މުޅި ދުނިޔޭގައި މަޝްހޫރު ހޮޓެލް ޗޭނެއް ހިންގަމުން އަންނަ އެމެރިކާގެ ކާޒްނާ އިންޓަނޭޝަނަލް އިން ރާއްޖޭގައި ހިންގާ ހަތް ތަރީގެ ރިޒޯޓް، ވަން އެންޑް އޮންލީ ރީތި ރަށް ރިޒޯޓަކީ ރާއްޖޭގެ ރިޒޯޓްތަކުގެ ތެރެއިން މަޝްހޫރު ރިޒޯޓެކެވެ.

މިހާރު އެރިޒޯޓްގައި ޗުއްޓީ ހޭދަކުރަމުން އަންނަ އިނގިރޭސިވިލާތުގެ ފުޓުބޯޅަ ތަރި ޑޭވިޑް ބެކަމްއާއި އޭނާގެ އާއިލާ، އެ ރިޒޯޓްގައި ޗުއްޓީ ހޭދަކުރަމުން ދާތީ، އެ ރިޒޯޓަށް ކުރިން ނުލިބޭ ފަދަ މަޝްހޫރުކަމެއް އަންނަނީ ލިބެމުންނެވެ. އެއީ ދުނިޔޭގެ މީޑިއާގެ މޫނުބަލާ ލޯގަނޑެއް ފަދަ އިނގިރޭސި މީޑިއާ އިން އެ ރިޒޯޓް މަޝްހޫރުކުރަމުންދާތީ އެވެ.

ބެކަމްގެ ޒިޔާރަތުގެ ވާހަކަ މަޝްހޫރު އިނގިރޭސި ނޫސްތަކުން ކޮންމެ ދުވަހަކު ވެސް ލިޔަމުން އަންނަ އިރު ރީތިރަށް ރިޒޯޓަށް ގިނަ ތައުރީފުތައްކުރެ އެވެ.

ބެކަމްގެ ޒިޔާރަތާ ގުޅޭ ގޮތުން އިނގިރޭސިވިލާތުގެ މަޝްހޫރު ޓެބްލޮއިޑް ނޫސް "ދަ ސަން"ގައި ބުނެފައި ވަނީ ވަން އެންޑް އޮންލީ ރީތިރަށް ރިޒޯޓަކީ "ރާއްޖޭގެ އެންމެ ރަނގަޅު ރިޒޯޓް" ކަމަށެވެ.

ބެކަމް ޗުއްޓީ ހޭދަކުރަމުން އަންނަ ވަން އެންޑް އޮންލީ ރީތި ރަށް ރިޒޯޓްގައިވާ ވަސީލަތްތައް އެކަމާ ބެހޭ ގޮތުން ޑެއިލީ ޓެލެގްރާފްގައި ލިޔެފައިވާ ލިއުމުގައި ބަޔާންކޮށްފައިވެ އެވެ. އެގޮތުން ރީތިރަށް ރިޒޯޓްގައި 130 ޕްރައިވެޓް ވިލާ އާއި 40 ޕޫލާއި 12 ގޮނޑުދޮށާއި ސައުނާތަކާއި ފެންއަރުވާ ވަޑާންތައް ހުރި ވާހަކަ ފާހަގަކޮށްފައިވެ އެވެ.
އަދި އެ ރަށުގެ ފެންވަރު ރަނގަޅުކަން ހާމަކޮށްދިނުމުގެ ގޮތުން، 24 ގަޑި އިރަށް އެއިން ވިލާއަކަށް ދައްކަން ޖެހޭ އަގު ބަޔާންކޮށްފައިވެ އެވެ.

"ބެކަމްއާއި ވިކްޓޯރިއާ ވަނީ. ރެއަކަށް 6000 ޑޮލަރުން ފެށިގެން 14000 ޑޮލަރާ ދެމެދުގެ އަގުތަކުގައި ހުންނަ ސުއިޓްތަކުގެ ތެރެއިން ހަތަރު ސުއިޓް ބުކްކޮށްފަ އެވެ. "ބެކަމްގެ ދަތުރާ ބެހޭ ގޮތުން ފުރަތަމަ ލިއުނު ދަ ސަން އާ ހަވާލާދީ އިނގިރޭސި އެހެން ނޫސްތަކުގައި ލިޔެފައިވެ އެވެ.

ބެކަމްގެ ހަ މިލިއަން ރުފިޔާގެ ދަތުރާ ގުޅިގެން ވަން އެންޑް އޮންލީ ރީތި ރަށް ރިޒޯޓަށް އިނގިރޭސި ނޫސްތަކުން ތައުރީފުކުރަމުންދާ އިރު އިނގިރޭސިވިލާތަކީ ދެ ވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން ރާއްޖެ އަންނަ ގައުމެވެ. އެހެންވީމާ ބެކަމްގެ ދަތުރާއި އިނގިރޭސި މީޑިއާ އިން ރީތިރަށަށް ކުރާ ތައުރީފަކީ ރާއްޖޭގެ ޓޫރިޒަމަށް ރަނގަޅު އަސަރެއް ކުރާނެ ކަމެއް ކަމަށް ބެލެވެ އެވެ.