒާސްޓާސް ސެންޓަރުން ބުނެ އެވެ. ސްރީލަންކާގެ ބައެއް ސަރަޙައްދުތަކަށް ރޭވެސް ވިއްސާރަކުރިކަމަށްވެ އެވެ.

މިހާރުކުރަމުންދާ ވިއްސާރައިގެ ގެއްލުން އެންމެ ބޮޑަށް ލިބިފައި ވަނީ ޕޮލުނަރުވާ، އަނޫރާދާޕޫރާ، ޕުޓަލާމް، ބެޓިކަލޯ، ޓްރިންކޮމަލީ، ކެންޑީ، އަދި ގާލީ ހިމެނެ އެވެ. ފެންބޮޑުވުމުގެ ސަބަބުން 25،418 މީހަކު ވަނީ ޙާލުގައި ޖެހިފަ އެވެ.
އެ މީހުންނަށް ސަރުކާރުން ވަނީ ވަގުތީ ހިޔާތަކެއްދީފަ އެވެ. ފެންބޮޑުވުމުގެ ސަބަބުން ސްރީލަންކާގެ ގިނަ ސަރަޙައްދުތަކަކާއި ހައިވޭތަކެއް ވަނީ ބަންދުކޮށްފަ އެވެ. މީގެތެރޭގައި ބެޓިކަލޯ ވަވުނިޔާ ހައިވޭއާއި ޖެފްނާއާއި ނުއްވާރާ އެލިޔާ ވެލިމަޑާ ހައިވޭ ހިމެނެ އެވެ.

ވިއްސާރައިގެ ސަބަބުން ދަނޑުތަކަށާއި އިންފްރާސްޓްރަކްޗަރަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާ ލިބުނު ގެއްލުންތަކުގެ މިންވަރު އަންދާޒާ ކުރަމުން ގެންދާ ކަމަށް ސްރީލަންކާ ސަރުކާރުން ބުނެ އެވެ. (ސްރީލަންކާގެ މީޑިޔާ)